ޚަބަރު

ޔޫރަޕުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފު އިމޮބިލޭއަށް

ޔޫރަޕުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އެވޯޑް ލާޒިއޯ ޗީރޯ އިމޮބިލޭ ހޯދައިފިއެވެ.

އިޓާލިއަން ލީގުގައި ރޭ ނަޕޯލީއާ ވަދާކޮށް 1-3 އިން ބަލިވި މެޗުގައި ލާޒިއޯގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޗީރޯ އިމޮބިލޭއެވެ. މި ލަނޑާއެކު މި ސީޒަންގައި އިމޮބިލޭ ޖެހި ލަނޑުގެ ޢަދަދު ވަނީ 36 އަށް އަރާފައެވެ.

އިމޮބިލޭއާއި އެންމެ ގާތުން ވާދަކުރި ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުން އަންނަ ރޮބަޓް ލެވަންޑޮސްކީއަށް ކާމިޔާބުކުރެވުނީ 34 ލަނޑެއެވެ.

ޔޫރަޕްގެ ރަން ބޫޓް އިމޮބިލޭ އަށް ލިބުނު މިއީ ފުރަތަމަ ފަހަރެވެ. އެކަމަކު މީގެ ކުރިން ދެ ފަހަރެއްގެ މަތިން އޭނާ ވަނީ އިޓާލިއަން ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެެރިޔާގެ މަގާމް ހޯދާފައެވެ. އެއީ 2013 ވަނަ އަހަރުގެ ސީޒަންގައި 22 ލަނޑު އަދި 2016 ވަނަ އަހަރުގެ ސީޒަންގައި 29 ލަނޑު ޖަހައިގެންނެވެ.

މި އެވޯޑް މިދިޔަ ތިން ސީޒަންގައި ހޯދާފައިވަނީ ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީއެވެ. އޭނާ ވަނީ 6 ފަހަރު މި އެވޯޑް ހޯދާ އެންމެ ގިނައިން މި އެވޯޑް ހޯދި ކުޅުންތެރިޔާގެ މަޤާމް ހޯދާފައެވެ.

މިއީ 2017 ވަނަ އަހަރުގެ ސީޒަންގައި މައޮރޯ އިކާޑީ މި އެވޯޑް ހޯދިފަހުން ސެރިއާގެ ކުޅުންތެރިއަކު އެވޯޑް ހޯދި ފުރަތަމަ ފަހަރެއެވެ. މިއީ އިޓަލީގެ ފްރެންސިސްކޯ ޓޮޓީ މި އެވޯޑް 2006 ވަނަ އަހަރުގެ ސީޒަންގައި ހޯދިފަހުން އިޓަލީގެ ކުޅުންތެރިޔަކު މި އެވޯޑް އިޓަލީގެ ކުޅުންތެރިޔަކު އުފުލާލާ ފުރަތަމަ ފަހަރެއެވެ.