ދުނިޔޭގެ ވިޔަފާރި

އެޗްއެސްބީސީގެ ފައިދާ 65 އިންސައްތަ ދަށަށް


އެޗްއެސްބީސީއަށް މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހު ލިބުނު ފައިދާ 65 އިންސައްތަ ދަށަށް ހިނގައްޖެއެވެ.

އިނގިރޭސިވިލާތުގެ އެންމެ ބޮޑު ބެންކު، އެޗްއެސްބީސީން އާއްމުކޮށްފައިވާ ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ފުރަތަމަ 6 މަސްދުވަހު ޓެކްސްއަށް ކެނޑުމުގެ ކުރިން އެކުންފުންޏަށް 12.4 ބިލިއަން ޑޮލަރުގެ ފައިދާއެއް ވަނީ ލިބިފައެވެ. ނަމަވެސް މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހު އެކުންފުނީގެ ފައިދާވަނީ 65 އިންސައްތަ ދަށަށް ގޮސް، 4.3 ބިލިއަން ޑޮލަރަށް ވެއްޓިފައެވެ.

ކޯވިޑްއާ ގުޅިގެން އެޗްއެސްބީސީގެ ވިޔަފާރިއަށް އަސަރުކުރާނެކަމަށް ލަފާކުރިޔަސް، މިއީ ކުރިން ލަފާކުރި ވަރަށް ވުރެ ބޮޑު ދަށްވުމެއްކަމަށް އެޗްއެސްބީސީން ބުނެއެވެ. މީގެ މައިގަނޑު ސަބަބަކީ ބައެއް ފަރާތްތަކުން ނަގާފައިވާ ލޯނުތައް ނުދެއްކުމާއި، ބެންކުގެ އިންޓްރެސްޓް ރޭޓްތައް ދަށްވުންކަމަށް އެޗްއެސްބީސީން ބުނެއެވެ.

އެޗްއެސްބީސީން ބުނީ ކޯވިޑްއާ ގުޅިގެން 7 ލައްކައެއްހާ މީހުންގެ ލޯނާއި، ކްރެޑިޓް ކާޑަށް ދައްކަންޖެހޭ ފައިސާ ފަސްކޮށްދީފައިވާކަމަށެވެ. އެއީ ޖުމްލަ 27 ބިލިއަން ޑޮލަރުކަމަށްވެސް އެޗްއެސްބީސީން ބުނެއެވެ.

ކޯވިޑްއާ ގުޅިގެން އެޗްއެސްބީސީއަށް ލިބުނު ފައިދާ ދަށަށް ގޮސްފައިވާއިރު، އެބެންކުން ވަނީ ގިނަ އަދަދެއްގެ މުވައްޒަފުން މަދުކޮށް، ބައެއް ޤައުމުތަކުގައި ހިންގާ ބްރާންޗުތައްވެސް ބަންދުކުރުމަށް ނިންމާފައެވެ.