ދުނިޔޭގެ ވިޔަފާރި

މައިކްރޯސޮފްޓްއިން ޓިކްޓޮކް ގަންނަނީ؟


ވީޑިއޯ ޝެއަރކުރާ މަޝްހޫރު ސޯޝަލް މީޑިއާ އެޕްލިކޭޝަން، ޓިކްޓޮކްގެ އެމެރިކާގެ އޮޕަރޭޝަންތައް ގަތުމުގެ މަޝްވަރާތައް ކުރިއަށްދާކަމަށް މައިކްރޯސޮފްޓުން ހާމަކޮށްފިއެވެ.

ޓިކްޓޮކް ގަތުމުގެ މަޝްވަރާތައް މައިކްރޯސޮފްޓުން ކުރިއަށްގެންދާކަން އެކުންފުނިން ހާމަކޮށްފައި މިވަނީ، އެމެރިކާގައި ޓިކްޓޮކް މަނާކުރާނެކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެފައިވަނިކޮށެވެ.

މައިކްރޯސޮފްޓްގެ ސީއީއޯ ސަތްޔާ ނަޑެއްލާ ވިދާޅުވީ ޓިކްޓޮކްގެ ހިއްސާ ގަތުމާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްއާއެކު ފޯނުން މަޝްވަރާކުރައްވާފައިވާކަމަށެވެ. އަދި ޓިކްޓޮކްއާ ގުޅޭގޮތުން އެމެރިކާގެ ރައީސް ގެންގުޅުއްވާ ކަންބޮޑުވުންތަކަށް މައިކްރޯސޮފްޓުން ރިޔާއަތްކުރާނެކަމަށްވެސް އެކުންފުނީގެ ސީއީއޯ ވިދާޅުވިއެވެ.

މައިކްރޯސޮފްޓުން ބުނާގޮތުން ޓިކްޓޮކްގެ ފުރިހަމަ ސެކިއުރިޓީ ރެވިއުއެއް ހަދާނެއެވެ. އަދި މައިކްރޯސޮފްޓުން ޓިކްޓޮކްގެ މެޖޯރިޓީ ހިއްސާ ގަތުމުން އެމެރިކާއަށް ކުރާނެ ފައިދާތަކާ ގުޅޭ ތަފްސީލްވެސް އެމެރިކާ ސަރުކާރާ ހިއްސާކުރައްވާނެކަމަށް މައިކްރޯސޮފްޓުން ބުނެއެވެ.

މައިކްރޯސޮފްޓުން ބުނީ ޓިކްޓޮކްގެ ބެލެނިވެރި ކުންފުނި ބައިޓްޑާންސްއާއެކު ކުރިއަށްދާ މަޝްވަރާތައް ނިންމާ، ސެޕްޓެމްބަރުމަހުގެ 15 ވަނަ ދުވަހުގެ ކުރިން ގޮތެއް ނިންމާނެކަމަށެވެ.

އެމެރިކާގެ އޮފިޝަލުން ޓިކްޓޮކްއާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރަމުންދާ މައިގަނޑު ސަބަބަކީ، ޓިކްޓޮކްއަކީ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއްކަމަށް ބުނެއެވެ. އެގޮތުން ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކުގެ މަޢުލޫމާތު ޗައިނާ ސަރުކާރާ ހިއްސާކުރާކަމަށް ބައެއް އޮފިޝަލުން ތުހުމަތުކުރެއެވެ. ނަމަވެސް ޓިކްޓޮކްއިން މިކަން ދޮގުކުރެއެވެ. ބައިޓްޑާންސްއިން ބުނާގޮތުން ޓިކްޓޮކްއާ ގުޅޭގޮތުން ކުރާ ތުހުމަތުތައް ސާބިތުކޮށްދޭވަރުގެ ހެކި ދެއްކިފައިނުވާކަމަށެވެ.