ދުނިޔެ

އިންޑިއާގެ ބޯޑަރުތައް ބަންދުކޮށްފައި އޮތް އޮތުން އަނެއްކާވެސް ދިގު ދަންމާލައިފި

ބައިނަލްއަޤްވާމީ ފްލައިޓްތަކަށް އިންޑިއާގެ ބޯޑަރުތައް ބަންދުކޮށްފައި އޮތް އޮތުން އަނެއްކާވެސް ދިގު ދަންމާލައިފިއެވެ. ކޯވިޑުން ރައްކާތެރިވުމަށް އެޅި ފިޔަވަޅެއްގެ ގޮތުން ވައިގެ ބޯޑަރު އިންޑިއާއިން ބަންދުކުރީ މާރިޗުމަހުގެ 22 ވަނަދުވަހުއެވެ.

ބޯޑަރުތައް ބަންދުކުރަން ކުރިން ނިންމާފައި އޮތީ އިއްޔެގެ ނިޔަލަށެވެ. އެހެންނަމަވެސް އިންޑިޔާގެ ވައިގެ ދަތުރުފަތުރާބެހޭ ވުޒާރާއިން ބުނީ އެ މުއްދަތު މިމަހުގެ 31 ވަނަދުވަހުގެ ނިޔަލަށް މިހާރު އިތުރުކޮށްފައިވާކަމަށެވެ.

ބައިނަލްއަޤްވާމީ ފްލައިޓްތަކަށް އިންޑިއާގެ ބޯޑަރުތައް ބަންދުކޮށްފައި އޮތް ނަމަވެސް މިދިޔަ މުއްދަތުގެ ތެރޭގައި 2500 ގިނަ ފްލައިޓް ބާއްވާފައިވެއެވެ. މި ހުރިހާ ފްލައިޓަކީވެސް އެޤައުމުގައި އުޅޭ އެހެން ޤައުމުތަކުގެ މީހުން އަނބުރާ ފޮނުވާލުމާއި ޤައުމުން ބޭރުގައި އުޅޭ އިންޑިއާ ރައްޔިތުން ގެނައުމަށް ބޭއްވި ފްލައިޓްތައްކަމަށް އިންޑިޔާގެ ވައިގެ ދަތުރުފަތުރާބެހޭ ވުޒާރާއިން ބުނެއެވެ.

އިންޑިއާއިން ވަނީ ބައެއް ޤައުމުތަކުން ޗާޓަރު ފްލައިޓްތައް ބޭއްވުމަށް އެއްބަސްވުންތަކެއް ހަދާފައެވެ. އިންޑިޔާގެ ވައިގެ ދަތުރުފަތުރާބެހޭ ވުޒާރާއިން ބުނެފައިވަނީ ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ޤައުމަށް އަނބުރާ ނާދެވިފައި ތިބި އެ ޤައުމުގެ ރައްޔިތުންނާއި އެ ޤައުމުގައި ތިބި އެހެން ޤައުމުތަކުގެ ރައްޔިތުން އަނބުރާ ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތުގެ އިތުރުން އެހެން ޤައުމުތަކާއެކު ވައިގެ ދަތުރުފަތުރާބެހޭ އެއްބަސްވުންތައް ޤާއިމުކުރުމަށް ވިސްނަމުންދާކަމަށެވެ. އެގޮތުން، އެމެރިކާއާއި ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތާއި އިނގިރޭސިވިލާތަކާއެކު ވައިގެ ދަތުރުފަތުރުގެ އެއްބަސްވުންތަކެއް ޤާއިމުކޮށް އެ ޤައުމުތަކަށް ސަރަޙައްދީ ރޮނގު ހުޅުވާލުމަށް ވިސްނަމުންދާކަމަށް އިންޑިއާއިން ވަނީ މިދިޔަ ހަފްތާގައި ބުނެފައެވެ. އިންޑިޔާއިން ބުނީ އެމެރިކާއާއި ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތްފަދަ ޤައުމުތަކުގެ އެއާލައިނުތަކުން އެއަރ އިންޑިޔާއިން ކުރަމުންދާފަދަ ދަތުރުތައް ކުރުމަށް ހުށަހަޅާފައިވާކަމަށެވެ.