ވިޔަފާރި

މިނީސޯގެ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި


ހުޅުމާލޭގައި ހުންނަ ސޮނީ ހާޑްވެއާ ބޮޑު ފިހާރައިގެ ތެރޭގައި މިނީސޯގެ ފިހާރައެއް ހުޅުވައިފިއެވެ.

ސޮނީ ސްޕޯޓްސްއިން ބުނީ ހުޅުމާލޭގައި ހުންނަ ސޮނީ ހާޑްވެއަރ ފިހާރައިގެ ދެވަނަ ފްލޯގައި މިހާރު މިނީސޯގެ ފިހާރައެއް ހުޅުވާފައިވާކަމަށާއި މިތަނުން މިނިސޯގެ އެހެން ފިހާރަތަކުންވެސް ލިބެން ހުންނަ ތަކެތި ލިބެން ހުންނާނެކަމަށެވެ.

ހުޅުމާލޭގައި ހުޅުވާފައިވާ މިނީސޯ ފިހާރައާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެމުން ސޮނީ ސްޕޯޓްސްގެ ޖެނެރަލް މެނޭޖަރ މައުމޫން އަބްދުﷲ ވިދާޅުވީ 'ޑިޕާރޓްމަންޓް ސްޓޯރ'ގެ ކޮންސެޕްޓަށް ހުޅުވި މިނީސޯގެ ފިހާރައިން މިއަދާއި މާދަމާ 10 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ.

ހެޔޮ އަގެއްގައި ރަނގަޅު ކޮލިޓީއެއްގެ ތަކެތި ލިބެން ހުންނަ މިނިސޯގެ ފިހާރައެއް ދާދި ފަހުންވަނީ މާލޭގައިވެސް ހުޅުވާފައެވެ.

މައުމޫން ވިދާޅުވީ މާލޭގައި ހުޅުވި ފިހާރައަށް އާއްމުންގެ ބޮޑު ތަރުޙީބެއް ލިބެމުންދާ ކަމަށެވެ. އަދި ކުރިމަގުގައި ރާއްޖޭގެ އިތުރު ހިސާބުތަކުގައިވެސް މިނީސޯގެ ފިހާރަތައް ހުޅުވުމުގެ ވިސްނުން އެބަހުރިކަމަށް މައުމޫން ވިދާޅުވިއެވެ.

ޗައިނާގެ ކުންފުންޏެއް ކަމަށްވާ މިނީސޯއިން ދަނީ އެ އެކުންފުނީގެ ވިޔަފާރި ދުނިޔޭގެ އެކި ހިސާބުތަކަށް އިތުރަށް ފުޅާ ކުރުމަށްޓަކައި މަސައްކަތްކުރަމުންނެވެ. މިނީސޯއިން މިހާރުވެސް ދަނީ ދުނިޔޭގެ 90 އަށްވުރެ ގިނަ ޤައުމެއްގައި ފިހާރަތައް ހިންގަމުންނެވެ.

2011 ވަނަ އަހަރު ހުޅުވި ފުރަތަމަ މިނީސޯގެ ފިހާރައާއެކު ކުރު މުއްދަތެއްގެ ތެރޭގައި އެކުންފުނިން ވަނީ އާއްމުންގެ މެދުގައި ބޮޑު މަޤްބޫލްކަމެއް ހޯދާފައެވެ. ތަފާތު އެކި ކަހަލަ ސާމާނު މިނީސޯގެ ފިހާރަތަކުން ލިބެން ހުރެއެވެ. އޭގެތެރޭގައި ހިފާ ގެންގުޅޭ ސާމާނާއި، ފޮތް ފަންސޫރު ފަދަ ތަކެއްޗާއި، ކުޑަކުދިން ކުޅޭ ސާމާނާއި، ރީތިވުމަށް ބޭނުންކުރާ ތަކެތީގެ އިތުރުން ބަދިގޭ ސާމާނު މިނީސޯގެ ފިހާރަތަކުން ހެޔޮ އަގެއްގައި ލިބެން ހުރެއެވެ.