ޚަބަރު

ޠާލިބާނު ހަނގުރާމަވެރިން ގޭބަންދަށް ބަދަލުކުރަން އެމެރިކާއިން ހުށަހަޅައިފި


އަފްޣާނިސްތާނުގެ ސަރުކާރުން ހައްޔަރުކޮށްފައިވާ ޠާލިބާނު ޖަމާޢަތުގެ ނުރައްކާތެރި މުޖުރިމުން ގޭބަންދަށް ބަދަލުކުރަން އެމެރިކާއިން ހުށަހަޅައިފިއެވެ.

އަފްޣާނިސްތާނުގައި ޞުލްޙަ ޤާއިމުކުރުމަށް ޠާލިބާނުންނާއި އެމެރިކާއިންވަނީ މި އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގެ ދަށުން އަފްޣާނިސްތާނުން ހައްޔަރުކޮށްފައިވާ 5،000 ޠާލިބާން ހަނގުރާމަވެރިން ދޫކޮށްލުމަށް އެ ޤައުމުގެ ސަރުކާރުންވަނީ އެއްބަސްވެފައެވެ. އޭގެ ތެރެއިން ގިނަ ޢަދަދެއްގެ ހަނގުރާމަވެރިން މިހާރުވަނީ ދޫކޮށްލައިފައެވެ. ނަމަވެސް ނުރައްކާތެރި މުޖުރިމުންގެ ގޮތުގައި ބެލެވޭ 400 ހަނގުރާމަވެރިން ދޫކޮށްލުމަށް އަފްޣާނިސްތާނުގެ ސަރުކާރުންވަނީ ފަސްޖެހިފައެވެ. އޭގެ ސަބަބުން ޠާލިބާނުންނާ ސަރުކާރާ ދެމެދު އޮންނަ ނުތަނަވަސްކަން އިތުރުވެ، ފާއިތުވި ދުވަސްތަކުގައި ޙަމަލާ ބަދަލުކުރުންވަނީ އިތުރުވެފައެވެ. އަދި ޞުހްޙައިގެ ވާހަކަތަކަށްވަނީ ހުރަސްއެޅިފައެވެ.

ހައްޔަރުކޮށްފައިވާ ހަނގުރާމަވެރިން މިނިވަންކުރުމަކީ ޞުލްޙައިގެ ވާހަކަތައް ފެށުމަށް ޠާލިބާނުން ކޮށްފައިވާ ޝަރުތެކެވެ. އެހެންކަމުން މަޝްވަރާތައް އަލުން ފެށުން އަވަސްކުރުމަށް އެމެރިކާގެ ޚާރިޖީ ވުޒާރާއިން ދަނީ މަސައްކަތްކުރަމުންނެވެ. މިދިޔަ ހަފުތާގައި އަފްޣާނިސްތާނަށް ކުރެއްވި ދަތުރުފުޅެއްގައި އެމެރިކާގެ ޚާއްޞަ މަންދޫބު ޒަލްމެއި ޚަލީލުޒާދުވަނީ މައްސަލަ ޙައްލުކުރުމަށް ޠާލިބާނުގެ އިސްވެރިންނާއި އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީއަށް ގޮވާލައްވައިފައެވެ.

މިނިވަންކުރުމަށް އަފްޣާނިސްތާނުގެ ސަރުކާރުން އުޒުރުވެރިވާ 400 ހަނގުރާމަވެރިންގެ ތެރެއިން 200 މީހުންނަކީ އެތައް ހާސް ޢާންމުންނެއް މަރުވެފައިވާ ޙާމަލާތައް ދިނުމުގައި ބައިވެރިވިކަމަށް ތުހުމަތުކުރެވޭ މީހުންނެވެ. އޭގެ ތެރޭގައި އަފްޣާނިސްތާނުގައި ހުންނަ ޖަރުމަނުވިލާތުގެ އެންބަސީ ގޮއްވާލުމުގައި 2017ވަނަ އަހަރު ބައިވެރިވި މީހުންވެސް ހިމެނެއެވެ. އޭގެ އިތުރުން ހަނގުރާމަވެރި ޖަމާޢާތެއްކަމަށްވާ ހައްޤާނީ ނެޓުވޯކަށް ނިޞްބަތްވާ ޠާލިބާނާ ގުޅުން އޮންނަ މީހުންވެސް ހިމެނެއެވެ.

މައްސަލައަށް ޙައްލެއް ހޯދުމުގެ ގޮތުން އެންމެ ނުރައްކާތެރި ޙަމަލާތަކުގައި ބައިވެރިވެފައިވާ ހަނގުރާމަވެރިން ގޭބަންދަށް ބަދަލުކޮށް އަފްޣާނިސްތާނުގެ ސަރުކާރާއި ޠާލިބާނުންގެ ބެލުމުގެ ދަށުގައި އެ މީހުން ބޭތިއްބުމަށް އެމެރިކާއިންވަނީ ހުށަހަޅައިފައެވެ. ޠާލިބާނުންގެ އެންމެ ނުރައްކާތެރި މުޖުރިމުން މިނިވަންކުރުމަކީ އެންމެ ރަނގަޅުގޮތް ނޫންކަމަށް އެމެރިކާއާއި ހުޅަނގުގެ ގިނަ ޤައުމުތަކުން އެއްބަސްވެއެވެ.