ކުޅިވަރު

އާސެނަލްއަށް ތަށި ހޯދޭނެކަން ސާބިތުކޮށްދެވިއްޖެ: އާޓެޓާ


އެފްއޭ ކަޕު ޗެމްޕިއަންކަން ހޯދުމުން ދައްކައިދެނީ އާސެނަލްއަށް އަދިވެސް ތަށި ހޯދޭނެކަންކަމަށް އެޓީމުގެ ކޯޗު މިކޭލް އާޓެޓާ ބުނެފިއެވެ.

ޗެލްސީ ބަލިކޮށް އެފްއޭ ކަޕުގެ ތަށި އާސެނަލްއަށް ހޯދައި ދިނުމަށްފަހު ވާހަކަދައްކަމުން އާޓެޓާ ބުނީ ކުޅުންތެރިޔެއްގެ ގޮތުގައި ހޯދި ތައްޓަށް ވުރެ މިފަހަރު ހޯދި ތަށި ޚާއްސަކަމަށެވެ. އޭނާ ބުނީ މިއީ އާސެނަލަށް ޚާއްސަ ދުވަހެއްކަމަށާއި ކުލަބަށް ކޯޗުކޮށްދިނުމަށް ފުރުސަތު ދިނީތީ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރާކަމަށެވެ.

އާޓެޓާ ބުނީ މި ތަށީގެ ސަބަބުން ގިނަ ބަޔަކު އުފާކޮށްދެވުނީތީ ހިތްހަމަޖެހޭކަމަށެވެ. ކުރިން ކުޅުންތެރިޔެއްގެ ގޮތުގައި ވެސް އާސެނަލައާއެކު އެފްއޭ ކަޕް ކާމިޔާބުކޮށްފައިވާ އާޓެޓާ ބުނީ މި ކާމިޔާބީގައި ކުޅުންތެރިންގެ ހިއްސާ ބޮޑުކަމަށާއި ތަށި ހޯދުމަށް ކުޅުންތެރިން ވަރަށް ބުރަކޮށް މަސައްކަތްކުރިކަމަށެވެ. އެނާ ބުނީ ތައްޓާހަމަޔަށް އާސެނަލަށް އާދެވުނީ އުނދަގޫ އެތައް ޙާލަތްތަކެއްގެ ތެރެއިންކަމަށް، ކޯޗެއްގެ ގޮތުގައި އާސެނަލަށް ހޯދި ފުރަތަމަ ތައްޓާ ބެހޭގޮތުން ވާހަކަ ދައްކަމުން އާޓެޓާ ބުންޏެވެ.

ވޭތުވެދިޔަ ހަމަސް ދުވަހަކީ އެތައް ދަތިތަކާ ގޮންޖެހުންތަކެއް ކުރިމަތަވި ހަމަސްކަމަށް އާޓެޓާ ބުންޏެވެ. އޭނާ ބުނީ ކުލަބާ ހަވާލުވެ އޭނާގެ އެންމެ ބޮޑު މަސައްކަތްކަށް ވީ ކުލަބާއެކު ކާމިޔާބީ ހޯދޭނެކަމަށް އެންމެންނަށް ވިސްނައިދިނުންކަމަށެވެ. އަދި އެންމެ އެކަތިގަނޑަކަށްވެ އެކަށްޗެއް ކިޔައިފިނަމަ ތަށިތައް ހޯދިދާނެކަން ސާބިތުވެއްޖެކަމަށް އާޓެޓާ ބުންޏެވެ. އާސެނަލަކީ އެފްއޭ ކަޕް ތާރީޚުގަވެސް އެންމެ ކާމިޔާބު ޓީމެއެވެ. އެޓީމުން ވަނީ 14 ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައެވެ.