ޚަބަރު

އިތުރު ފުރަބަންދަކަށް ދިއުމަކީ ކުރަން ރަނގަޅު ކަމެއްނޫން: ރައީސް


ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން އައި ނަމަވެސް، އިތުރު ފުރަބަންދަކަށް ދިއުމަކީ ކުރަން ރަނގަޅު ކަމެއްނޫންކަމުގައި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ރާއްޖޭގެ ކޯވިޑް-19ގެ ހާލަތާއި ގުޅޭ ގޮތުން ކުރެއްވި ޓުވީޓެއްގައެވެ.

ރައީސުލް ޖުމުހޫރިއްޔާ ކުރެއްވި ޓްވީޓްގައި ވަނީ، ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދު ދަނީ އިތުރުވަމުންދާކަން ފާހަގަކުރައްވައ، ބަލިފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ބޭރުގައި އުޅުއްވާއިރު މާސްކް އަޅުއްވައި، އެޗްޕީއޭގެ އެންގުންތަކަށް ޢަމަލުކުރައްވައި އެކަމުގައި ހުރިހާ ބޭފުޅުންގެ އެއްބާރުލެއްވުން ދެއްވުން ވަރަށް މުހިއްމުކަން ފާހަގަ ކުރައްވާފައެވެ.

މީގެއިތުރުން، އަލުން ފުރަބަންދަކަށް ދިއުމަކީ ކުރަން ރަނގަޅު ކަމެއްނޫން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ކުރެއްވި ޓުވީޓް --

ރާއްޖޭގައި ކޯވިޑް-19ގެ ހާލަތު އިތުރަށް ގޯސްވަމުން ދާއިރު އާއްމު ބައެއް ފަރާތްތަކުން ދަނީ އަލުން ފުރަބަންދު ކުރުމަށް ގޮވާލަމުންނެވެ. އެހެން ނަމަވެސް އިޤުތިޞާދީ ދާއިރާގެ ތަޖުރިބާކާރުން ގެންދަވަނީ ފުރަބަންދަކަށް ދިޔުމުން އިޤުތިޞާދަށާއި އާއްމު ރައްޔިތުންގެ ދިރިއުޅުމަށް ކުރާނެ ނޭދެވޭ އަސަރުތައް ފާހަގަކޮށް އަލުން ފުރަބަންދަކަށް ނުގޮސް ބަލި ކޮންޓްރޯލް ކުރުމަށް މަސައްކަތްތަ ކުރުމަށް ގޮވާލަމުންނެވެ.

ޖުލައި 1ގައި ފުރަބަންދުގެ ތިންވަނަ ފިޔަވަހީގައި ލުއިތައް ދިނުމަށްފަހު، މިފާއިތުވި އެއްމަސް ދުވަހުގެ ތެރޭގައި ބަލި ފެތުރޭ މިންވަރު އިތުރުވަމުން އައި އޮގަސްޓް 1 ވަނަ ދުވަހާއި 2 ވަނަ ދުވަހު ވަނީ ޕޮޒިޓީވް ކޭސްތަކުގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައެވެ.

އޮގަސްޓް 1 ވަނަ ދުވަހު، 156 މީހުން ޕޮޒިޓިވްވި އިރު އެދުވަހު އެކަކު މަރުވިއެވެ. އަދި އިއްޔެ 215 މީހުން ޕޮޒިޓިވްވި އިރު އިއްޔެވެސް ވަނީ މީހަކު މަރުވެފައެވެ.

މިހާތަނަށް ރާއްޖެއިން، 4،164 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެފައި ވާއިރު، އެބަލީގައި މިހާތަނަށް 18 މީހުން ވަނީ މަރުވެފައެވެ.