ޚަބަރު

ކޮލެސްޓްރޯލް : ތިހީކުރާކަހަލަ އެއްޗެއް ނޫން


ކޮންމެ މީހަކުވެސް ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ބޭނުންވެއެވެ. އެހެންނަމަވެސް ދުޅަހެޔޮކޮށް ހުރުމަށް ބޭނުންވާ ކަންކަމަށް ސަމާލުކަން ގިނަފަހަރަށް ގިނަ މީހުނަށް އޮންނަނީ ނުދެވިފައެވެ. ނަތީޖާއެއްގެ ގޮތުން ސިއްޙީ ގިނަ މައްސަލަތަކަކާ ޢުމުރުގެ ކުރީކޮޅު ދިމާވާތީ އެކަމުގެ ކަންބޮޑުވުން ސިއްޙީ ދާއިރާގެ ތަޖްރިބާކާރުން އަންނަނީ ފާޅުކުރައްވަމުންނެވެ. ރާއްޖޭގައި އެންމެ ގިނަ މީހުން މަރުވަނީ ހިތުގެ އެކި މައްސަލަތަކުގައިކަމަށް ޞިއްހީ ރިކޯޑްތަކުން ދައްކައެވެ. ހިތުގެ މައްސަލަތައް ކުރިމަތިކުރުވާ މައިގަނޑު އެއް ސަބަބަކީ ކޮލެސްޓްރޯލް މަތިވުންކަމުގައިވެސް ސިއްހީ ތަޖުރިބާކާރުން ވިދާޅުވެއެވެ.

ކޮލެސްޓްރޯލްއަކީ ކޮބާ؟

ޢާއްމުގޮތެއްގައި ޤަބޫލުކުރެވިފައި އޮންނަނީ ކޮލެސްޓްރޯލްއަކީ ނުރައްކާތެރި ބޭނުމެއް ނެތް އެއްޗެއްގެ ގޮތުގައެވެ. އެހެންނަމަވެސް ކޮލެސްޓްރޯލްއަކީ ހަށިގަނޑަށް ބޭނުންވާ މުހިއްމު އެއްޗެކެވެ. މިއީ ހަށިގަނޑުގައި ހުންނަ ސެލްތަކުގައި ހުންނަ ސަރުބީގެ މާއްދާއެކެވެ. ކާނާ ހަޖަމުކުރުމަށް ބޭނުންވާ ހޯމޯންސާއި ވިޓަމިން-ޑީއާއި އެހެނިހެން މާއްދާތައް އުފެއްދުމުގައި ކޮލެސްޓްރޯލް މުހިއްމު ރޯލެއް އަދާކުރެއެވެ. ހަށިގަނޑަށް ބޭނުންވާ މިންވަރަށް ހަށިގަނޑުން ކޮލެސްޓްރޯލް އުފައްދައެވެ. ކޮލެސްޓްރޯލްގެ މައްސަލަ ކުރިމަތިވަނީ ހަށިގަނޑަށް އެތެރެވާ ކާނާގެ ބާވަތްތަކާއެކު އިތުރުވާ ކޮލެސްޓްރޯލްގެ މިންވަރުގެ ސަބަބުންނެވެ.

ހަށިގަނޑުގައި 2 ވައްތަރުގެ ކޮލެސްޓްރޯލް ހުރެއެވެ. އެއީ ލޯޑެންސިޓީ ލިޕޯޕްރޮޓިން އެލްޑީއެލް ނުވަތަ ބޭޑް ކޮލެސްޓްރޯލްއާއި ހައިޑެންސިޓީ ލޮޕޯޕްރޮޓީން އެޗްޑީއެލް ނުވަތަ ގުޑް ކޮލެސްޓްރޯލްއެވެ. މީގެތެރެއިން އެލްޑީއެލް މައްޗަށްދާނަމަ ފުރާނައަށް ގެއްލުން ކުރިމަތިވެއެވެ. ކޮލެސްޓްރޯލްގެ މައްސަލަ ކުރިމަތިވަނީ ހަށިގަނޑަށް އެތެރެވާ ކާނާގެ ބާވަތްތަކާއެކު އިތުރުވާ ކޮލެސްޓްރޯލްގެ މިންވަރުގެ ސަބަބުން ހަށިގަނޑުގައި އެލްޑީއެލްއާއި ޓްރައިގްލިސަރރައިޑްޒް އިތުރުވުމުގެ ސަބަބުންނެވެ.

