ވިޔަފާރި

އިތުރު 2 އެއަރލައިނަކުން މިމަހު ރާއްޖެއަށް އަލުން ދަތުރުތައް ފަށަނީ


މިމަހު ރާއްޖެއަށް އަލުން ދަތުރުތައް ފެށުމަށް އިތުރު ދެ އެއަރލައިނަކުން ޝެޑިއުލްކޮށްފައިވާކަމަށް އެމްއޭސީއެލުން ހާމަކޮށްފިއެވެ.

އެމްއޭސީއެލުން ބުނީ މިހާތަނަށް މިމަސްތެރޭ އަލުން ދަތުރުތައް ފެށުމަށް ޝެޑިއުލްކޮށްފައިވަނީ ހޮންގކޮންގ އެއަރލައިންސް އަދި އިންޑިގޯ އެއަރލައިންސްއިން ކަމަށެވެ. ކޯވިޑް-19އާ ގުޅިގެން ރާއްޖޭގައި އިޢުލާންކޮށްފައިވާ އާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ފުރަބަންދުގެ ފިޔަވަޅުތަކާއެކު ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރުތައް ސަރުކާރުން ބަންދުކޮށްފައި ވަނީ މިދިޔަ މާޗުމަހުގެ 27 ވަނަ ދުވަހުއެވެ. އަދި އެއަށްފަހު ބޯޑަރު އަލުން ހުޅުވާފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ. އެއަރއެކު މިދިޔަމަސްތެރޭ ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ވަނީ 4 އެއަރލައިނަކުން ފަށާފައެެވެ. އެ 4 އެއަރލައިނަކީ، ޤަތަރު އެއަރވޭސް، ސްރީލަންކަން، އެމިރޭޓްސް އަދި އިއްތިހާދު އެއަރވޭސްއެވެ.

އެމްއޭސީއެލުން ބުނީ މިއަހަރުގެ ފަހުކޮޅު ރާއްޖެއަށް ދަތުރުތައް ފެށުމަށް ގިނަ އެއަރލައިންތަކަކުން ޝެޑިއުލްކުރަމުންދާ ކަމަށެވެ.

އަހަރުގެ ފަހު ކޮޅަކީ ރާއްޖޭގެ ފަތުރުވެރިކަމުގެވެސް ހައި ސީސަންއެވެ. ރާއްޖެއަށް މިހާރުވެސް ދަތުރުތައް ފަށާފައިވާ އެއަރލައިންތަކުންވެސް ދަނީ ރާއްޖެއަށް ބާއްވާ ދަތުރުތަކުގެ އަދަދުތައް އިތުރުކުރުމަށް ތައްޔާރުވަމުންނެވެ. އެގޮތުން އެމިރޭޓްސްއިން ވަނީ މިމަހުގެ 4 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް ކުރާ ދަތުރުތަކުގެ އަދަދު 6 އަށް އިތުރުކުރުމަށް ނިންމާފައެވެ.

އެމިރޭޓްސްއިން މިހާރުދަނީ ރާއްޖެއަށް ހަފްތާއަކު 5 ދަތުރު ބާއްވަމުންނެވެ. އަދި ސްރީލަންކަން އެއަރލައިންސްއިންވެސް ވަނީ މިމަހުގެން ފެށިގެން ރާއްޖެއަށް ހަފްތާއަކު 7 ދަތުރުކުރުމަށް ނިންމާފައެވެ. އެއަރލައިނުން އައީ ރާއްޖެއަށް ހަފްތާއަކު 3 ދަތުރު ބާއްވަމުންނެވެ.

ކޯވިޑް-19ގެ ސަބަބުން ދުނިޔޭގެ ވައިގެ ސިނާއަތަށް ބޮޑު އަސަރެއްކޮށްފައިވާއިރު، މިކަމުގެ ސަބަބުން އެއަރލައިންތަަކަށް ބޮޑެތި ގެއްލުންތަކެއްވެފައިވާތީ ދެވޭ އެހީތެރިކަމެއްގެ ގޮތުން ބޯޑަރު ހުޅުވުމަށްފަހު ވީއައިއޭއަށް ޖައްސާ ބައިނަލްއަޤްވާމީ ފްލައިޓްތަކަށް ދެވޭ އެކި ހިދުމަތްތަކުން ނަގާ ފީތަކަށް ވަކި މުއްދަތަކަށް އެކީގައި ކަނޑާލައި، ބޮޑެތި ޑިސްކައުންޓް ދޭން އެމްއޭސީއެލުން ވަނީ ނިންމާފައެެވެ.