ޚަބަރު

ސިއްޙީ މަރުކަޒެއްގައި ފަށާ ފުރަތަމަ ދަތުގެ ފަރުވާ މާފުށީގައި


ސިއްޙީ މަރުކަޒެއްގައި ފަށާ ފުރަތަމަ ދަތުގެ ފަރުވާގެ ޚިދުމަތް ކ.މާފުށީ ސިއްޙީ މަރުކަޒުގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.

ކ.މާފުށީގައި ދަތުގެ ފަރުވާ ފެށުމަށް މިހާރު ކުރިއަށްދަނީ އެކަމަށް ބޭނުންވާ އެންމެ ފަހުގެ ތައްޔާރީތަކެވެ. މާފުށީގައިވެސް އަދި އަތޮޅުތަކުގެ ސިއްޙީ މަރުކަޒެއްގައި މުޅިން އަލަށް ފަށާ ދަތުގެ ފަރުވާގެ މި ޚިދުމަތާއި ގުޅޭގޮތުން، ޕީއެސްއެމްއަށް މަޢުލޫމާތުދެއްވަމުން މާފުށީ ކައުންސިލުން ވިދާޅުވީ، ފަރުވާ ފެށުމަށް ބޭނުންވާ ހުރިހާ ތައްޔާރީތައް މިހާރު ނިމިފައިވާކަމަށެވެ.

ދަތުގެ ފަރުވާއަކީ ސްޕެޝަލިސްޓް ޚިދުމަތަކަށްވާއިރު އެ ޚިދުމަތަށް ބޭނުންވާ މެޝިންތައް މިހާރު ހެލްތު ސެންޓަރުގައި އިންސްޓޯލްކުރުމުގެ މަސައްކަތްވަނީ ނިންމާލާފައެވެ. އެގޮތުން ޑެންޓަލް ޔުނިޓާއި، ދަތުގެ އެކްސްރޭނަގާ މެޝިން އިންސްޓޯލްކޮށް، އެކަމަށް ބޭނުންވާ ސާމާނު ހޯދާ، ޚިދުމަތް ފެށުމަށް ބޭނުންވާ ހުރިހާ އިންތިޒާމްތައް މިހާރުވަނީ ސެންޓަރުގައި ހަމަޖައްސާ ނިމިފައެވެ. އަދި ޚިދުމަތް ފެށުމަށް ބޭނުންވާ ޑެންޓިސްޓްވެސް ރަށަށް ގޮސްފައިވާކަމަށް ކައުންސިލުން މަޢުލޫމާތުދެއެވެ.

ޑެންޓިސްޓަކީ މާލެއިން ދަތުރުކުރި ޑޮކްޓަރެއްކަމުން މިވަގުތު ހުރީ ކަރަންޓީންގައިކަމަށާއި، ޑޮކްޓަރު ކަރަންޓީން މުއްދަތު ހަމަވިހާ އަވަހަށް ޚިދުމަތް ފަށާނެކަމަށް ކައުންސިލުން ވިދާޅުވިއެވެ. މާފުށީ ކައުންސިލުން ވިދާޅުވީ އެރަށުގައި ދަތުގެ ފަރުވާ މިމަހު 7 ހިސާބުގައި ފެށޭނެކަމަށް ލަފާކުރެވޭކަމަށެވެ.

މާފުށީ ސިއްޙީ މަރުކަޒަކީ ޚިދުމަތުގެ ގޮތުން ފާހަގަކޮށްލެވޭ ސެންޓަރެކެވެ. އަދި މިހާރުވެސް އެ ސެންޓަރުން ބައެއް ސްޕެޝަލިސްޓް ޚިދުމަތްތައް ލިބެއެވެ. އެގޮތުން ހަމުގެ ޚާއްސަ ޑޮކްޓަރަކާއި، އެތެރެހަށީގެ ޑޮކްޓަރެއްގެ ޚިދުމަތް މާފުށީ ސިއްޙީ މަރުކަޒުން ލިބެއެވެ.

ރަށު ކައުންސިލާއި ހެލްތު ސެންޓަރު ގުޅިގެން ހެލްތު ސެންޓަރު އިމާރާތަށް ޒަމާނީ ބަދަލުތައް ގެނައުމުގެ މަސައްކަތްވެސްވަނީ ކޮށްފައެވެ. އެގޮތުން ސެންޓަރުގެ އެއް ވޯޑް އޭސީކުރުމާއި، ޚިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަކުރުމުގެ ގޮތުން ސީލިންގް ބެޑް ކަރޓެއިން ހަރުކުރުމާއި، ނަރސިންގ ސްޓޭޝަނެއް ހެދުމާއި، ލޯންޑްރީއާއި އެމްބިއުލާންސް ގަރާޖްވެސްވަނީ ހަދާފައެވެ.

މާފުށީ ސިއްޙީ މަރުކަޒުގައި ކުޑަކުދިންނާއި އަންހެނުންގެ ޑޮކްޓަރެއްގެ ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތްކުރަމުންދާކަމަށްވެސް ރަށު ކައުންސިލުންވަނީ ވިދާޅުވެފައެވެ.

ކޯވިޑްގެ މި ޙާލަތުގައި މާލެ ނައިސް ކައިރި ރަށްތަކުން މާފުށީ ހެލްތު ސެންޓަރަށް ޚިދުމަތް ހޯދުމަށް މީހުން ގޮސްފައިވެއެވެ. އަދި ރަށަކީ ފަތުރުވެރިކަމުގެ ވިޔަފާރިއާއި، ޖަލެއްވެސް ހުންނަ ރަށަކަށްވާތީ ސިއްޙީ ޚިދުމަތް ފުޅާކުރުމުގެ މުހިންމުކަން ރަށު ކައުންސިލުން ވަރަށް ބޮޑަށް ފާހަގަކުރެއެވެ.

ކަމަނަ

ކ. މާފުށިންވެސް ކޮވިޑް ދުވަސްވަރު ސިއްޚީ ޚިދުމަތް ހޯދުމަށް ދިޔައީމަހިބަދޫ ގައި ހުންނަ އދ. ޢަތޮޅު ހޮސްޕިޓަލަށް. 4 އަތޮޅުގެ ބަލި މީހުނަށް ފަރުވާ ދިން އދ. ޢަތޮޅު ހޮސްޕިޓަލް އިން