ވިޔަފާރި

އެމްޓީސީސީގެ އެންމެ ބޮޑު އަމާޒަކީ ގެއްލުންނުވެ ކުރިއަށްދިއުން


ކޯވިޑް19އާ ގުޅިގެން އެމްޓީސީސީގެ އެންމެ ބޮޑު އަމާޒަކަށްވީ، ގެއްލުންނުވެ ކުންފުނި ހިންގުންކަމަށާއި، މި އާމާޒަށް ވާސިލްވެފައިވާކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގުރާމްގައި ވާހަކަދައްކަވަމުން އާދަމް އާޒިމް ވިދާޅުވީ، އެމްޓީސީސީގެ ސީއީއޯގެ މަޤާމާ އޭނާ ޙަވާލުވުމަށްފަހުު އަމާޒަކަށް ހެދީ މިއަހަރުގެ ތެރޭގައި 150 މިލިއަނާއި 200 މިލިއަނާއި ދެމެދުގެ އާމްދަނީއެއް ކުންފުންޏަށް ހޯދައިދިނުމަށްކަމަށެވެ. ނަމަވެސް ކޯވިޑް19ގެ ކުރިން މި އަމާޒަށް މަސައްކަތްކުރުމަށް ލިބިގެންދިޔައީ 2 މަސްކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އެ ދެ މަސް ވެގެންދިޔައީ އެމްޓީސީސީގެ ހަޔާތުގައި އެއް ކުއާޓަރުގައި އެންމެ ބޮޑު ފައިދާއެއް ލިބުނު ކުއާޓަރަށް ކަމަށެވެ. އަދި ކޯވިޑް19އާއެކު ކުރިން ކުންފުންޏަށް ހޯދަން އަމާޒުހިފި ފައިދާ ނުލިބޭނެތީ އަލުން ޕްލޭން ބަދަލުކޮށްފައިވާކަން އާޒިމް ވިދާޅުވިއެވެ. އެގޮތުން އައު ޕްލޭންގެ ދަށުން މަސައްކަތް ފެށީ އެއްވެސް މަހެއްގައި ގެއްލުން ނުލިބޭނެފަދަ ގޮތަކަށް މަސައްކަތްތައް ބައްޓަންކުރުމަށްކަމަށް އާޒިމް ވިދާޅުވިއެވެ.

"ކޯވިޑް އައިސްގެން ލޮކްޑައުންގައި ގޭގައި ތިބެގެން އަޅުގަނޑުމެން މަސައްކަތްކުރަންޖެހުނީ. އެއާއި ވިދިގެން އަޅުގަނޑުމެން ޖެހުނު ޕްލޭންތައް ބަދަލުކުރަން. ދެން އަޅުގަނޑުމެން މިސްރާބުހިފީ އެއްވެސް މަހެއްގައި ގެއްލުންނުވެ ކުންފުނި ހިންގޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް. ކޮންމެ ގޮތެއްވިޔަސް މުއްދަތެއް ނުއެއްލިބޭ. އެ އަމާޒަށް ހިފީމައި 2 ވަނަ ކުއަރޓަރު ނިންމާލެވުނީ އެއްވެސް މަހެއްގައި ގެއްލުމެއްނުވެ ގާތްގަނޑަކަށް 17.5 މިލިއަންގެ ޕްރޮޕިޓަކާއި އެކުގައި." އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މީގެކުރިން އެމްޓީސީސީ ހިންގަމުން އައީ ބައެއް މަސްމަހުގައި ފައިދާ ލިބި އަދި އަނެއްބައި މަސްމަހުގައި ގެއްލުންވާ ކުންފުންޏެއްގެ ގޮތުގައިކަމަށެވެ. ނަމަވެސް ކުރިއަށްއޮތް ތަނުގައި އަމާޒަކީ ހުރިހާ މަހަކީވެސް ކުންފުންޏަށް ފައިދާ ލިބޭނެ މަހަކަށް ހެދުންކަމަށް އާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީއަށް މިއަހަރުގެ ދެވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 248 މިލިއަން ރުފިޔާއެވެ. މިއަހަރުގެ ފުރަތަމަ ކުއަރޓަރުގައި ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 354 މިލިއަން ރުފިޔާއެވެ. ޓެކްސްއަށް ކެނޑުމަށްފަހު އެމްޓީސީސީއަށް 2 ވަނަ ކުއާޓަރުގައި ފައިދާގެ ގޮތުގައި ލިބިފައިވަނީ 15 މިލިއަން ރުފިޔާއެވެ. މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ފައިދާގެ ގޮތުގައި އެ ކުންފުންޏަށް ލިބުނު 53 މިލިއަން ރުފިޔާއެވެ.