ޚަބަރު

ބަނގުރާ އުފައްދާ އޭގެ ވިޔަފާރި ކުރަމުންދިޔަ މީހަކު ހައްޔަރުކޮށްފި


ނ. ވެލިދޫގައި ބަނގުރާ އުފައްދާ އެތަކެތީގެ ވިޔަފާރި ކުރަމުންދަނިކޮށް ހައްޔަރުކުރި މީހާގެ ބަންދަށް 7 ދުވަސް ޖަހައިދީފިއެވެ. މި މައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައި ވަނީ 33 އަހަރުގެ ދިވެހި ފިރިހެނެކަމަށް ފުލުހުން މައުލޫމާތުދެއެވެ.މިމަހުގެ 23 ގައި ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ވެލިދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންނާއި ވެލިދޫގައި މިވަގުތު ހަރަކާތްތެރިވަމުންދާ ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓުގެ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަންގައި ކޯޓް އަމުރެއްގެ ދަށުން ވެލިދޫގެ ގޯއްޗެއް ވަނީ ބަލައިފާސްކޮށްފައެވެ. މި އޮޕަރޭޝަންގައި އެ ގޯތި ބަލައިފާސްކުރިއިރު ތަޅުލާފައި ހުރި ގުދަނެއްގެ ތެރެއިން ބަނގުރާ ތައްޔާރު ކުރުމަށް ބޭނުންކުރާ ބައެއް އާލާތްތަކާއި، ބަނގުރާ ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 03 ހަން ފެނިފައިވާކަމަށްވެސް ފުލުހުން ބުނެއެވެ. މި މައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައިވާ މީހާއަކީ ތަފާތު އެކިކަންކަމާއި ގުޅިގެން 02 ފަހަރު ހުއްޓުވާ ސުވާލުކޮށް 07 ފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް 04 ފަހަރު ހައްޔަރު ކޮށްފައިވާ މީހެކެވެ. އަދި އޭނާގެ މައްޗަށް ތުޙުމަތު ކުރެވޭ 03 މައްސަލައެއްގެ ތަޙުޤީޤު ނިންމާ ދަޢުވާ ކުރުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.މީގެ އިތުރުން އޭނާ އަކީ ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ އިތުރުން ފޭރުމުގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެކެވެ. މި މައްސަލަ ނ. ވެލިދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.