ޚަބަރު

90 މިނެޓުގެ ތެރޭގައި ނަތީޖާ ލިބޭ ކިޓުތަކެއް އިނގިރޭސިވިލާތުގައި ބޭނުންކުރަނީ


ކޯވިޑް-19އަށް ތަހުލީލުކޮށް 90 މިނެޓުގެ ތެރޭގައި ނަތީޖާ ލިބޭ ތަހުލީލު ކިޓުތަކެއް އިނގިރޭސިވިލާތުގެ ހަސްފަތާލުތަކާއި މުސްކުޅިން ބަލަހައްޓާ މަރުކަޒުތަކާއި ލެބޯޓަރީތަކުގައި ބޭނުންކުރަން ތައްޔާރުވެއްޖެއެވެ.

އިނގިރޭސިވިލާތުގެ ޞިއްޙަތާބެހޭ ވަޒީރު މެޓު ހެންކޮކު ވިދާޅުވީ ޑީއެންއޭ ބޭނުންކޮށްގެންކުރާ 5.8 މިލިއަން ކިޓާއި ސުވެބު ބޭނުންކޮށްގެން ކުރާ 450،000 ކިޓު ކުރިއަށް އޮތް ދުވަސްތަކުގައި ޞިއްޙީ އިދާރާތަކަށް ފޮނުވާނެކަމަށެވެ. އެ ކިޓުތައް ތަޢާރަފުކުރުމުގެ ބޭނުމަކީ ކުރިއަށް އޮތް ދުވަސްތަކުގައި އެ ޤައުމުގައި ތަހުލީލުކުރާ މިންވަރު އިތުރުކޮށް، ނަތީޖާތައް އަވަހަށް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުންކަމަށް ހެންކޮކު ވިދާޅުވިއެވެ. އެ ތަހުލީލުތަކުން ކޯވިޑް-19ގެ އިތުރުން ޢާންމު ރޯގާވެސް ދެނެގަނެވޭނެކަމަށާއި ކުރިއަށްއޮތް ފިނި މޫސުމުގައި އޭގެ ބޭނުން ވަރަށް މުހިންމުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ވިލާތުގެ ޤައުމުތަކުގެ ތެރެއިން އެންމެ ހަލުވިކޮށް ކޯވިޑް-19 ފެތުރޭ އެއް ޤައުމަކީ އިނގިރޭސިވިލާތުގައެވެ. އެ ޤައުމުގައި މިހާތަނަށް 304،695 މީހުންނަށް ކޯވިޑް-19 ޖެހި، 28،445 މީހުންވަނީ މަރުވެފައެވެ. ބަލި ފެތުރޭ މިންވަރު އިތުރުވުމުގެ ސަބަބުން އެ ޤައުމުގެ ޞިއްޙީ ނިޒާމަށްވަނީ ބާރުބޮޑުވެފައެވެ.