ޚަބަރު

އުސޫލަށް ބަދަލެއް ނާދޭ، ކުނި އުކައިދޭނީ ބޭރަށް ނެރުމުން- ވެމްކޯ


މާލެ ސަރަހައްދުގެ ގެތަކުން މާދަމާއިން ފެށިގެންވެސް ކުނި އުކައިދެމުންދާނީ މިހާރުވެސް އެ ޚިދުމަތް ދެމުންދާ އުސޫލުން ކަމަށް ވެމްކޯއިން ވިދާޅުވެއްޖެއެވެ.

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ވެމްކޯއިން ވަނީ އެ ކުންފުނީގެ މުވައްޒަފުން ގެތަކަށް ވަނުމުގެ ބަދަލުގައި ވަކި ގަޑިތަކެއްގައި ގެތަކުން ތިރިއަށް ކުނިތައް ނެރުމުން ކުނި އުކައި ދިނުމުގެ ޚިދުމަށް ދޭގޮތަށް އުސޫލު ބަދަލުކޮށްފައެވެ. އަދި މި އުސޫލަށް ކުރިން އަމަލު ކުރުމަށް ނިންމާފައިވަނީ މިމަހުގެ އެއްވަނަ ދުވަހާއި ހަމައަށެވެ.

ވެމްކޯއިން ވިދާޅުވީ މި އުސޫލަށް އިތުރު ބަދަލެއް ނުގެނެސް ދަމަހައްޓަން ނިންމީ ކޯވިޑް-19ގެ ޙާލަތު މާލޭގައި ގޯސްވުމާއިއެކު ޢާއްމުންނާއި އެކުންފުނީގެ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައިކަމަށެވެ.

އެގޮތުން މިހާރެކޭވެސް އެއްގޮތަށް ކޮންމެ ދުވަހެއްގެ މެންދުރު 12:00 އިން މެންދުރުފަހު 14:00އާއި ހަމައަށް އެ ގެއެއްގެ ތިރިއަށް ކުނި ނެރެފައި ބެހެއްޓުމުން ވެމްކޯގެ ޓީމުތަކުން ކުނި އުކައި ދިނުމުގެ މަސައްކަތް ކުރާނެކަމަށް އެކުންފުނިން ވިދާޅުވެއެވެ. އަދި މޮނީޓަރިންގެ ޙާލަތަށް ގެނެވިފައިވާ ޢިމާރާތްތަކުން ކުނި ނެރެން ބޭރަށް ނުނިކުތުމަށް އެކުންފުނިން ވަނީ އެދިފައެވެ. އެފަދަ ތަންތަނަށް ކުނިބަލާ ދަނީ ވެމްކޯގެ އެކަމަށް ޚާއްސަ ޓީމުތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުގައެވެ.

މީގެ އިތުރުން މާލެ ހުޅުމާލޭގެ ވެމްކޯ ސައިޓަށްގޮސް ހެނދުނު 08:00އިން ރޭގަނޑު 00:00 އާއި ހަމައަށް ޚާއްސަ ހުއްދައަކާއި ނުލާ ކުނި އުކޭނެ ކަމަށްވެސް ވެމްކޯއިން ވިދާޅުވެއެވެ. އަދި ވިލިމާލޭ ސައިޓަށް ހެނދުނު 08:00 އިން ރޭގަނޑު 10:00އަށް ކުނި އުކޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށްވެސް ވެމްކޯއިން ވިދާޅުވެއެވެ.