ޚަބަރު

ސުނާމީގައި ބުރިބުރިވި ތ ފަހަލަ: 15 އަހަރުވީ އިރު އިހު އޮތްގޮތަށް އިއާދަވެފައި


ދިވެހިރާއްޖޭގެ ރަށްތަކަކީ ގުދުރަތީގޮތުން ޚާއްސަ ސިފަތަކެއް ލިބިފައިވާ ޖަޒީރާތަކެކެވެ. މިޖަޒީރާތަކުގެ އެންމެ ޚާއްސަ އެއް ސިފަޔަކީ ވޮޑި ގިރުމެވެ، މިކަމަށް ދިވެހިންގެ ތެރޭގައި ކިޔައި އުޅޭ މިސާލު ބަހެއްވެސް އޮވެއެވެ. އެއީ "އެއްތުނޑި ގިރަންޏާއި އަނެއް ތުނޑި ވޮޑޭނެއޭ" ބުނެ އުޅޭ ބުނުމެވެ. މިހެން ބުނެ އުޅެނީވެސް ދިމާވާ އެކި ހާދިސާތަކާއި މުސީބާތްތަކަށް ކެތްތެރިވުމަށް ހިއްވަރުދީ، ހާލަތު ރަނގަޅުވާނެކަން، އަދި އުފާވެރި ދުވަހެއް އަންނާނެކަން ބުނެ ދިނުމުގެ ގޮތުންނެވެ.

ފަހަަލައަކީ، ކޮޅުމަޑުލުގެ އިރުމަތީ ދުނީގައި ހިމެނޭ، މާސިންގާ ފަޅުރަށެވެ. މިހާރު އެއީ ފަޅުރަށެއް ނަމަވެސް އެއްޒަމާނެއްގައި އެރަށުގައިވެސް މީހުން އާބާދުވެ ދިރިއުޅުނުކަމުގެ ހެކިތައް ފެންނާން އެބަހުއްޓެވެ. މިގޮތުން ފަހަލާގައި މިސްކިތްފަދަ ތަންތަނުގެ ތަރާގަނޑުތަކާއި ފެންވަޅާއި ޤަބުރުސްތާނެއް ފެންނާން އެބައޮތެވެ. އަދި އިހުގެ ލޯމާފާނުތަކުންވެސް މިރަށުގައި މީހުން އުޅުނުކަން އެނގޭ ވާހަކަތައް ހިމެނިފައި ވެއެވެ.

ފަހަލައަކީ، ކޮޅުމަޑުލުގެ އިރުމަތީ ދުނީގައި އޮތް ވިލުފުއްޓާއި މަޑިފުއްޓާއި ދެމެދުގައިވާ ފަޅުރަށްތަކެއް ގުޅިގެން އުފެދުނު އެއްރަށެވެ. ކުރިން އެރަށްތައް ނުގުޅި އޮތް ޒަމާނުއްސުރެ ކިޔައި އުޅޭ ނަންތައް މިހާރުވެސް ފަހަލައިގެ ބައިތަކަށް ކިޔައި އުޅެއެވެ. މިގޮތުން އެރަށުގެ އުތުރުބަޔަކީ ރަކީފުއްޓެވެ، ދެން އޮންނާނީ ފަހަލައެވެ. މަޑިފުއްޓާއި އެންމެ ގާތުގައި އޮންނާނީ ކަޅުފަރައެވެ. އެހެންނަމަވެސް އިދާރީ ގޮތުން މިހާރު މިރަށަށް ކިޔައިއުޅޭ ނަމަކީ ފަހަލައެވެ.

ފަހަލައިގެ އެންމެ އުތުރުކޮޅަކީ ރަކީފުށި ކިޔާ ރަށެކެވެ. އެރަށް ފަހަލަ އާއި ގުޅުނީ 1800ގެ އަހަރުތަކުގެ ފަހުކޮޅުގައިކަމަށް ވިލުފުށީގެ ދުވަސްވީ ބައެއް މީހުންގެ ފަރާތުން އިވިފައި ވެއެވެ، 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި، ފަހަލަ އެތައް ބުރިއަކަށް ބުރި ބުރިވެގެން ދިޔައީ، ރަކީފުއްޓާއި، ފަހަލަ އާއި ގުޅުނު ހިސާބުންނެވެ.

