މިދިޔަ ކުއާޓަރުގައި ޔޫރަޕްގެ އިޤްތިޞާދީ ދުވެލި 11.9 އިންސައްތަ މަޑުޖެހިފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ޔޫރަޕްގެ އިޤްތިޞާދު 11.9 އިންސައްތަ އަޑިއަޅާލާފައިވާއިރު، މިއީ ޔޫރަޕްގެ އިޤްތިޞާދު މިހާ ބޮޑަށް އަޑިއަޅާލި ފުރަތަމަ ފަހަރެވެ. މިއަހަރުގެ ފުރަތަމަ ކުއާޓަރުގައިވެސް ޔޫރަޕްގެ އިޤްތިޞާދު ވަނީ 3.2 އިންސައްތަ އަޑިއަޅާލާފައެވެ.
ތަޖުރިބާކާރުން ބުނާގޮތުން ކޯވިޑްގެ ސަބަބުން އިޤްތިޞާދަށް ކުރިމަތިވި ހީނަރުކަމުން ޔޫރަޕްގެ އިޤްތިޞާދު މަޑުމަޑުން ހަމައަކަށް އެޅެމުން ދިޔަނަމަވެސް، އަނެއްކާވެސް ޔޫރަޕްގައި ކޯވިޑް ފެތުރުން އިތުރުވަމުން ދިއުމަކީ އިޤްތިޞާދަށް އޮތް ނުރައްކަލެއްކަމަށެވެ. އެގޮތުން ޔޫރަޕްގެ ޤައުމުތަކުގެ ތެރެއިން ޖަރުމަން، ފްރާންސް އަދި އިނގިރޭސިވިލާތް، ސްޕެއިން އަދި އިޓަލީގައި އަނެއްކާވެސް ދަނީ ކޯވިޑްގެ ކޭސްތައް އިތުރުވަމުންނެވެ.
އިނގިރޭސިވިލާތަށް ދަތުރުކުރާ ބައެއް ޤައުމުތަކުގެ ރައްޔިތުން އަމަލުކުރަންޖެހޭ އުސޫލުތައް ހަރުކަށިކޮށްފައި އޮތުމުން ފަތުރުވެރިން މަދުވެ، އެޤައުމުގެ ފަތުރުވެރިކަމުގެ ސިނާއަތަށް އެކަމުގެ ބޮޑު އަސަރެއްކުރާނެކަމަށް ތަޖުރިބާކާރުން ބުނެއެވެ.
ޔޫރަޕްގެ އެންމެ ބޮޑު އިޤްތިޞާދުކަމުގައިވާ ޖަރުމަންވިލާތުގެ އިޤްތިޞާދަށް އީޔޫގެ އެހެން ޤައުމުތަކާ އަޅާބަލާއިރު އަޑިއަޅާލިވަރު ކުޑައެވެ. އެޤައުމުގެ އިޤްތިޞާދީ ދުވެލި މަޑުޖެހިފައިވަނީ 10.1 އިންސައްތައެވެ. ނަމަވެސް ފްރާންސް، އިޓަލީ އަދި ސްޕެއިންގެ އިޤްތިޞާދީ ދުވެލި މަޑުޖެހުނު މިންވަރު އުޅެނީ އެއަށްވުރެ މަތީގައެވެ.
ތަޖުރިބާކާރުން ބުނާގޮތުން ޔޫރަޕްގެ އިއްތިޙާދުގެ އިޤްތިޞާދު މިއަހަރު 8.3 އިންސައްތަ ދަށަށްދާނެއެވެ. އިޤްތިޞާދަށް ބޮޑު ހީނަރުކަމެއް އައިސްފައިވާއިރު، އީޔޫގެ ލީޑަރުން ވަނީ އިޤްތިޞާދު އަލުން ކޮޅަށް ޖެހުމަށް 750 ބިލިއަން ޔޫރޯގެ ފަންޑެއް ޤާއިމްކޮށްފައެވެ.