ޚަބަރު

ދެލައްކަ ތިރީސްހާސް މީހުންގެ އާބާދީއަކަށް ހުޅުމާލެ ތަރައްޤީކުރަނީ


ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ ޕްލޭނަށް ބަދަލު ގެނެސް ދެލައްކަ ތިރީސް ހާސް މީހުންގެ އާބާދީއަކަށް އަމާޒުކޮށް ހުޅުމާލެ ތަރައްގީ ކުރުމަށް ނިންމައިފިއެވެ.ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިއަދު އޮތް ގަސްއިންދުމުގެ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ސައިމަން ވިދާޅުވީ ހުޅުމާލެ ތަރައްގީގެ ޕްލޭނަށް ބަދަލުގެނެސްފައިވަނީ ހުޅުމާލެ އަކީ ރާއްޖޭގެ އާބާދީގެ ހަތްދިހަ އިންސައްތަ ދިރިއުޅޭނެ ތަނަކަށް ހެދުމަށް ކަމަށެވެ.ހުޅުމާލެ ދެވަނަ ފިޔަވަހި ތަރައްގީ ކުރުމަށް ހިއްކާފައިވާ ބިމުގައި ފަސް ކުންފުންޏަކުން 500 ގަސް އިންދުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެންވައިރަމެންޓް މިނިސްޓަރ ތޯރިގް އިބްރާހިމް ވިދާޅުވީ، އިމާރާތްތައް އެޅި ހުޅުމާލެ ތަރައްގީ ވެގެންދާއިރު، އެތަން ފެހި ކުރުމަށްވެސް ޚާއްސަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. އެގޮތުން ކުންފުނިތަކުން ހިންގާ ގަސް އިންދުމުގެ ޕްރޮގްރާމަށް ތައުރީފް ކުރައްވާ މިނިސްޓަރ ވިދާޅުވީ، ގަސް އިންދުމުން ނިމުނީ ނޫންކަމަށާއި، އުޅޭ މާހައުލު ސާފުކޮށް ބެލެހެއްޓުމަކީވެސް ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކިގެން އެކަން ކުރަން ޖެހޭ ކަމަށެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިހާތަނަށް ހަ ހާސް ގަސް އިންދާފައިވެއެވެ. ދެވަނަ ފިޔަވަހީގައި ވިހި ހާހަށްވުރެ ގިނަ ގަސް އިންދުމަށް އެޗްޑީސީއިން ވަނީ ނިންމާފައެވެ.