ޚަބަރު

ކޮސޯވޯގެ ބޮށުވަޒީރަށް ކޯވިޑް-19 ޖެހިއްޖެ


ކޮސޯވޯގެ ބޮޑުވަޒީރު އަވްދުﷲ ހޯތޭއަށް ކޯވިޑް-10 ޖެހިއްޖެއެވެ.

ކޯވިޑް-19 ޖެހިފައިވާކަން ކަށަވަރުކޮށްދެއްވާ ބޮޑުވަޒީރު ހޯތޭ މީސްމީޑިޔާގައި ވިދާޅުވީ ބަލީގެ މާބޮޑު ޢަލާމަތްތަކެއް ފެނިވަޑައިނުގަންނަވާކަމަށާއި ދެ ހަފުތާވަންދެން އެކަހެރިވެވަޑައިގަންނަވާނެކަމަށެވެ.

ކޮސޯވޯގައި މިހާތަނަށް 9،000 މީހުންނަށް ކޯވިޑް-19 ޖެހި، 249 މީހުންވަނީ މަރުވެފައެވެ. ފާއިތުވި ދުވަސްތަކުގައި އެ ޤައުމުގައި ބަލި ފެތުރޭ މިންވަރުވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 13 މީހުންވަނީ އެ ޤައުމުގައި މަރުވެފައެވެ. ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް އެދެވޭ މަސައްކަތެއް ކޮށްފައިނުވާކަމަށް ބުނެ އެ ޤައުމުގެ ގިނަ ބައެއްގެ ފާޑުކިޔުންވަނީ ސަރުކާރަށް އަމާޒުވެފައެވެ.

މީގެ ކުރިން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަނާއި އިނގިރޭސިވިލާތުގެ ވަލީއަޙުދު ޗާލްސާއި ރަޝިޔާގެ ބޮޑުވަޒީރު މިޚައިލު މިޝުސްޓިނާއި މޮނާކޯގެ ޕްރިންސް އެލްބަޓާއި ބުރެޒިލްގެ ރައީސް ޖައީޚް ބޮލްސޮނާރޯއާއި ބޮލީވިޔާގެ ރައީސް ޖެނީން އަންޔޭޒުގެ އިތުރުން ހޮންޑޫރަސްގެ ރައީސް ހުއާން އޮރުލަންދޯ ހަރުނަންދޭސްގެ އިތުރުން ގިނަ ޤައުމުތަކެއްގެ ވަޒީރުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ.