ޚަބަރު

ކޯވިޑް-19 ޖެހިގެން މެކްސިކޯގައި މަރުވި މީހުން އިނގިރޭސިވިލާތަށްވުރެ އިތުރުވެއްޖެ


ކޯވިޑް-19 ޖެހިގެން މެކްސިކޯގައި މަރުވި މީހުންގެ ޢަދަދު އިނގިރޭސިވިލާތަށްވުރެ އިތުރުވެއްޖެއެވެ.

ކޯވިޑް-19 ޖެހިގެން އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވެފައިވަނީ އެމެރިކާއާއި ބުރެޒިލުގައެވެ. އެގޮތުން އެމެރިކާގައި 156،747 މީހުން އަދި ބުރެޒިލުގައި 92،568 މީހުންވަނީ މަރުވެފައެވެ. ތިންވަނައަށް އެންމެ ގިނަ މީހުން މަރުވި ޤައުމުގެ ގޮތުގައި ކުރިން އޮތީ އިނގިރޭސިވިލާތެވެ. އެ ޤައުމުގައި 46،119 މީހުންވަނީ މަރުވެފައެވެ. ނަމަވެސް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މެކްސިކޯގައި 7،730 މީހުންނަށް ކޯވިޑް-19 ޖެހި، 639 މީހުންވަނީ މަރުވެފައެވެ. އެއާއެކު އެ ޤައުމުގައި މަރުވި މީހުންގެ ޖުމްލަ ޢަދަދުވަނީ 46،000އަށް އިތުރުވެފައެވެ. ނަމަވެސް ބަލި ޖެހިފައިވާ މީހުންގެ ޢަދަދާއި މަރުވި މީހުންގެ އަސްލު ޢަދަދު ރަސްމީ ޢަދަދުތަކަށްވުރެ އިތުރުވާނެކަމަށް މެކްސިކޯގެ ރަސްމީ އިދާރާތަކުން ބުނެއެވެ.

ދުނިޔޭގައި އެންމެ ހަލުވިކަމާއެކު ބަލިމަޑުކަން ފެތުރެނީ މެކްސިކޯއާއި ބުރެޒިލު އޮންނަ ސަރަޙައްދުގައެވެ. ފާއިތުވި އެއް މަސް ދުވަހުގެ ތެރޭގައި މެދުތެރޭ އެމެރިކާގައި ބަލި ޖެހުނު މީހުންގެ ޢަދަދުވަނީ ދެގުނައަށް އިތުރުވެފައެވެ. އެ ސަރަޙައްދުގައި ބަލި ޖެހުނު މީހުންގެ ޖުމްލަ ޢަދަދު 4.7 މިލިއަނަށްވުރެ އިތުރެވެ.

މެއި މަހުން ފެށިގެން އިޤްތިޞާދީ ޙަރަކާތްތައް އަލުން ފެށުމަށް މަސައްކަތްކުރަމުންދާ މެކްސިކޯ އަލުން ހުޅުވާލާފައިވަނީ އެކަމަށް ޤައުމު ތައްޔާރުވުމުގެ ކުރިންކަމަށް އެ ޤައުމުގެ ޞިއްޙީ މާހިރުން ޤަބޫލުކުރެއެވެ. ނަމަވެސް އެ ޤައުމުގެ ރައީސް އަންދުރެސް މަނުއަލް ލޮޕެސް އޮބުރަދޯވަނީ އެ ޤައުމުގެ މިނިވަން ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ޙަރަކާތްތައް ކުރިއަށް ގެންދާނެކަމަށް ވިދާޅުވެފައެވެ. ބަލިމަޑުކަމާއި ފެންބޮޑުވުމުގެ ޙާދިޘާތަކާއި ބިންހެލުންތަކާއި ސިޔާސީ ހަމަނުޖެހުންތަކުގެ ތެރޭގައި މެކްސިކޯއިން އަބަދުވެސް މިނިވަން ދުވަސް ފާހަގަކޮށްފައިވާކަމަށް ވިދާޅުވެ، އިޖުތިމާޢީ ގައިދުރުކަމުގެ ފިޔަވަޅުތަކާއެކު އުފާ ފައުޅުކުރުން ކުރިއަށްގެންދަން އޭނާވަނީ ގޮވާލައްވައިފައެވެ.