ދުނިޔެ

އިސްރާއީލުގެ ހިސާރު ނައްތާލުމަށް 35 ޖަމްއިއްޔާއަކުން ގޮވާލައިފި


އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އަޅާފައިވާ ހިސާރުގެ ފިޔަވަޅުތައް ނިމުމަކަށް ގެނައުމަށް އިންސާނީ އެހީގެ ދާއިރާގައި މަސައްކަތްކުރާ ދުނިޔޭގެ ބޮޑެތި ޖަމްއިއްޔާތަކުގައި ހިމެނޭ 35 ޖަމްއިއްޔާއަކުން އިސްރާއީލުގެ ސަރުކާރަށް އިލްތިމާސްކޮށްފިއެވެ.މިޖަމާއަތްތަކުން ޣައްޒާގެ ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ބަލައި ދިރާސާކުރުމަށްފަހު ނެރުނު ގުޅިފައިވާ ބަޔާނުގައި އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އަޅާފައިވާ ހިސާރުގެ ފިޔަވަޅުތަކަކީ އިންސާނީ ހައްގުތަކާ ޚިލާފު އަނިޔާވެރި ފިޔަވަޅުތަކެއް ކަމަށް ވަނީ ސިފަކޮށްފައެވެ.ޣައްޒާގެ ޙިސާރު ނައްތާލުމަށް ގޮވާލައި އިސްރާއީލާ ދެކޮޅަށް ބަޔާން ނެރުނު ޖަމްއިއްޔާތަކުގެ ތެރޭގައި އިނގިރޭސިވިލާތުގެ "އޮކްސްފާމް" އާއި "އެކްޝަން އަގެއިންސްޓް ހަންގާ" ޖަމާއަތްފަދަ ދުނިޔޭގެ ކަންކޮޅުތަކުގައި ހާލުގައިޖެހިފައިވާ މީހުނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ބޮޑެތި ޖަމްއިއްޔާތައް ހިމެނެއެވެ.މިބަޔާން ބުނާގޮތުން އިސްރާއީލުން 3 ފަހަރެއްގެ މަތިން ޣައްޒާއާ ދެކޮޅަށް ކުރި ހަނގުރާމަތަކުގައި ޣައްޒާގެ އާންމުންގެ ގެދޮރުގެ ތެރޭން 19 ހާސް ގެއެއް އެއްކޮށް ސުންނާފަތިކޮށްލާފައިވާއިރު އިތުރު 8 ހާސް ގެވަނީ މަރާމާތުނުކޮށް ދިރިނޫޅެވޭ ވަރަށް ހަލާކުކޮށްލާފައެވެ.މީގެއިތުރުން ޣައްޒާގައިވާ ފަލަސްތީނުގެ ސަރުކާރުގެ މުއައްސަސާތަކާއި އުމްރާނީ ތަރައްގީގެ ވަސީލަތްތަކުގެ 40 އިންސައްތަވެސް އިސްރާއީލުގެ ހަމަލާތަކުގައިވަނީ ހަލާކުވެފައެވެ.ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ހިންގާފައިވާ އުދުވާންތަކުގައި ޣައްޒާގެ ހޮސްޕިޓަލްތަކާއި ކްލިނިކްތަކާއި ސިއްޙީ މަރުކަޒުތަކުގެ ތެރެއިން 81 ތަނެއްވަނީ މަރާމާތުނުކޮށް ބޭނުންނުކުރެވޭ ވަރަށް ހަލާކުކޮށްލާފައެވެ. އަދި ތަޢުލީމުދޭ ސްކޫލްތަކާއި ފެކަލްޓީތަކާއި ޔުނިވަރސިޓީތަކާއި ކޮލެޖްތަކުގެ ތެރޭން 11 ތަނެއް އެއްކޮށް ސުންނާފަތިކޮށްލާފައިވާއިރު 253 ތަނެއްވަނީ މަރާމާތުކޮށްގެންނޫނީ ބޭނުން ނުކުރެވޭވަރަށް ހަލާކުކޮށްލާފައެވެ.ޣައްޒާގެ ފެނާއި ނަރުދަމާގެ ބޮޑުބައެއް ހަލާކުކޮށްލުމުގެ ސަބަބުން ދޮޅުލައްކައެއްހާ މީހުންވަނީ ސާފުބޯފެނާއި ނަރުދަމާއިން މަހްރޫމްވެފައެވެ. މިތަންތަން އަލުން ބިނާކޮށް އާރާސްތު ކުރުމަށް ބޭނުންވާ ސިމެންތިއާއި ދަނގަނޑާއި ލަކުޑިއާއި ހާޑްވެއަރ ގެ ތަކެތި ޣައްޒާއަށް އެތެރެ ނުކުރެވެނީ ޣައްޒާއާ ދެކޮޅަށް އިސްރާއީލުން އަޅާފައިވާ ޙިސާރުގެ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުންނެވެ.މިގޮތުން ފާއިތު އަހަރެއްހާ ދުވަހުގެ ތެރޭގައި އދ. ގެ ބެލުމުގެ ދަށުން ޣައްޒާއަށް އެތެރެކުރެވިފައިވަނީ ޣައްޒާ އަލުން އާރާސްތުކުރުމަށް ބޭނުންވާ ތަކެތީގެ އެންމެ ފަހެއް އިންސައްތަކަމަށާ މިގޮތަށް ތަކެތި އެތެރެކުރާނަމަ  ކުރިޔަށްއޮތް 17 އަހަރުތެރޭގައިވެސް ޣައްޒާ އަލުން ބިނާ ނުކުރެވޭނެކަމަށް އިސްރާއީލާ ދެކޮޅަށް ބަޔާން ނެރުނު 35 ޖަމްއިއްޔާއިން ބުނެއެވެ.ޣައްޒާ އަލުން ބިނާކޮށް އާރާސްތުކުރުމަށް ބޭނުންވާ މާލީ އެހީ ދިނުމަށް ފަސް ބިލިޔަން އެމެރިކާ ޑޮލަރު ބޭނުންވާކަމަށް ފަލަސްތީނުގެ ސަރުކާރުން ލަފާކޮށްފައިވާއިރު މީގެތެރެއިން 3.5 ބިލިޔަން ޑޮލަރު ހިލޭ އެހީގެ ގޮތުގައި ދިނުމަށް ދުނިޔޭގެ ގައުމުތަކުން ވަނީ ވައުދުވެފައެވެ. މިގައުމުތަކުން ވެފައިވާ ވައުދުތަކާ އެއްގޮތަށް ފައިސާ ދިނުމަށް ތައްޔާރަށް ތިބިނަމަވެސް ޣައްޒާ އަލުން އާރާސްތުކުރުމަށް އެޅިފައިވާ ހުރަހަކީ އެކަމަށް ބޭނުންވާ ސިމެންތިއާއި ދަނގަނޑާއި ލަކުޑިފަދަ ތަކެތި ޣައްޒާއަށް އެތެރެކުރުމަށް އިސްރާއީލުން އަޅަމުންގެންދާ ހުރަސްތަކާއި ޣައްޒާއާ ދެކޮޅަށް އިސްރާއީލުން އަޅާފައިވާ ހިސާރުގެ ފިޔަވަޅުތައް ކަމަށް އިންސާނީ އެހީގެ ދާއިރާގައި މަސައްކަތްކުރާ ޖަމްއިއްޔާތަކުން ބުނެއެވެ.