ރާއްޖޭގައި ކޯވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވެ ރަށްރަށުންވެސް ބަލި ފެންނަމުންދާތީ ބަލިފެތުރުން ކޮންޓްރޯލްކޮށް ކުރިއަށް އަޅަންޖެހޭ ފިޔަވަޅުތަކާއި ގުޅޭގޮތުން ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން މަޝްވަރާކޮށްފިއެވެ.
މިއަދު ބޭއްވި އެޗްއީއޯސީގެ ބައްދަލުވުމުގައި ހެލްތް މިނިސްޓަރ އަބްދުﷲ އަމީން އާއި ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ހިމެނޭ އިދާރާތަކުގެ އިތުރުން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ޑޮކްޓަރުން ބައިވެރިވިއެވެ.
ފުރަބަންދަށްފަހު މާލެ ސަރަހައްދުގައި އެނެއްކާވެސް ކޯވިޑް-19 ޖެހޭ މީހުން އިތުރުވެފައިވާއިރު މާލޭގެ އިތުރުން ރާއްޖޭގެ 10 ރަށަކުން ކޯވިޑް-19ގެ ކޭސްތައް ފެނިފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ.
ރަށްރަށުން މި ބައްޔަށް ޕޮޒިޓިވް ގިނަ މީހުންނަކީ މާލެއިން ރަށްރަށަށް ގޮސް ހޯމް ކަރަންޓީންގައި ތިއްބާ ޕޮޒިޓިވް ވެފައިވާ މީހުންނެވެ.
ކޯވިޑް-19 ފެތުރުން އިތުރުވެފައިވާތީ އާންމުންގެ ރައްކާތެރިކަމައްޓަކައި މާލެ ސަރަހައްދުގައި މަގުމައްޗަށް ނުކުންނައިރު މާސްކުއެޅުން މިހާރުވަނީ މަޖުބޫރުކޮށްފައެވެ. އަދި ކޯވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދާނަމަ ސްކޫލްތަކުގެ ކިޔެވުންވެސް ނުފެށޭނެކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވަނީ ވިދާޅުވެފައެވެ.
ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން އިޢުލާން ކޮށްފައިވާ ފުރަބަންދަށް ދީފައިވާ ލުއިތަކަށްފަހު އަނެއްކާވެސް ބަލިޖެހޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ހަރުދަނާކޮށް ފުރަބަންދަށް ދިން ލުއިތައް އިތުރަށް ހަރުކަށިކުރަން ޖެހިދާނެކަމުގެ އިޝާރާތެއް ހެލްތު މިނިސްޓަރުވަނީ ދެއްވާފައެވެ.