ޚަބަރު

މާސްކު މަޖްބޫރުކުރި ދުވަހުވެސް 4 މީހުން ޖޫރިމަނާކުރަން ޖެހުނު


ކޯވިޑް ފެތުރުން ކޮންޓްރޯލްކުރުމަށް މާސްކު އެޅުން މަޖުބޫރުކުރި ފުރަތަމަ ދުވަހުވެސް އެ އެންގުމާއި ޚިލާފުވެގެން 4 މީހަކު ޖޫރިމަނާކޮށްފިއެވެ.

މާލޭ ސަރަހައްދުގައި އާއްމުން އެއްވާ ތަންތަނުގައި މާސްކު އަޅަން މަޖްބޫރުކޮށް އެކަން ފުލުހުން ބަލަން ފެށީ މިއަދު މެންދުރުފަހު 13:00 ފެށިގެންނެވެ. މާސްކު ނާޅާ އުޅޭ މީހުން 1000 ރުފިޔާއިން ޖޫރިމަނާކުރަން ނިންމާ އެކަން އިއުލާންކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ހެލެތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ ނަޒްލާ ރަފީޤް ވިދާޅުވީ މާސްކު ނަޅާ މީހުންނަށް ފުރަތަމަ ފިޔަވަޅު އެދުމުގެ ބަދަލުގައި ފުލުހުން ދޭނީ ނަސޭހަތެވެ. އަދި ޖޫރިމަނާކުރަނީ ދެވަނަ ފަހަރަށްވެސް އެކަން ރަނގަޅު ނުކޮށް އެކަން ތަކުރާރު ކުރާ ނަމައެވެ.

" އެބޭފުޅުން މިއަދު ފުރަތަމަ މާސްކު ނަޅާ ތިބޭ މީހުންނަށް އެންމެ ފުރަތަމަ ފަހަރު ނަސޭހަތް ދީފަ ދެވަނަ ފަހަރުވެސް ރަނގަޅު ނުކޮށްފިނަމަ ފައިންކުރަނީ. އެގޮތުން މިއަދު 116 ފަރާތަކަށް ވަނީ ނަސޭހަތްދީފަ. އަދި 4 ފަރާތެއް މިހާތަނަށް ވަނީ މިއަދު އެކަކުން މިރޭގެ ނުވައެއް ޖެހުމާއި ހަމައަށް ޖޫރިމަނާކޮށްފައި. " ޑރ ނަޒްލާ ވިދާޅުވިއެވެ.

މާލޭ ސަރަހައްދުގައި މާސްކު އެޅުން މަޖްބޫރުކޮށްފައިވާއިރު އެކަމުން އިސްތިސްނާވަނީ ހަމައެކަނި ދެ އަހަރުން ދަށުގެ ކުޑަކުދިންނާއި ކަސްރަތުކުރަން ނުކުންނަ މީހުން ކަސްރަތުކުރާ ވަގުތުއެވެ. މީގެއިތުރުން އެހެން މީހެއްގެ އެހީގައި މާސްކު އަޅާ މާސްކު ނުނެގޭ މީހުންވެސް މި އެންގުމުން އިސްތިސްނާވެއެވެ.

ފުރަބަންދަށް ދިން ލުއިތަކާއި ގުޅިގެން ކޯވިޑްގެ ކޭސްތައް ފެންނަ މިންވަރު އިތުރުވާން ފެށުމުން ޒަރުރީ ބޭނުމެތްނެތި ރޭގަނޑު 11ގެ ފަހުން ބޭރުގައި އުޅޭ މީހުންނަށް ފިޔަވަޅު އަޅާނެކަންވެސް އެޗްއީއޯސީން ވަނީ ހާމަކޮށްފައެވެ. އަދި އެޗްޕީއޭގެ ގައިޑްލައިންތަކާއި ޚިލާފަށް އާއްމު ހިދުމަތް ދެމުން އަންނަ ތަންތަން ބަލާ އިންސްޕެކްޓްކުރުމަށްފަހު އުސޫލާ ޚިލާފަށް ހުންނަތަންތަން އަންނަނީ ވަގުތުން ބަންދުކުރަމުންނެވެ.