ކުޅިވަރު

ތަހުގީގެއް ކުރިއަށް ދިޔަކަމުގައިވިޔަސް އިންފަންތީނޯ ސަސްޕެންޑެއް ނުކުރާނެ - ފީފާ


ކުށެއް ކުރިކަމުގެ ތުހުމަތުގައި އިންފަންތީނޯގެ މައްޗަށް ތަހުގީގެއް ކުރިއަށް ގެންދިޔަ ނަމަވެސް އެއީ އޭނާ މަގާމުން ސަސްޕެންޑް ކުރަންޖެހޭ ސަބަބެއް ނޫންކަމަށް ފީފާއިން ބުނެފިއެވެ.

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ފީފާއިން މިހެންބުނެފައި މިވަނީ އެއިދާރާގެ ރައީސް ޖިއާނީ އިންފަތީނޯގެ މައްސަލައެއް ސްވިޒަލޭންޑުގެ ސްޕެޝަލް ޕްރޮސެކިއުޓާއިން ބަލަމުންދާތީ އެކަމާއި ގުޅުވައިގެންނެވެ.

ސްވިޒަލޭންޑުގެ ޕްރޮސެކިއުޓާއިން ބަލަމުންދާ މައްސަލައަކީ އެގައުމުގެ އެޓާނީ ޖެނެރަލް މައިކަލް ލައުބާ އާއިއެކު ބާއްވާފައިވާ ސިއްރު ބައްދަލުވުންތަކައްފަހު ފެންމަތިވެގެންއުޅޭ މައްސަލައެކެވެ. ސްވިޒް ޕްރޮސެކިއުޓާއިން ބުނާގޮތުގައި އިންފަންތީނޯ ސިއްރު ބައްދަލުވުންތަކެއް ބާއްވާފައިވަނީ އެޓާނީ ޖެނެރަލްއިން ފީފާއާއި ގުޅުންހުރި މައްސަލައެއް ބަލަމުންދަނިކޮށެވެ. އެހެންކަމުން މި ބައްދަލުވުމުގައި ކޮރަޕްޝަނުގެ އަމަލުތަކެއް ހިނގާފައިވާކަމަށްވެސް ވަނީ ތުހުމަތު ކުރެވިފައެވެ.

ފީފާއިން ބުނެފައިވަނީ މިމައްސަލައިގެ ތަހުގީގު ކުރިއަށްގެނދިޔަ ނަމަވެސް އިންފަންތީނޯއަށް އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތަށް އަދާކުރެވެންވާނެ ކަމަށެވެ. އެހެންކަމުން ތަހުގީގީ މަރުހަލާގައި އިންފަންތީނޯއަށް ރައީސްކަމުގެ ޒިންމާ އަދާކުރުމުގައި އެއްވެސް ހުރަހެއް ނެތްކަމަށްވެސް ފީފާއިން ވަނީ ބުނެފައެވެ.

ފީފާއިންބުނީ ރައީސް އިންފަންތީނޯ އާއިމެދު ފުރިހަމަ އިތުބާރު އެބައޮތް ކަމަށާއި، މައްސަލަ ބަލައިނިމޭއިރު އިންފަންތީނޯ ކުށެއް ކޮށްފައި ނުވާކަން ސާބިތުވާނެކަމަށެވެ. އަދި ފީފާގެ ރައީސްގެ ހައިސިއްޔަތުން ސްވިޒްގެ އެޓާނީ ޖެނެރަލް އާއި ބައްދަލުކުރުން އެއީ ކުށެއް ކަމަށް ގަބޫލު ނުކުރާކަމަށްވެސް ފީފާއިން ވަނީ ބުނެފައެވެ.

މިމައްސަލަ ސްވިޒްގެ ސްޕެޝަލް ޕްރިސެކިއުޓާއިން ބަލަމުންދާތީ އިންފަންޓީނޯ ސަސްޕެންޑް ކުރުމަށް ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާވަނީ ފީފާގެ އެތިކްސް ކޮމިޓީއަށް ގޮވާލާފައެވެ. ނަމަވެސް ސެޕް ބެލްޓާއަކީ 2015ވަނަ އަހަރު ކޮރަޕްޝަނުގެ ކުށް ސާބިތުވެ އަންނަ އަހަރާއި ހަމައަށް ފުޓުބޯޅައިގެ ހުރިހާކަމަކުން ސަސްޕެންޑް ކޮށްފައިހުރި ފަރާތެކެވެ.