ޚަބަރު

ގިނަ ޢަދަދެއްގެ ޠާލިބާނު ހަނގުރާމަވެރިން މިނިވަންކޮށްފި


ގިނަ ޢަދަދެއްގެ ޠާލިބާނު ހަނގުރާމަވެރިން އަފްޣާނިސްތާނުގެ ސަރުކާރުން މިނިވަންކޮށްފިއެވެ.

އަޟްޙާ ޢީދާ ދިމާކޮށް ތިން ދުވަހުގެ މުއްދަތަށް ޠާލިބާނުންނާއި އަފްޣާނިސްތާނުގެ ސަރުކާރާ ދެމެދު ޙަމަލާ ބަދަލުކުރުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުންވަނީ ކާމިޔާބުކަމާއެކު ދަމަހައްޓައިފައެވެ. ޞުލްޙައިގެ މަޝްވަރާތައް އަވަސްކުރުމަށް ޝައުގުވެރިވާކަން ޔަޤީންކޮށްދިނުމަށް އަޟްޙާ ޢީދު ދުވަހުން ފެށިގެން މިހާތަނަށް 317 ޠާލިބާނު ހަނގުރާމަވެރިންވަނީ އަފްޣާނިސްތާނުގެ ސަރުކާރުން މިނިވަންކޮށްފައެވެ.

އަފްޣާނިސްތާނުގައި ޞުލްޙަ ޤާއިމުކުރުމަށް ޠާލިބާނުންނާއި އެމެރިކާއިން މި އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި ވެފައިވާ އެއްބަސްވުމުގެ ދަށުން މާރިޗު މަހުގެ ތެރޭގައި އަފްޣާނިސްތާނުގެ ސަރުކާރާއެކު ޠާލިބާނުން މަޝްވަރާތައް ކުރުމަށްވަނީ ޝަރުތުކޮށްފައެވެ. އެއްބަސްވުމުގެ ދަށުން އަފްޣާނިސްތާނުން ހައްޔަރުކޮށްފައިވާ 5،000 ޠާލިބާނު ހަނގުރާމަވެރިން މިނިވަންކުރުމަށް އެ ޤައުމުގެ ސަރުކާރުންވަނީ އެއްބަސްވެފައެވެ. އޭގެ ތެރެއިން ގިނަ ޢަދަދެއްގެ ހަނގުރާމަވެރިން މިނިވަންކުރިނަމަވެސް ނުރައްކާތެރި މުޖުރިމުންގެ ގޮތުގައި ބެލެވޭ 400 ހަނގުރާމަވެރިން މިނިވަންކުރުމަށް އަފްޣާނިސްތާނުގެ ސަރުކާރުން ފަސްޖެހުމުން ޞުހްޙައިގެ މަޝްވަރާތަކަށްވަނީ ހުރަސްއެޅިފައެވެ. ނަމަވެސް ޢީދަށްފަހު ޞުލްޙައިގެ މަޝްވަރާތައް ފަށާނެކަމުގެ އިޝާރާތެއް އަފްޣާނިސްތާނުގެ ސަރުކާރުގެ އިތުރުން ޠާލިބާނުންވެސްވަނީ ދީފައެވެ.

ޢީދު ތެރޭގައި ދޫކޮށްލި 317 ހަނގުރާމަވެރިން ހިމެނެނީ އެއްބަސްވުމުގެ ބޭރުން މިނިވަންކޮށްފައިވާ 500 ޠާލިބާނު ހަނގުރާމަވެރިންގެ ތެރޭގައެވެ. އެ މީހުން މިނިވަންކޮށްފައިވަނީ ޞުލްހަ ޤާއިމުކުރުމަށް ބޭނުންވާކަން ހާމަކުރުމަށެވެ. އެއާއެކު މިހާތަނަށް އަފްޣާނިސްތާނުގެ ސަރުކާރުން މިނިވަންކުރި ޠާލިބާން ހަނގުރާމަވެރިންގެ ޢަދަދުވަނީ 4،917އަށް އަރައިފައެވެ.

އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީ ވިދާޅުވީ ނުރައްކާތެރި ހަނގުރާމަވެރިން މިނިވަންކުރުމުގެ ބާރު އޭނާއަށް ލިބިވަޑައިނުގަންނަވާކަމަށެވެ. އެ މައްސަލައާމެދު ގޮތެއް ނިންމުމަށް އެ ޤައުމުގެ އިސްވެރިންގެ މަޖިލީހަކުން މަޝްވަރާކުރާނެކަމަށް އޭނާ ވިދާޅުވިއެވެ. އެމެރިކާއިންވަނީ ނުރައްކާތެރި ހަނގުރާމަވެރިން މިނިވަންކުރުމުގެ ބަދަލުގައި ގޭބަންދަށް ބަދަލުކުރުމަށްފަހު، މަޝްވަރާތައް ބޭއްވުމަށް ހުށަހަޅައިފައެވެ.