ކުޅިވަރު

އޮފީސް ކޮމްޕެނީ ބީޗް ވޮލީ ބޯޅަ މުބާރާތް ސްޓެލްކޯ ކާމިޔާބުކޮށްފި


އިންޓަރ އޮފީސް ކޮމްޕެނީ ބީޗް ވޮލީ ބޯޅަ މުބާރާތުގެ
ޗެމްޕިއަންކަން ސްޓެލްކޯ ހޯދައިފިއެވެ.

ސްޓެލްކޯ މިމުބާރާތުގެ ޗެމްޕިއަންކަން ހޯދީ
ރޭ ދޮންގަނޑު ބީޗް ވޮލީ ކޯޓްގައި ކުޅުނު ފައިނަލް މެޗްގައި ހައުސިންގ މިނިސްޓްރީއާ ވާދަކޮށް، ދެ ސެޓް އެއް ސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ. މިދިޔަ ހަފްތާ
ބަންދުގައި ކުރިއަށްދިޔަ މިމުބާރާތުގެ ތިންވަނަ ހޯދީ ޓްރާންސް މޯލްޑިވްސް
އެއާވޭސްއެވެ. 

މިފަހަރުގެ މިމުބާރާތުގައި ބައިވެރިވެފައިވަނީ އަށް އޮފީހަކުންނެވެ. އެއީ ޗެމްޕިއަން
ސްޓެލްކޯއާއި، މުބާރާތުގެ ދެވަނަ ޓީމްކަމުގައިވާ ހައުސިން މިނިސްޓްރީއާއި، ތިންވަނަ
ޓްރާންސް މޯލްޑިވްސްއާއި، މާލޭ ވޯޓާރ އެންޑް ސުވަރޭޖް ކޮމްޕެނީއާއި، މޯލްޑިވްސް
ކަސްޓަމްސް ސާވިސްއާއި، ދިވެހި ރާއްޖޭގެ ގުޅުން( ދިރާގު )އާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
އެމްއެމްއޭ އަދި މިނިސްޓްރީ އޮފް ހެލްތްއެވެ.