ވިޔަފާރި

ބައިނަލްއަޤްވާމީ ބޯޓުތަކަށް ޙިދުމަތްދެވޭ ފެންވަރަށް އެމްޓީސީސީގެ ޝިޕްޔާޑު ތަރައްޤީކުރަނީ


އެމްޓީސީސީގެ ޝިޕްޔާޑަކީ ދުނިޔޭގެ ބޮޑެތި ބޯޓުތަކަށް ޙިދުމަތްދެވޭ ފެންވަރުގެ ތަނަކަށް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގުރާމްގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ، ދިވެހިރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި ފަހަގަކޮށްލެވޭ ޤައުމަކަށް ހެދުމަށް ކުންފުނިތަކުގެ މެންޑޭޓްގެ ތެރެއިންވެސް ގިނަ ކަންތައްތަކެއް ކުރެވިދާނެކަމަށެވެ. އެގޮތުން އެމްޓީސީސީން މަސައްކަތްކުރަމުންދަނީ އެމްޓީސީސީގެ ޝިޕްޔާޑް ބައިނަލްއަޤްވާމީ ފެންވަރަށް ތަރައްޤީކުރުމަށްކަމަށް އާޒިމް ވިދާޅުވިއެވެ.

"އެމްޓީސީސީގައި އަޅުގަނޑުމެންގެ ވިސްނުން އެބަހުރި އަޅުގަނޑުމެންގެ ޝިޕް ޔާޑަކީ އިންޓަނޭޝަނަލް ބޯޓުތަކަށް ޙިދުމަތްދެވޭނެވަރުގެ ޝިޕް ޔާޑަކަށް ބަދަލުކުރުމުގެ ވިސްނުންވެސް. އެމަސައްކަތްވެސް އަޅުގަނޑުމެން ފަށާފައި އޮއްވައި އަޅުގަނޑުމެންނަށް މިކަން (ކޯވިޑް19) މި ދިމާވީ. މިކަހަލަ އިޤްތިޟާދު ފުޅާކުރެވޭނެ ކަންތައްތަކަކީ އެކި ކުންފުނިތަކަށް އެކިވަރަށް ކުރެވިދާނެ ކަންތައްތައްކަމަށް އަޅުގަނޑު ޤަބޫލުކުރަނީ." އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ޝިޕްޔާޑް ތަރައްޤީވެގެން ދިއުމުން ދިވެހި ބޯޓުތައް ރާއްޖެއިން ބޭރަށް ދިއުމުގެ ބަދަލުގައި ރާއްޖެއިން ބޯޓުތަކަށް ޙިދުމަތް ލިބިގެންދާނެކަމަށެވެ. މިއާއިއެކު ބޭރު ފައިސާ ރާއްޖޭގައި ހިފެހެއްޓުމަށްވެސް އެހީތެރިވެދޭނެކަމަށާއި، ޝިޕް ޔާޑުގައި މިވަގުތުވެސް ވަރަށް ބޮޑެތި ބޯޓުތަކުގެ މަސައްކަތްތައް ކުރިއަށްދާކަމަށް އާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީގެ ޝީޕްޔާޑުގެ މުވައްޒަފުން ލޮކްޑައުންގައި ތިބެ ކޯވިޑް19ގެ ހާލަތުގައި މުހިއްމު ބުރަ މަސައްކަތްތަކެއް ކޮށްފައިވާކަންވެސް އާޒިމް ފާހަގަކުރެއްވިއެވެ. އެގޮތުން އެމްޓީސީސީގެ ފެރީތަކާއި ބޯޓުތައް ކޯވިޑް19ގެ ދަނޑިވަޅުގައި ހިނގަމުންދިޔައީ ޝީޕްޔާޑުގެ ބުރަ މަސައްކަތުންކަން އޭނާ ފާހަގަކުރެއްވިއެވެ.

އާޒިމް ވިދާޅުވީ ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ އެންމެ ގިނައިން މުދާ ގެންނަ ބައެއް ޤައުމުތަކުގެ ބޯޑަރުތައް ބަންދުކުރުމުގެ ސަބަބުން މުދާ ގެނައުމަށް ދިމާވި ދަތިތައްކަމަށެވެ. އަދި އެކަމުގެ ސަބަބުން އެކި މަޝްރޫޢުތަކަށް ބޭނުންވާ އިމާރާތްކުރުމުގެ ސާމާނާއި، މެޝިނަރީޒްގެ ސްޕެއަރ ބައިތައް ރާއްޖެއަށް ގެނައުމަށް ގިނަ ގޮންޖެހުންތަކެއް ދިމާވިކަމަށާއި، ރާއްޖޭގެ އެކި ރަށްރަށަށް ތަކެތި ފޮނުވުމަށްވެސް ދަތިތަކެއް ދިމާވިކަން އާޒިމް ފާހަގަކުރެއްވިއެވެ. ނަމަވެސް ލޮކްޑައުންގެ ތެރޭގައި ކުންފުނީގެ އެއްވެސް މަސައްކަތަކަށް ބުރުނާރައި، މަސައްކަތްތައް ކުރިއަށްދިޔަކަމަށް އާޒިމް ވިދާޅުވިއެވެ.