ވިޔަފާރި

ރެޑިސަން ބްލޫ މޯލްޑިވްސް ރިސޯޓް ހުޅުވައިފި


ރެޑިސަން ބްލޫ މޯލްޑިވްސް ރިސޯޓް ފަތުރުވެރިންނަށް ހުޅުވާލައިފިއެވެ.

ރެޑިސަން ބްލޫ މޯލްޑިވްސް ރިސޯޓްގެ ފުރަތަމަ ފަތުރުވެރިންނަށް އިއްޔެ އެ ރިސޯޓުން މަރުހަބާ ކިޔާފައިވާއިރު، މިރިސޯޓަކީ ރެޑިސަން ހޮޓެލް ގްރޫޕާއި ޝަން ހުއާ ހޯލްޑިންސްއިން ހިންގާ ރިސޯޓެކެވެ.

ރެޑިސަން ބްލޫ މޯލްޑިވްސް ރިސޯޓަކީ ރެޑިސަން ބްލޫއިން ރާއްޖޭގައި ތަރައްޤީކުރި ފުރަތަމަ ރިސޯޓެވެ. މިރިސޯޓު ތަރައްޤީކޮށްފައިވަނީ އދ. އަތޮޅުގެ ހުރުހެޅި ނަމަކަށް ކިޔާރަށެއްގައެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ސީޕްލޭންގައި 30 މިނެޓުގައި ދެވޭ މިރިސޯޓަކީ ފަސް ތަރީގެ ރިސޯޓެކެވެ.

ރަށު ތެރެއާއި ކަނޑުމަތީގެ 128 ވިލާ ހުންނަ މިރިސޯޓުގެ ހިދުމަތްތައް ބައްޓަންކޮށްފައިވަނީ އާއިލާތަކާއި ލޯބިވެރިންނަށް ބޭނުންވާ ކަންތައްތަކަށް ވިސްނައިގެނެވެ. މިގޮތުން މިރިސޯޓުގައި ވޯޓަރ ސްޕޯޓްސް، ޑައިވް ސެންޓަރ، ސްޕާ، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ރަހަތަކަށް ހާއްސަ ރެސްޓޯރެންޓުތަކާއި، ކުޑަކުދިންނަށް ހާއްސަ އެކިއެކި ހިދުމަތްތައް ލިބެން ހުންނާނެއެވެ.

ރިސޯޓު ހުޅުވުމާއެކު މިހާރު ރެޑިސަން ބްލޫ މޯލްޑިވްސްއިން ވަނީ ހާއްސަ ޕްރޮމޯޝަނެއްވެސް ފަށާފައެވެ. އެގޮތުން މިރިސޯޓުގެ ރޫމް ރޭޓްތައް ފެށެނީ ރެއަކަށް 600 ވަރަކަށް ޑޮލަރުންނެވެ.

ރެޑިސަން ހޮޓެލް ގްރޫޕަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަތުރުވެރިކަމުގެ ހިދުމަތްދޭ 400 އަށްވުރެ ގިނަ ރިސޯޓް، ހޮޓާ ހިންގާ ބްރޭންޑެކެވެ. ރެޑިސަން ބްލޫ މޯލްޑިވްސް ރިސޯޓު ރާއްޖޭގައި ތަރައްޤީކުރުމަށް ރެޑިސަން ގްރޫޕާއެކު ޕާޓްނަރޝިޕް ހަދާފައިވާ ޝަން ހުއާ ހޯލްޑިންގްސްއަކީ ސިންގަޕޫރުގެ މަޝްހޫރު ރިއަލް އެސްޓޭޓް ކުންފުންޏެކެވެ.