ދުނިޔޭގެ ވިޔަފާރި

އީޔޫއާއި ވިއެޓްނާމްއާ ދެމެދު ޤާއިމްކުރި ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފަށައިފި


ޔޫރަޕްގެ އިއްތިހާދު، އީޔޫއާއި ވިއެޓްނާމްއާ ދެމެދު ޤާއިމްކުރި ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފަށައިފިއެވެ.

އީޔޫއާއި ވިއެޓްނާމްއާ ދެމެދު ޤާއިމްކޮށްފައިވާ ވިޔަފާރީގެ އެއްބަސްވުމަށް މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާފައިވާއިރު، މި އެއްބަސްވުމުގެ ދަށުން އިޔޫއާއި ވިއެޓްނާމްގެ ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ.

އީޔޫ-ވިއެޓްނާމް ވިޔަފާރި އެއްބަސްވުމުގެ ދަށުން، ދެ ފަރާތުގެ ދެމެދުގައި ވިޔަފާރިކުރާ 99 އިންސައްތަ މުދަލުން ނަގާ ޑިއުޓީ އެއްކޮށް ކަނޑާލާނެއެވެ. މިއެއްބަސްވުމުގެ ދަށުން އީޔޫގެ ކުންފުނިތަކަށް ވިއެޓްނާމްގައި ވިޔަފާރިކޮށް، އިންވެސްޓްކުރުމަށްވެސް ފަސޭހަވެގެންދާނެއެވެ. އެގޮތުން ވިއެޓްނާމް ސަރުކާރުގެ މަޝްރޫޢުތަކަށް، އީޔޫގެ ކުންފުނިތަކަށްވެސް ވިއެޓްނާމް ކުންފުނިތަކެކޭ އެއްގޮތަށް ވާދަކުރެވޭނެއެވެ. އަދި އެއްބަސްވުމުގެ ދަށުން ދެ ފަރާތުންވެސް މަސައްކަތްތެރިންގެ ހައްޤުތަކަށް އިޚްތިރާމްކުރަންޖެހެއެވެ. މީގެއިތުރުން ތިމާވެށި ރައްކާތެރިކުރުމާއި ޕެރިސް އެގްރިމަންޓް އޮން ކްލައިމެޓް ޗޭންޖުގެ އުސޫލުތަކަށްވެސް ދެ ފަރާތުން ތަބާވާންޖެހެއެވެ.

ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ޔޫރަޕިއަން ކޮމިޝަންގެ ރައީސް ވިދާޅުވީ ކޯވިޑްގެ ސަބަބުން އިޤްތިޞާދަށް ކުރިމަތިވި ހީނަރުކަމުން އަރައިގަތުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ. އަދި ވިއެޓްނާމްއާއެކު ޤާއިމްކުރި ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ޔޫރަޕްގެ ކުންފުނިތަކަށް ވިޔަފާރީގެ އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނޭކަމަށް ޔޫރަޕިއަން ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.

ވިއެޓްނާމްއަކީ ސިންގަޕޫރަށްފަހު އީޔޫއިން ވިޔަފާރި އެއްބަސްވުމެއް ޤާއިމްކުރި ފުރަތަމަ ޤައުމުވެސްމެއެވެ. އަދި ސިންގަޕޫރަށްފަހު އާސިއާންގެ ޤައުމުތަކުގެ ތެރެއިން އީޔޫއާއެކު އެންމެ ގިނައިން ވިޔަފާރިކުރާ ޤައުމަކީވެސް ވިއެޓްނާމެވެ.

މިދިޔަ އަހަރުވެސް އީޔޫއާއި ވިއެޓްނާމްއާ ދެމެދު 45.5 ބިލިއަން ޑޮލަރުގެ މުދާ ވިޔަފާރިކޮށްފައިވެއެވެ. އީޔޫއިން ވިއެޓްނާމްއަށް މައިގަނޑު ގޮތެއްގައި އެކްސްޕޯޓްކުރަނީ ޓެކްނޮލޮޖީއާ ގުޅޭ އުފެއްދުންތަކާއި، ވެހިކަލްއާއި، އެއަރކްރާފްޓާއި ފާމަސޫޓިކަލް އުފެއްދުންތަކެވެ. އަދި ވިއެޓްނާމްއިން އީޔޫއަށް މައިގަނޑު ގޮތެއްގައި އެކްސްޕޯޓްކުރަނީ އިލެކްޓްރޯނިކް ސާމާނާއި، ފައިވާނާއި ބޫޓުގެ އިތުރުން، ޓެކްސްޓައިލްއާއި ކާބޯތަކެތީގެ އެކި ބާވަތްތަކެވެ.