ލޭގެތެރޭގައި ކޮލެސްޓްރޯލް އިތުރުވުމުގެ ސަބަބުން ކޮލެސްޓްރޯލް އެހެން މާއްދާތަކާއެކުވެ ހިތުން ހަށިގަނޑުގެ އެހެން ހިސާބުތަކަށް ލޭ ފޮނުވާ އާޓަރީތައް ނުވަތަ ލޭ ހޮޅިތަކުގައި އިތުރު ފަށަލައެއް އުފައްދާ ލޭހޮޅިތައް ހިމަކޮށްލައެވެ. އޭގެ ސަބަބުން ހިތުގެ މަސްތަކަށް ބޭނުންވާ ލޭ އެކަށީގެންވާ ގޮތުގައި ދައުރުނުވުމުގެ ސަބަބުން ހިތުގެ މައްސަލަތަކުގެ ތެރޭގައި ހިމެނޭ އެންމެ ޢާއްމު އެއް ބަލިކަމުގައިވާ ކޮރޮނަރީ އާޓަރީ ޑިޒީޒްއަށް މަގުފަހިވެއެވެ. މީގެ ސަބަބުން ހިތަށް ލޭ ފޮނުވާ ހޮޅިތެރޭގައި ލޭ ގަނޑުވުމުގެ ފުރުސަތު ބޮޑުވެއެވެ. މިގޮތަށް ލޭ ގަނޑުވުމުގެ ސަބަބުން ހާޓްއެޓޭކް ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ.

ކޮލެސްޓްރޯލް މަތިވަނީ ކީއްވެ؟

ކޮލެސްޓްރޯލްއަކީ ހަށިގަނޑުގައި އުފައްދާ މާއްދާއެއް ނަމަވެސް ހަށިގަނޑުން އުފައްދަނީ ބޭނުންވާ މިންވަރަށެވެ. އެހެންނަމަވެސް އެއްވެސް ބެލުމެއްނެތި ކެއުމުގެ އާދަކާދަތައް ގެންގުޅުމުގެ ސަބަބުން ކޮލެސްޓްރޯލް އިތުރަށް ހަށިގަނޑަށް އެތެރެވެއެވެ. އެގޮތުން ޢާއްމުގޮތެއްގައި އެއްގަމު މަހުގެ ބާވަތްތަކާއި ކިރުގެ ބާވަތްތައް ނުވަތަ ޑެއިރީ ޕްރޮޑަކްޓްސްއާއި ތެލުލީ ކާނާގެ ބާވަތްތަކުގައި ކޮލެސްޓްރޯލް މަތިވާ ސަރުބީ ހިމެނެއެވެ. މީގެއިތުރުން ތައްޔާރީ ކާނާ ގިނައިން ކެއުމަކީވެސް ކޮލެސްޓްރޯލް ހަށިގަނޑުގައި އިތުރުވާ ސަބަބެކެވެ. މިފަދަ ކާނާގެ ބާވަތްތައް ބޭނުންކުރުމުގެ ސަބަބުން އިތުރުވަނީ ހަށިގަނޑަށް ގެއްލުންވާ އެލްޑީއެލް ކޮލެސްޓްރޯލެވެ.

ކޮލެސްޓްރޯލް ހަށިގަނޑުގައި އިތުރުވާ އަނެއް ސަބަބަކީ ހެލިފެލިވެ އުޅޭ މިންވަރު މަދުވުމެވެ. ހެލިފެލިވެ އުޅޭ މިންވަރު މަދުކޮށް ކަސްތަރުކުރާ މިންވަރު މަދުވުމުގެ ސަބަބުން ހަށިގަނޑުގައި ހުންނަ ރަނގަޅު ކޮލެސްޓްރޯލް މަދުކޮށްލައެވެ. ކަސްރަތުކުރުމުގެ ސަބަބުން ލޭގެތެރޭގައި ދައުރުވާ ކޮލެސްޓްރޯލްއާއި ލޭ ހޮޅިތަކުގައި ހަރުލާފައި ހުންނަ ކޮލެސްޓްރޯލް ފުރަމެއަށް ޖަމާކޮށް ނައްތާލުމުގައި އެހީވާ އެންޒައިމެއް ހަށިގަނޑުން ދޫކުރެއެވެ.

ކޮލެސްޓްރޯލް މަތިވުމަކީ ޢާއިލީގޮތުން ވާރުތަވެސް ކުރާކަމެކެވެ. މިފަދަ މީހުން ކެއިންބުއިމުގައި ކިތައްމެވަރަކަށް ބަލައިގެން އުޅުނު ނަމަވެސް ކޮލެސްޓްރޯލް ހުންނަނީ މަތީގައެވެ. އެހެންނަމަވެސް ކެއުން ރަނގަޅުކޮށް ކަސްރަތުކުރުމުން ކޮލެސްޓްރޯލްގެ ނުރައްކާ ކުޑަވެއެވެ. ބައެއް ޙާލަތްތަކުގައި މިފަރާތްތަކުން ބޭސް ބޭނުންކޮށްގެން ކޮލެސްޓްރޯލް ކޮންޓްރޯލް ކުރަންޖެހޭކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ.

ރާއްޖޭގެ އާބާދީގައިވެސް ހިތުގެ ބަލިތައް އިންތިހާއަށް އިތުރުވަމުން އަންނަކަމަށް ކަމާބެހޭ ފަރާތްތަކުން ވިދާޅުވަމުން އަންނައިރު ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ދުޅަހެޔޮ ކާނާގެ ބާވަތްތަކާއި ކަސްރަތުކުރުން ޢާއްމުކަމަކަށް ހަދަން އެބަޖެހެއެވެ.