ކުޅިވަރު

ތޯމަސް މުލަރގެ ދެލަނޑާއެކު، ބަޔާންގެ މޮޅުވުމުގެ ސިލްސިލާ ކުރިއަށް


ޖަރމަން ބުންޑަސްލީގުގެ ޗެމްޕިއަން ބަޔާންމިޔުނިކްގެ މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފިއެވެ. މިސީޒަންގެ ލީގުގައި ކުޅުނު ތިންވަނަ މެޗު ބަޔާން ކާމިޔާބުކުރީ ބަޔާލެވަކޫސަންއާއި ވާދަކޮށް ތިނެއް ސުމަކުންނެވެ. މެޗުގައި ބަޔާންއިން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ ތޯމަސް މުލަރއެވެ. މުލަރ ޖެހި ދެލަނޑުގެ ތެރެއިން އެއް ލަނޑު އޭނާ ޖެހީ ޕެނަލްޓީއަކުންނެވެ. ރޭގެ މެޗަކީ އޭނާ ބުންޑަސްލީގުގައި ކުޅުނު 200 ވަނަ މެޗެވެ. ރޭގެ ދެ ލަނޑާއެކު ލީގުގައި މުލަރ ޖެހި ލަނޑުގެ އަދަދަކީ 76 އެވެ. ބަޔާންގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ރުބެންއެވެ. ރުބެންވެސް ލަނޑު ޖެހީ ޕެނަލްޓީއަކުންނެވެ. ރޭގެ ބައްޔަކީ ބަޔާ ލެވަކޫސަން މިސީޒަންގައިވީ ފުރަތަމަ ބައްޔެވެ. ތިން މެޗުން ނުވަ ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައި އޮތީ ބަޔާންމިޔުނިކެވެ.