ވިޔަފާރި

މިދިޔަ ކުއާޓަރުގައި އެމްޓީސީސީން 75 މަޝްރޫޢެއް ކުރިއަށްގެންދިޔަ


މިދިޔަ ކުއާޓަރުގައި އެމްޓީސީސީން 75 މަޝްރޫއެއްގެ މަސައްކަތް ކުރިއަށް ގޮސްފައިވާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން އާއްމުކޮށްފައިވާ މިއަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ރިޕޯޓުގައިވާ ގޮތުން 75 މަޝްރޫޢެއްގެ ތެރޭގައި ބަނދަރު ހެދުމުގެ މަސައްކަތާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތަކާއި މަގު ހެދުމުގެ މަސައްކަތްތައް ހިމެނެއެވެ.

މިދިޔަ ކުއާޓަރުގައި ކުރިއަށްދިޔަ 75 މަޝްރޫޢެއްގެ ތެރެއިން 14 މަޝްރޫޢެއްގެ މަސައްކަތް އެމްޓީސީސީން ވަނީ އެކުއަރޓަރުގެ ތެރޭގައި ކާމިޔާބުކަމާއެކު ނިންމާލާފައެވެ.

އެމްޓީސީސީން ފުރިހަމަކުރި މަޝްރޫޢުތައް

  • - ތިލަފުށި ކުނި ޖަމާކުރުމުގެ ސަރަޙައްދުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް
  • - އއ.ހިމަންދޫ ބަނދަރު ހެދުމުގެ މަޝްރޫޢު
  • - އއ.ހިމަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު
  • - ގއ. ކަނޑުހުޅުދޫ ބަނދަރުގެ ތޮށިލުމުގެ މަސައްކަތް
  • - ގއ. ވިލިނގިލި ބަނދަރުގެ ހެދުމުގެ މަސައްކަތް
  • - ގއ. ވިލިނގިލި ފުޓްބޯޅަ ދަނޑުގެ ސަބްބޭސް މަސައްކަތް
  • - ލ.ގަން ފުޓްބޯޅަ ދަނޑުގެ ސަބްބޭސް މަސައްކަތް
  • - ގދ.ތިނަދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް މަސައްކަތް
  • - ގދ. މާވަރުލު އެއަރޕޯޓްގެ ފޭސް 2ގެ މަސައްކަތް
  • - ގދ. މާވަރުލު ހާބަރު ބޮޑުކުރުމުގެ މަސައްކަތް

14 މަޝްރޫޢެއްގެ މަސައްކަތް ނިންމާލުމުގެ އިތުރުން، މިދިޔަ ކުއާޓަރުގައި އެމްޓީސީސީން ވަނީ އަައު 8 މަޝްރޫޢެއްގެ މަސައްކަތް ފަށާފައެވެ.

އެމްޓީސީސީގެ ދެވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާގޮތުން އެމްޓީސީސީއަށް މިއަހަރުގެ ދެވަނަ ކުއާޓަރުގައި 248 މިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. މިއީ ފުރަތަމަ ކުއާޓަރުގައި ލިބުނު 354 މިލިއަން ރުފިޔާގެ އާމްދަނީއާ އަޅާބަލާއިރު، 30 އިންސައްތައިގެ ދަށްވުމެކެވެ.

ޓެކްސްއަށް ކެނޑުމަށްފަހު އެކުންފުންޏަށް ފައިދާގެ ގޮތުގައި ލިބިފައިވަނީ 15 މިލިއަން ރުފިޔާއެވެ. މިއީ ފުރަތަމަ ކުއާޓަރުގައި ފައިދާގެ ގޮތުގައި ލިބުނު 53 މިލިއަން ރުފިޔާއާ އަޅާބަލާއިރު 71 އިންސައްތަ މަދު އަދަދެކެވެ. 2 ވަނަ ކުއާޓަރުގައި އެމްޓީސީސީއަށް 248 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، އޭގެ ތެރެއިން ކޮންޓްރެކްޓިންގ މަސައްކަތުން 176 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.