ވިޔަފާރި

ފުރަތަމަ 6 މަހު އެމްޓީޑީސީއަށް 27 މިލިއަން ރުފިޔާގެ އާމްދަނީއެއް


މިއަހަރުގެ ފުރަތަމަ 6 މަހު އާމްދަނީގެ ގޮތުގައި މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމަންޓު ކޯޕަރޭޝަން، އެމްޓީޑީސީއަށް 27 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އެކޯޕަރޭޝަނުން ބުނެފިއެވެ.

އެމްޓީޑީސީގެ މާލީ ރިޕޯޓު ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 6 މަހު އެ ކުންފުންޏަށް ވަނީ 27.6 މިލިއަން ރުފިޔާ ލިބިފައެވެ. މީގެތެރެއިން ހިންގުމުގެ ހަރަދަށް އެމްޓީޑީސީން 9.4 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި ފައިދާގެ ގޮތުގައި 8.8 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ދެ ކުއަޓަރުގައި ލިބުނު އާމްދަނީއަށް ވަކިވަކިން ބަލާލާއިރު، ފުރަތަމަ ކުއަޓަރުގައި އެމްޓީޑީސީއަށް އާމްދަނީގެ ގޮތުގައި 13.8 މިލިއަން ރުފިޔާ ލިބިފައިވާއިރު، ދެވަނަ ކުއަޓަރުގައި އެކޯޕަރޭޝަނަށް ވަނީ 13.7 މިލިއަން ރުފިޔާ ލިބިފައެވެ.

އެމްޓީޑީސީއަށް ލިބުނު އާމްދަނީއާއި ފައިދާ ދަށްވެފައިވަނީ ކޯވިޑް-19ގެ ސަބަބުން އިޤްތިސާދީ ގޮތުން ކުރިމަތިވި ހީނަރުކަމުގެ ސަބަބުންކަމަށް އެކުންފުނިން ބުނެއެވެ.

އެމްޓީޑީސީއަށް މައިގަނޑު ގޮތެއްގައި އާމްދަނީ ލިބެނީ ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްރަށުގެ ބިމުގެ ކުލިންނެވެ. ނަމަވެސް ކޯވިޑް-19އާ ގުޅިގެން ފަތުރުވެރިކަމަށް ދޫކޮށްފައިވާ ބިންތަކުން ނަގާ ކުލި ނެގުން ފަސްކޮށްފައިވާތީ އެކޯޕަރޭޝަނަށް އަހަރުގެ ފުރަތަމަ 6 މަހު ލިބިފައިވާ އާމްދަނީ ދަށްވެފައިވާކަމަށް އެމްޓީޑީސީން ބުނެއެވެ.

އެމްމްޓީޑީސީން ބުނީ އޮކްޓޫބަރުމަހު ކުއްޔަށްދީފައިވާ ތަންތަނުން އަލުން ކުލި ނަގަން ފެށުމުން އާމްދަނީ ރަނގަޅުވާން ފަށާނެކަމަށް ބެލެވޭކަމަށެވެ. އަދި އަހަރުގެ 4 ވަނަ ކުއާޓަރުން ފެށިގެން ކުންފުނީގެ އާމްދަނީ މިހާރަށްވުރެ ރަގަނޅުވާން ފަށާނެކަމަށްވެސް މާލީ ރިޕޯޓުގައިވެއެވެ.