ރާއްޖޭގައި އާއްމުންގެ ތެރެއިން ކޯވިޑް-19 ފެނި އެޅި ފިޔަވަޅުތަކަކީ ދިވެހިން މީގެކުރިން ދުވަހަކުވެސް ކުރިމަތިވެދާނެކަމަށް ހީކުރިފަދަ ބަންދެއް ނޫނެވެ. ބޯޑަރުތައް ބަންދުވިއެވެ. ބޭހަށް ދާންޖެހޭ މީހުންނަށް ބޭހަށް ނުދެވި ތާށިވިއެވެ. ކިޔެވުމާއި އެހެނިހެން ދަތުރުތަކުގައި ބޭރުގައި ތިބި އެތައް ދިވެހިންނެއް އެ ޤައުމުތަކުގައި ބަންދުވިއެވެ. މިވަރަކުން ނިމުނީކީ ނޫނެނެވެ. ގޭގެ ހަތަރު ފާރުތެރޭގައި ބަންދުވެ ބޭނުންވާ މުހިއްމު ބައެއްކަންކަމަށް ހުރަސްއެޅުނެވެ. އާއިލީ މީހުންގެ ކައިރިއަށް ނުދެވުމާއި ގާތްރެހުމެތިންނާއި ބައްދަލުނުވެ އެތައް ދުވަހަކު ގޭގައި މަޑުކުރަން ޖެހުނެވެ. ދިވެހިން ކޮންމެ އަހަރަކު އެންމެ އުފަލާއި އެކު ފާހަގަކުރާ ރޯދަމަސްވެސް ނިންމާލީ އެއްވެސް ޝަކުވާއެއް ކުރުމެތްނެތި ގޭގައި ތިބެގެންނެވެ. މި ދަތި އުނދަގޫ ހާލަތުގައިވެސް ޑޮކްޓަރުންނާއި ސިއްހީ މާހިރުން ދެއްވި އިރުޝާދުތަކަށް ތަބާވެ އަތް ދޮވުމާއި ސާފުކުރުމާއި މި ނޫންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި ޒިންމާ އަދާކުރިއެވެ.
ދިވެހިންގެ މި ނަމޫނާ ސިފައާއި އެކު ރާއްޖެއިން ކޯވިޑް ކޮންޓްރޯލް ކުރެވި ބަލި ޖެހޭ މީހުންގެ އަދަދު ވަރަށްބޮޑަށް ދައްކުރެވުނެވެ. ސިއްޙީ މާހިރުންގެ ހެދި ހިސާބުތަކަށްވުރެ އެތައް ގުނައެއް ތިރީގައި ބަލީގެ ހާލަތު ހިފެހެއްޓިއެވެ. ފުރަބަންދުގައި އޮތް ދުވަސްވަރު ދިވެހިންނަށް އެތައް ތަކްލީފުތަކާއި ކުރިމަތިލާން ޖެހުނެވެ. އެއްބައެއް ގެ ވަޒީފާ ގެއްލި އަނެއް ބައެއް ދިރިއުޅެވޭނެ ގޮތް ނެތިގެން ދިޔައެވެ. އެހެންކަމުން ގިނަ މީހުން ބޭނުންވީވެސް ފުރަބަންދަށް ލުއިތަކެއް ލިބޭށެވެ.
ފުރަބަންދަށްފަހު ދިން ލުއިތަކާއި އެކު މިވަނީ ބަލިފެތުރޭލެއް އަނެއްކާވެސް ބޮޑުތަނުން އިތުރުވެފައެވެ. ދުވާލެއްގެ މައްޗަށް ބަލިޖެހޭ މީހުންގެ އަދަދު އިތުރުވަމުން އައިސް އެންމެ ފަހުން އެއަދަދު ވަނީ ދުއިސައްތައަށްވުރެ މައްޗަށް ގޮސްފައެވެ. ބަލިޖެހޭ ދިވެހިންގެ އަދަދު 100 މަތީގައި ހުންނަތާ ޖެހިޖެހިގެން ދެ ދުވަސްވެ މުޅި ޤައުމު މިހާރުވަނީ ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިފައެވެ.