ސުނާމީ ކާރިސާއަށްފަހު، ފަހަލަ ބުރިބުރިވެގެން ދިޔަ ސަރަހައްދު އަލުން ވެލިއަރައި އައީ ގުޅެމުންނެވެ. މިގޮތުން 2014 ވަނަ އަހަރާއި ހަމައަށް އައިރު، ރަކީފުއްޓާއި ފަހަލަ ވަނީ އަލުން ގުޅިފައެވެ.

ރާއްޖޭގެ ތިމާވެއްޓާއި ޖޯގުރަފީ ކަންކަމުގެ މައުލޫމާތު އެއްކުރައްވަމުން ގެންދަވާ، އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަސީރު ވަނީ، ފަހަލައަށް އައި ބަދަލުތަކުގެ ފޮޓޯތައް ހިއްސާކުރައްވާފައެވެ. ޑރ އަބުދުﷲ ނަސީރަކީ، ސުނާމީގައި ފަހަލަ ބުރިބުރި ވެގެން ދިޔުމަށްފަހު، އެރަށަށް ޒިޔާރަތްކުރައްވައި އެރަށަށް ލިބުނު ގެއްލުންތައް ބަލައްވާލައްވާލެއްވި ބޭފުޅެކެވެ. 15 އަހަރުގެ ތެރޭގައި އަލުން އިހު އޮތް ގޮތަށް ފަހަލަ އިއާދަވުން، ޑރ އަބުދުﷲ ނަސީރުވެސް ފާހަގަކުރައްވާފައި ވަނީ މުރަކައިގެ މިރަށްތަކުގެ ތަބީއީ ނިޒާމު ހިނގަމުން އަންނަގޮތް ކަމުގައެވެ. ފަހަލަ އަލުން އިހު އޮތްގޮތަށް އިއާދަވާން އިންސާނަކު އެއްވެސް ކަމެއް ކުރަން ނުޖެހުނުކަންވެސް ޑރ ނަސީރު ފާހަގަކުރައްވާފައިވެއެވެ.

ސުނާމީގައި ރާއްޖެއިން އެންމެ ބޮޑު ގެއްލުމެއް ލިބުނީ ތ އަތޮޅުގެ އިރުމަތީ ދުނީގެ ރަށްތަކަށެވެ. މިގޮތުން ވިލުފުއްޓާއި މަޑިފުއްޓަކީ ރާއްޖެއިން އެންމެ ބޮޑަށް ގެއްލުން ލިބުނުރަށްރަށެވެ. 45 ހެކްޓަރުގެ ބިން ހިއްކައި ވިލުފުށި އަލުން އާބާދުކޮށްފައި ވާއިރު، ވިލުފުށީގެ ބިންހިއްކުމާއި ގުޅިގެން ފަހަލަ އާއި ވިލުފުއްޓާއި ދެމެދުގައި އޮތް ދެފަޅުރަށާއި ފިނޮޅުތަކަށް ގިރުމުގެ މައްސަލަތައް ކުރިމަތިވިއެވެ.

ތ އަތޮޅު ފަހަަލައަކީ، ރާއްޖޭގެ އެންމެ ދިގު ރައްތަކުގެ ތެރެއިން ރަށެކެވެ. ފަހަލައިގެ ދިގު މިނަކީ 7.5 ކިލޯ މީޓަރެވެ. އެރަށަކީ ވަރަށް ގިނަ އަދަދަކަށް ވެލާ ކަހަނބު ބިސްއަޅަން އަރާ ރަށެކެވެ. އަދި ބައެއް ބާވަތް ބާވަތުގެ ދޫނިތައް އެރަށުގައި ވަޒަންވެރިވެ އުޅޭ އިރު، 2005 ވަނަ އަހަރު އެރަށް ރިޒޯޓެއް ތަރައްޤީކުރުމަށް އޭޝިއާ ރިސޯޓްސް ނަމަކަށް ކިޔާ ކުންފުންޏަކަށް ދޫކުރި ނަމަވެސް އެރަށުގައި އެކުންފުންޏަށް ރިޒޯޓެއް ތަރަޤީ ކުރެވިފައެއް ނުވެއެވެ. 2015 ވަނަ އަހަރު އެ އެއްބަސްވުން ބާތިލްކޮށް ސަރުކާރުން ވަނީ އެރަށް، ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޗައިނާ އިންޖިނިއަރިން އެންޑް މެޝިނަރީ ކޯޕަރޭޝަން (ސީއެމްއީސީ)އަށް ދޫކޮށްފައެވެ.