ވިޔަފާރި

ވެބިނަރތައް މެދުވެރިކޮށް ޗައިނާގެ ހާހަކަށްވުރެ ގިނަ ޓްރެވަލް އެޖެންޓުންނަށް ރާއްޖޭގެ މައުލޫމާތު ދީފި


ރާއްޖޭގެ ފަތުރުވެރިކަން ޗައިނާގައި އިތުރަށް އިޝްތިހާރުކުރުމަށް ކުރިއަށްގެންދާ ސިލްސިލާ ވެބިނަރތަކުގައި މިހާތަނަށްް އެޤައުމުގެ ހާހަަކަށްވުރެ ގިނަ ޓްރެވަލް އެޖެންޓުން ބައިވެރިވެފައިވާކަމަށް އެމްއެމްޕީއާރުސީން ހާމަކޮށްފިއެވެ.

މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރުސީން މިހާތަނަށް ވަނީ ޗައިނާ މަރކެޓަށް އަމާޒްކޮށްގެން 5 ވެބިނަރއެއް ބާއްވާފައެެވެ.

10 މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ސިލްސިލާ ވެބިނާތައް މެދުވެރިކޮށް ޗައިނާގެ ޓުއަަރ އޮޕަރޭޓަރުންނަށް ރާއްޖެއާއި ގުޅޭ މައުލޫމާތުތައް ހިއްސާކުރާނެއެވެ. އަދި އެފަރާތްތަކުން އޮޅުންފިލުވަން ބޭނުންވާ ކަންތައްތައް އެމްއެމްޕީއާރުސީން ސާފުކޮށްދޭނެއެވެ.

ޗައިނާއަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުޙިއްމު ޤައުމެކެވެ. ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖެނުއަރީމަހު އެކަނިވެސް 31744 ( އެއްތިރީސް ހާސް ހަތް ސަތޭކަ ސާޅީސް ހަތަރު) ފަތުރުވެރިން ވަނީ ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 23 އިންސައްތަ އިތުރު އަދަދެކެވެ.

އެމްއެމްޕީއާރުސީން ދަނީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދާދިފަހުންވަނީ އިންޑިއާގެ ފަތުރުވެރިކަމުގެ މާކެޓަށް އަމާޒުކޮށްގެންވެސް ހާއްސަ ވެބިނަރއެއް ބާއްވާފައެވެ.