ބަލީގެ މީހުންގެ އަދަދު އިތުރުވާން ފެށުމުން އެކި މީހުން ދައްކަނީ އެކި ވާހަކައެެވެ. އެއްބަޔަކު މިކަން ސަރުކާރުގެ މައްސަލަތަކެއްކަމަށް ބުނަމުން ދެއެވެ. އަނެއް ބަޔަކު ސިއްޙީ މާހިރުންނަށް ފާޑުކިޔައެވެ. މިހެން ގޮސް އެތައް ވާހަކައެކެވެ. މީގެތެރެއިން ބައެއް ތުހުމަތުތަކީ ރަނގަޅު ވާހަކަތަކަށްވެސް ވެދާނެއެވެ. ސަބަބަކީ ބަލި ކޮންޓްރޯލްކުރުމުގައި ސަރުކާރާއި ސިއްހީ މާހިރުންގެ ދައުރު ބޮޑުވީމައެވެ. އެހެންނަމަވެސް މިކަމުގައި ސަރުކާރާއި ސިއްހީ މާހިރުންގެ މަސައްކަތުން އެކަނި ބަލި ކޮންޓްރޯލެއް ނުކުރެވޭނެއެވެ.
ފުރަބަންދަށް ދިން ލުތަކާއި އެެކު ފަރުދީ ޒިންމާގެ މަތިން ދިވެހިން ހަދާން ނެތިއްޖެއެވެ. ކެފޭތަކާއި ރެސްޓޯރަންޓްތަކުން ހުސް އެންމެ ޖާގައެއްވެސް ނުފެނެއެވެ. މާސްކު އެޅުމަކީ ކިހާ މުހިއްމުކަމެއްކަން ޑޮކްޓަރުން ބުނެދޭއިރުވެސް މިކަން އިވޭ މީހަކުވެސް ނެތްހެން ހީވާ ފަހަރު މަގުމައްޗަށް ނުކުމެލާ ކޮންމެ ފަހަރަކު އެބެފެނެއެވެ. ކަންކަން މައްޗާއި ކޮފީ ބޯ ތަންތަނުގެ ކުރިމަތީގައި ބައިބަޔަށް ބޮނޑިބޮނޑި އެއްވެ ޖަމާވެ ތިބެނީ އެއްވެސް ގައިދުރުކަމެއް ނެތިއެވެ.
ބަލިޖެހޭ މީހުންގެ ޢަދަދު މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން އިންތިހާއަށް އިތުރުވާން ފެށުމުން ފިޔަވަޅުތައް ވަރުގަދަ ކުރަންޖެހޭ ވާހަކަ އާއި އަލުން ފުރަބަންދަކަށް ދިއުމުގެ ވާހަކަ އަޅުގަނޑުމެންގެ ތެރޭގައި މިވަނީ ގަދަވެފައެވެ. ބަލީގެ ހާލަތު ގޯހުން ގޯހަށް ދާނަމަ އަނެއްކާވެސް ބަންދަކަށް ދާންޖެހިދާނެކަމުގެ އިޝާރާތްތައްވެސް ކަމާއި ބެހޭ ބައެއް އިދާރާތަކުން އަންނަނީ ދެމުންނެވެ. އެކަމަކު އުފެދޭ އެއް ސުވާލަކީ އަބަދު ފުރަބަންދުގައި ތިބެވޭނެތޯއެވެ. ނުވަތަ އަލުން ފުރަ ބަންދަކަށް ގޮސް އެތައް ދުވަހަކު ތިބުމަށްފަހު އަނެއްކާވެސް ލުއިތައް ދޭން ފަށާ ހިސާބުން ދެންވާނީ ކިހިނެއްބާއެވެ.
ބަލީގެ ފަރުވާ އާއި ވަސީލަތްތަކުގެ ވާހަކަދައްކާލަމާތޯއެވެ. އަޅުގަނޑުމެންގެ ތެރޭގައި މިބަލިމަޑުކަމާއި ގުޅިގެން ހަމަޖެހިފައިވާ އިންތިޒާމްތަކަކީ ދުނިޔޭގެ އެހެން ޤައުމުތަކާ އަޅާބަލާއިރު މަދު އަދި އެންމެ މަތީ ފެންވަރުގެ އިންތިޒާމުތަކަށް ނުވިނަމަވެސް ދުނިޔޭގައި ސިއްޙީ ގޮތުންނާއި ތަރައްޤީގެ ގޮތުން އެންމެ ކުރިއަރާފައިވާ ޤައުމުތަކުގެ ހާލަތަށް މިއަދު ބަލާލުން ރަނގަޅެވެ. ދުނިޔޭގެ އެންމެ ވަރުގަދަ އެންމެ ބޮޑެތި ބާރުތަކުގައި މިބަލީގެ ހާލަތައް ބަލާއިރުވެސް އެހުރިހާ ވަސީލަތްތަކާއެކުވެސް މިބަލިމަޑުކަމުގެ ކުރިމަތީގައި ޖެހުނީ ކުޑަކަކޫ ޖަހާށެވެ. އެޤައުމުތަކުން މިބަލީގައި މަރުވި މީހުންނާއި ބަލިޖެހުނު މީހުންގެ އިތުރުން ފަރުވާގެ ކަންކަން ދިޔަގޮތް އެއޮތީ ފެންނާށެވެ.
