ވިޔަފާރި

ފުރަތަމަ 6 މަހު ދިރާގަށް 1.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް


މިއަހަރުގެ ފުރަތަމަ 6 މަސް ދުވަސް ނިމުނުއިރު ދިރާގަށް 1.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

އަހަރުގެ ފުރަތަމަ 6 މަހު މޮބައިލްގެ ހިދުމަތްތަކާއި، ފިކްސްޑް ލައިން، ބްރޯޑް ބޭންޑް އިންޓަނެޓާއި އެންޓަޕްރައިޒް ވިޔަފާރިތައް މެދުވެރިކޮށް ދިރާގަށް ވަނީ 1.2 ބިލިއަން ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބިފައިވެއެވެ. ނަމަވެސް އަހަރުގެ ފުރަތަމަ ކުއަޓަރާއި އަޅާބަލާއިރު 2 ވަނަ ކުއާޓަރުގައި ދިރާގަށް ލިބުނު އާމްދަނީ ވަނީ ދަށަށް ގޮސްފައެވެ.

މިއަހަރުގެ ފުރަތަމަ ކުއަޓަރުގައި ދިރާގަށް ވަނީ 728 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ. ނަމަވެސް ދެވަނަ ކުއަޓަރުގައި އާމްދަނީގެ ގޮތުގައި ލިބުނީ 546 މިލިއަން ރުފިޔާއެވެ.

ދިރާގުން އާމްދަނީ ހޯދަނީ މައިގަނޑު 2 ދާއިރާއަކުންނެވެ. އެއީ މޯބައިލް ހިދުމަތްތަކާއި ފިކްސްޑް ލައިން، ބްރޯޑް ބޭންޑް އިންޓަނެޓާއި އެންޓަޕްރައިޒް ވިޔަފާރިތައް މެދުވެރިކޮށެވެ. މިގޮތުން އަހަރުގެ ފުރަތަމަ ކުއަޓަރުގައި ދިރާގަށް މޮބައިލްގެ ހިދުމަތްތަކުގެ އާމްދަނީގެ ގޮތުގައި 451 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ދެވަނަ ކުއަޓަރުގައި މޮބައިލް ހިދުމަތްތަކުގެ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 318 މިލިއަން ރުފިޔާއެވެ.

އަހަރުގެ ފުރަތަމަ ކުއަޓަރުގައި ދިރާގަށް ފިކްސްޑް ލައިން، ބްރޯޑް ބޭންޑް އިންޓަނެޓާއި އެންޓަޕްރައިޒް ވިޔަފާރިތައް މެދުވެރިކޮށް ލިބިފައިވަނީ 260 މިލިއަން ރުފިޔާ އެވެ. ދެވަނަ ކުއާޓަރުގައި މިބައިތަކުން އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 213 މިލިއަން ރުފިޔާއެވެ.

ދިރާގުގެ މާލީ ރިޕޯޓު ދައްކާގޮތުން އެކުންފުންޔަށް ފުރަތަމަ ކުއާޓަރުގައި ފައިދާގެ ގޮތުގައި 300 މިލިއަން ރުފިޔާ ލިބުނުއިރު، ދެވަނަ ކުއާޓަރުގައި ލިބިފައިވަނީ 152 މިލިއަން ރުފިޔާއެވެ.