ޚަބަރު

ޓްރާންސްޕޯޓް އޮތޯރިޓީ ކުރީގެ ސްޓަރ ސިނަމާ ޢިމާރާތަށް


މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ ކުރީގެ ސްޓަރ ސިނަމާ ޢިމާރާތަށް ބަދަލުކޮށްފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ވިދާޅުވީ، ޢީދު ބަންދަށްފަހު، މިމަހުގެ 4 ވަނަ ދުވަހުން ފެށިގެން އެ އޮތޯރިޓީ ހިންގަމުންދާނީ ކުރީގެ ސްޓަރ ސިނަމާ ހިންގި މ. ޗަނބޭލީވިލާގެ ފުރަތަމަ ފަންގިފިލާގައިކަމަށެވެ. ޓްރާންސްޕޯޓް އޮތޯރިޓީ މީގެ ކުރިން ހިންގަމުންދިޔައީ ހުރަވީ ބިލްޑިންގގެ ފުރަތަމަ ފަންގިފިލާގައިކަމަށެވެ. ނަމަވެސް އެތަނުގެ ޖާގަ ކުޑަކަމާއި، ޢިމާރާތް ބައުކަމުގެ ޝަކުވާއަކީ ގިނަ ޢާއްމުންގެވެސް ޝަކުވާއެކެވެ.

ރާއްޖޭގެ އެއްގަމާއި، ކަނޑު ދަތުރުފަތުރުގެ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށް ސަރުކާރުން އެކަށައަޅާ ސިޔާސަތުތައް ވިލަރެސްކޮށް، އެފަދަ ސިޔާސަތުތައް ކުރިއެރުވުމަށް މަސައްކަތްކުރާ މައި އިދާރާއަކީ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއެވެ.

އެގޮތުން އެއްގަމާއި، ކަނޑު ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭގޮތުން ޤަވާއިދު ހަދައި ހިންގުމާއި، އެއްގަމާއި، ކަނޑު ދަތުރުފަތުރުގެ ޚިދުމަތްތަކާ ގުޅޭގޮތުން ދޫކުރަންޖެހޭ ލައިސަންސްތައް ދޫކުރަނީ ޓްރާންސްޕޯޓް އޮތޯރިޓީންނެވެ. އަދި އެއްގަމާއި، ކަނޑުގައި ދުއްވާ އުޅަނދުފަހަރު ރަޖިސްޓްރީކުރުމާއި، އުޅަނދުފަހަރާބެހޭ ދަފްތަރު ބެލެހެއްޓުމާއި، އުޅަނދުފަހަރުގައި ފަޅުވެރިން ތިބެންޖެހޭ ސަލާމަތީ މިންގަނޑުތައް ކަނޑައަޅަނީވެސް އެ އޮތޯރިޓީންނެވެ.