ވިޔަފާރި

ޖުލައިމަހުގެ ނިޔަލަށް އުރީދޫއަށް 953 މިލިއަން ރުފިޔާގެ އާމްދަނީއެއް


މިއަހަރުގެ ފުރަތަމަ 6 މަސް ދުވަސް ނިމުނުއިރު އުރީދޫ މޯލްޑިވްސްއަށް 953 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

އުރީދޫ މޯލްޑިވްސްގެ މާލީ ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 6 މަސް ދުވަސް ނިމުނުއިރު، އެކުންފުންޏަށް 953 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެމުއްދަތާ އަޅާބަލާއިރު 4.6 އިންސައްތަ ދަށް އަދެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި އުރީދޫ މޯލްޑިވްސްއަށް ވަނީ 999 މިލިއަން ރުފިޔާ ލިބިފައެވެ.

ނިމުނު ދެވަނަ ކުއާޓަރުގެ އާމްދަނީއަށް ބަލާލާއިރު އާމްދަނީގެ ގޮތުގައި 410 މިލިއަން ރުފިޔާ އުރީދޫ މޯލްޑިވްސްއަށް ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 492 މިލިއަން ރުފިޔާއާ އަޅާބަލާއިރު 16.7 އިންސައްތައިގެ ދަށްވެފައެވެ. މިދިޔަ އަހަރުގެ ދެވަނަ ކުއަޓަރުގައި އުރީދޫއަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 492 މިލިއަން ރުފިޔާއެވެ.

މިއަހަރުގެ ފުރަތަަމަ ކުއަޓަރާއި އާޅާބަލާއިރު ދެވަނަ ކުއަޓަރުގެ އާމްދަނީ ވަނީ ދަށްވެފައެވެ. މިއަހަރުގެ ފުރަތަމަ ކުއަޓަރުގައި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 543 މިލިއަން ރުފިޔާއެވެ. އެހެންކަމުން ދެވަނަ ކުއާޓަރުގައި ލިބުނު އާމްދަނީ ވަނީ ފުރަތަމަަ ކުއާޓަރާ އާޅާބަލާއިރު 24.6 ޕަސެންޓް ދަށްވެފައެވެ.

މިދިޔަ އަހަރުގެ 2 ވަނަ ކުއާޓަރުގައި އުރީދޫއަށް 130 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިފައިވާއިރު، މިއަހަރުގެ 2 ވަނަ ކުއާޓަރުގައި އެކުންފުންޏަށް ލިބިފައިވަނީ 81 މިލިއަން ރުފިޔާގެ ސާފު ފައިދާއެކެވެ. މިއީ 37.9 އިންސައްތައިގެ ދަށްވުމެކެވެ.

އުރީގެ ކަސްޓަމަރުންގެ އަދަދުވެސް ދެވަނަ ކުއަޓަރުގައި ވަނީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު ދަށްވެފައެވެ. މިދިޔަ އަހަރުގެ ދެވަނަ ކުއަޓަރުގައި އުރީދޫގެ ކަސްޓަމަރުންގެ އަދަދު ހުރީ 448 ހާހުގައެވެ. ނަމަވެސް މިއަހަރުގެ ދެވަނަ ކުއަޓަރުގައި ކަސްޓަމަރުންގެ އަދަދު 16.7 އިންސައްތަ ދަށަށްގޮސްފައިވާކަމަށް އުރީދޫއިން ބުނެއެވެ. މިއަހަރުގެ ދެވަނަ ކުއަޓަރުގައި އުރީދޫގެ ކަސްޓަމަރުންގެ އަދަދު ހުރީ 373 ހާހުގައެވެ.