އިންޑިއާގެ ހޯމް މިނިސްޓަރ އަމިތް ޝާހް ކޯވިޑް-19އަށް ޕޮޒިޓިވްވެ ހޮސްޕިޓަލްގައި އެނޑްމިޓްކޮށްފިއެވެ. އަމިތް ޝާހް، ހަރިޔާނާގެ ގުރްގާއުންގެ މެދަންތާ ހޮސްޕިޓަލްގައެވެ.
އިންޑިއާގެ ނޫސްތަކުން ވަނީ 55 އަހަރުގެ އަމިތް ޝާޙް މީގެ ދެދުވަސްކުރިން ސަރުކާރުގެ ކެބިނެޓް ބައްދަލުވުމެއްގައި ބައިވެރިވެފައިވާކަމަށެވެ. މި ސަބަބައްޓަކައި އަމިތް ޝާޙްގެ ކޮންޓެކްޓް ޓްރޭސް ކުރުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށްދާއިރު، އިންޑިއާގެ ހޯމް މިނިސްޓަރާއި ބައްދަލުވި އެންމެން ހޯމް އައިސޮލޭޓްވުމަށް ވަނީ އަންގާފައެވެ.
އަމިތް ޝާހް ވަނީ އޭނާ ކޯޑް-19އަށް ޕޮޒިޓިވްވިކަން ހާމަކުރައްވައި ޓުވީޓްވެސްކުރައްވާފައެވެ. އޭނާގެ ޓުވީޓްގައި ވަނީ އޭނާގެ ކިބައިން ބަލީގެ އަލާމަތްތައް މީގެ 2 ދުވަސްކުރިން ފެނުމުން ބައްޔަށް ޓެސްޓްކުރެއްވިކަމަށެވެ. އޭނާގެ ސިއްޙީ ހާލުކޮޅު އަދި ރަނގަޅުކަމަށާއި، އެޑްމިޓްވާން ނިންމީ އޭނާގެ އުމުރުގެ ސަބަބުން އިތުރު އުނދަގޫތަކެއް ކުރިމަތިވެދާނެކަމަށް ބައްލަވައި ޑޮކްޓަރުންގެ ޓީމުގެ އިރުޝާދާއެކު ކަމަށްވެސް ވިދާޅުވެފައިވެއެވެ. އަމިތް ޝާހް ވެގެން ގޮސްފައި މިވަނީ މިހާތަނަށް އިންޑިއާއިން މި ބައްޔަށް ޕޮޒިޓިވްވި އެންމެ އިސްމަޤާމުގެ ބޭފުޅާއަށެވެ.
އަމިތް ޝާޙް ބައްޔަށް ޕޮޒިޓިވްވިކަން ހާމަކުރުމުން، އެ ޤައުމުގެ ޔޫނިއަން މިނިސްޓަރެއްކަމަށްވާ ބާބުލް ސުޕްރިއޯ ވަނީ އޭނާ އަމިތް ޝާހާ ބައްދަލުވިކަން ހާމަކޮށް ސެލްފް އައިސޮލޭޓްވެފައިވާކަން ހާމަކޮށްފައެވެ. އަދި އޭނާ މިހާރު ދިރިުޅެމުންދަނީ އާއިލާއާ ވަކިން ކަމަށާ ބައްޔަށް ޓެސްޓްކޮށްފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިންޑިއާގެ އުއްތަރް ޕްރަދޭޝްގެ ސްޓޭޓް މިނިސްޓަރ ކަމާލް ރާނީ ވަރުން ވަނީ މިއަދު ހެނދުނު ކޯވިޑް-19 ބަލީގައި އަވަހާރަވެފައެވެ. ޢުމުރުން 62 އަހަރުގެ ސްޓޭޓް މިނިސްޓަރ އަވަހާރަވެފައިވަނީ ލަކްނައުގެ ސަންޖޭ ގާންދީ ޕޯސްޓްގްރެޖުއޭޓް އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސެސްގައެވެ.
އިންޑިއާއަކީ މިހާރު ދުނިޔޭގައިވެސް މި ބަލި އެންމެ ބާރަށް ފެތުރެމުންދާ އެއް ޤައުމެވެ. އެގޮތުން މިހާތަނަށް އައިރު އެޤައުމުގެ ސަތާރަ ލައްކައަށްވުރެ ގިނަ މީހުންނަށް ވަނީ މި ބަލި ޖެހިފައެވެ.