ސިޔާސީ

އެމްޑީއޭ އިން ޒުވާނުންނަށް ޚާއްސަކޮށްގެން ޖަގަހައެއް ހުޅުވައިފި


އެމްޑީއޭ އިން ޒުވާނުންނަށް ޚާއްސަކޮށްގެން ޖަގަހައެއް ހުޅުވައިފިއެވެ.ޒުވާނުންނަށް ކުޅިވަރު ކުޅުމާއި، މުނިފޫހި ފިލުވުމުގެ އިތުރުން އެކި ކަހަލަ ކަންތައްތަކުގައި ކައުންސެލިން ދިނުމުގެ އިންތިޒާމް ތަކާއެކު ރޭ އެ ޖަގަހަ ހުޅުއްވައިދެއްވީ، އެމްޑީއޭގެ ލީޑަރ އަހްމަދު ސިޔާމްއެވެ.ޖަގަހަ ހުޅުއްވައި ދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ސިޔާމް ވިދާޅުވީ، އެމްޑީއޭއަކީ ވަކި އުމުރަކަށް ވަކި ފަންތިއަކަށް ބެލުމެއްނެތި ހުރިހާ ރައްޔިތުންނަށްވެސް ފުރުސަތު ފަހިކޮށްދޭނެ ޕާޓީއެއް ކަމަށެވެ.ޚާއްސަކޮށް އަންހެނުން ސިޔާސީ މައިދާނަށް ނެރުމަށް އެމްޑީއޭއިން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށް ސިޔާމް ވިދާޅުވިއެވެ.އެމްޑީއޭގެ ލީޑަރ އަދި، މީދޫ ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް އިތުރަށް ވާހަކަފުޅު ކުރިއަށް ގެންދަވަމުން،  ކޯލިޝަން ތެރޭގައި އެއްވެސް މައްސަލެއް ޖެހިފައި ނުވާކަމަށާއި، އަބަދުވެސް ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވިއެވެ. ރޭގެ ޖަލްސާގައި އެމްޑީއޭއަށް އަލަށް ގުޅުނު ކައުންސިލަރުންނާއި، މެންބަރުން ސޮއި ކުރުމާއި، ފޯމް ހަވާލު ކުރުންވެސް އޮތެވެ. އަދި އެމްޑީއޭގެ ލީޑަރާއި، ނައިބް ލީޑަރުގެ ރަސްމީ ޓުވިޓަރ އެކައުންޓްވެސް ރަސްމީކޮށް ރޭގެ ޖަލްސާގައިވަނި ލޯންޗް ކޮށްފައިވެއެވެ. އަދި ޕާޓީއަށް މެންބަރުން އިތުރު ކުރުމުގެ ޚާއްސަ ކެމްޕެއިނެއްވެސް ލޯންޗް ކޮށްފައިވެއެވެ.އެމްޑީއޭއިން ބުނީ، މި އަހަރު ނިމުމުގެ ކުރިން ޕާޓީއަށް ވިހި ހާސް މެންބަރުން އިތުރު ކުރުމަކީ ޕާޓީގެ އެންމެ ބޮޑު އަމާޒު ކަމުގައެވެ.