ބަލިން ރައްކާތެރިވުމަށް ކުރަންޖެހޭ ކަމަކީ އަނެއްކާ ފުރަބަންދަކަށް ދިޔުމެއް ނުވަތަ ފިޔަވަޅުތައް ހަރުކަށިކުރުމެއް ނޫނެވެ. ކުރަންޖެހާވެސް ކަމަކީ އަޅުގަޑުމެންގެ ދިރިއުޅުމުގެ އާދަތައް ބަދަލު ކުރުމުވެ. ބަލި ނުފެތުރޭނެ ގޮތަކަށް އަމަލުތައް ބެހެއްޓުމެވެ.
ފުރަތަމަކަމަކީ މި ބަލީގެ ނުރައްކާތެރިކަން ޤަބޫލުކުރުމެވެ. މީ ބަޔަކު ހަދައިގެން އުޅޭ ބައްޔެއް ނުވަތަ ފަސޭހައިން ރަނގަޅުވާ ބައްޔެއްކަމަށް ދެކޭ ދެކުން ބަދަލުކުރުމެވެ. މި ބަލީގައި މަރުވާ މީހުންނާއި ބަލީގައި ބައެއް މީހުންނަށް ކުރިމަތިވި އުދަނގޫތައް އެނގި އެކަންކަން ދެނެގަތުމެވެ.
ދެން އޮތީ ބަލިން ރައްކާތެރިވުމަށް އަމިއްލައަށް ފިޔަވަޅުތައް އެޅުމެވެ. މި ބަލީގެ އަލާމަތްތައް ހިތުދަސްވެ ހަދާނުން ފިލައިގެން ނުދާވަރަށް އެ ވާހަކަތައް ކޮންމެ ދުވަހަކު އެދަނީ ރޭޑިއޯ ޓީވީތަކުގެ އިތުރުން ނޫސްތަކުން ގެނެސްދެމުންނެވެ. ބަލި ޖެހުނީކަމަށް ބަލަނީ ހަމައެކަނި ޕޮޒިޓިވްވުމުންކަމަށް ބަލާ ބެލުންވެސް ދޫކޮށްލަން އެބަޖެހެއެވެ. ކެއްސާ ރޯގާގެ އަލާމާތެއް ނުވަތަ ހުމުގެ އަލާމާތެއް ހުރިނަމަ އަމިއްލައަށް އެކަހެރިވެ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންވީއެވެ. ރައްޓެހިންނާއި އާއިލާ މީހުން ކައިރިއަށް ނުގޮސް ގޭގައި މަޑުކޮށްގެން ހުންނަންވީއެވެ. އަދި އަމިއްލަ ނަފްސާއި ހަމައިން ނިންމާވެސް ނުލާށެވެ. އާއިލާ މީހަކު ނުވަތަ ދިމާވެފައިވާ ރައްޓެއްސެއްގެ ކިބައިން މި ފަދަ އަލާމާތެއް ފެނުނަސް އަމިއްލައަށް އެކަހެރިވާން އެބަޖެހެއެވެ. ނޫނީ އަނެއްކާވެސް އާއިލާ އެހެން މީހަކަށް ނުވަތަ ރައްޓެއްސަކަށް ބައްޔަށް ދައުވާތު ދެވެނީއެވެ.
ރާއްޖޭގެ މިހާރުގެ ހާލަތާއި ގުޅިގެން އެކި ބޭފުޅުން އެކި ގޮތަށް ވާހަކަދައްކަމުންދާއިރު މިފަދަ ބަލިމަޑުކަމަކުން އަރައިގަތުމަކީ ހަމައެކަނި ސަރުކާރުން އެކަނި ކުރާ މަސައްކަތަކުން ކުރެވޭނެކަމެއްނޫންކަމަށް ކަމުގެ ތަޖުރިބާކާރު ބޭފުޅުން ގެންދަވަނީ ވިދާޅުވުމުންނެވެ. އެގޮތުން ކުރީގެ ހެލްތް މިނިސްޓަރުކަން ކުރައްވާފައިވާ އަދި ޑަބްލިއުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިޔާ ސަރަހައްދަށް ކަނަޑައަޅުއްވާފައިވާ އެޑްވައިޒަރ ޑރ. މުޙައްމަދު ޖަމްޝީދު ވިދާޅުވީ ބަލިތައް ކޮންޓްރޯލްކުރުމަކީ ހަމައެކަނި ސަރުކާރަށް ކުރެއްވޭނެކަމެއް ނޫންކަމަށާއި ފަރުދުންނާއި މުޖުތަމަޢުގައިވެސް އެކަމުގައި އެއްވަރަކަށް ޝާމިލްވާކަމަށެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ އުޅުމާއި ގުޅުންތަކާއި އާދަތައް ދެނެގަނެ ވަޒަންކޮށް އަމިއްލަ ޒިންމާ އާދާކޮށް ބަލި ފެތުރުން މަދުކުރުމަށް ޒިންމާއަދާކުރުމުގެ މުހިއްމުކަން ޑރ. ޖަމްޝީދު ވަނީ ފާހަގަކުރައްވާފައެވެ.
ރާއްޖެއިން ކޯވިޑް-19 ފެނުނުތާ މިއަދަށް 149 ދުވަސްވެފައި ވާއިރު ބަލި ޖެހުނު 4,164 މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަކީ ދިވެހިންނެވެ. އަދި އެޑްމިޓްކުރަންޖެހޭ މީހުންގެ އަދަދު މިހާރު ދަނީ އިތުރުވަމުންނެވެ. އަދި މިބަލީގައި މަރުވާ މީހުންގެ އަދަދުވެސް މަޑުމަޑުން މިދަނީ އިތުރުވަމުންނެވެ.
ޙަޤީގަތަކީ އަޅުގަނޑުމެންގެ ތެރެއިން ބައެއް ބޭފުޅުންނަށް އަދިވެސް މިބަލީގެ ސީރިސްކަން އެނގެންޖެހޭ މިންވަރަށް އެނގިފައިނުވުން ނުވަތަ މިބަލީގެ ނުރައްކާތެރިކަން ޤަބޫލުނުކުރެވުމެެވެ.
ސިއްޙީ ޚިދުމަތްތެރިންނާއި ބަލީގެ އެކި ކަންކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ރައްޔިތުން ބޭނުންވާ ކޮންމެ ވަގުތެއްގައި އެބޭނުންވާ ކަންކަން ނުކުރެވޭކަމުގެ ޝަކުވާ ކުރާއިރު އަޅުގަނޑުމެން ވިސްނާލުން ރަނގަޅު އެތައްކަމެއް އެބަހުއްޓެވެ. ފުރަތަމަ ކަމަކަމަށް އެމީހުންނަކީވެސް އަޅުގަނޑުމެންފަދަ އިންސާނުންކަމާއި އެމީހުންނަށްވެސް ހުއްޓާނުލާއި އަޅުގަނޑުމެންގެ ޚިދުމަތުގައި ނުތިބެވޭނެކަން އަޅުގަނޑުމެން ދަންނަވާނެއެވެ. އާބާދީ މަދުނަމަވެސް ބަލި އިތުރުވެގެންދާނަމަ އެފަރާތްތަށްވެސް ޚިދުމަތް ދިނުމުގައި ބޮޑެތި ދަތިތަކާއި ކުރިމަތިވާނެއެވެ. އަދި މިފަދަ ބަލިމަޑުކަމެއްގެ ތެރޭގައި ބަލިޖެހޭ ސިއްޙީ ޚިދުމަތްތެރިވެސް އިތުރވަމުންދާކަން އަޅުގަނޑުމެންނަށް މިދަނީ ފެންނަމުންނެވެ.
ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދުއިތުރުވަމުންދާތީ ހުރިހާ އެންމެންގެވެސް އެއްބާރުލެއްވުން ވަރަށް މުހިންމުކަން ފާހަގަކޮށް ސަރުކާރުން މިހާރުމިވަނީ އިތުރު ފުރަބަންދަކަށް ދިއުމަކީ ކުރަން ރަގަޅު ކަމެއްނޫންކަން ހާމަކޮށްފައެވެ. އެެހެންކަމުން ހުރިހާ ރައްޔިތުންވެސް ވީހާވެސް ބޮޑަށް ބޭރަށް ދިއުން މަދުކޮށް މާސްކުއަލައި ސާފްތާހިރުވުމަކީ މިހިނދަށް އިންތިހާއަށް މުހިއްމުކަމަށްމިވަނީ ވެފައެވެ.