ޗައިނާގެ މަޝްހޫރު ސޯޝަލް މީޑިއާ އެޕްލިކޭޝަން، ޓިކްޓޮކް އެމެރިކާގައި މަނާކުރާނެކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ދެއްވައިފިއެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވީ ޓިކްޓޮކް އެމެރިކާގައި އޮޕަރޭޓްކުރުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެކަމަށެވެ. އެގޮތުން ރިޔާސީ އަމުރެއް ނުވަތަ އެފަދަ އެހެން ބާރެއް ބޭނުންކުރައްވައިގެން ޓިކްޓޮކް މަނާކުރައްވާނެކަމަށެވެ.
އެމެރިކާގައި ޓިކްޓޮކް މަނާކުރާނެކަމުގެ އިންޒާރު ޓްރަމްޕް ދެއްވާފައިވާއިރު، އެމެރިކާގައި ހިނގާ ޓިކްޓޮކްގެ އޮޕަރޭޝަންތައް ވިއްކާލުމަށް ޓިކްޓޮކްގެ ބެލެނިވެރި ކުންފުނި ބައިޓްޑާންސްއަށް އަމުރުކުރުމަށްވެސް އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ދިޔައީ މަސައްކަތްކުރަމުނެވެ.
ޗައިނާއާއެކު ވިޔަފާރީގެ ހަނގުރާމައެއް ކުރަމުންދާ އެމެރިކާގެ ކަމާބެހޭ އޮފިޝަލުން ބުނާގޮތުން ޓިކްޓޮކްގެ ސަަބަބުން އެމެރިކާގެ ޤައުމީ ސަލާމަތަށް ނުރައްކާވެދާނެއެވެ. އަދި އެކަމާ ގުޅޭ ދިރާސާއެއް މިހާރު ކުރަމުންދާކަމަށްވެސް އެމެރިކާގެ އޮފިޝަލުންނާ ޙަވާލާދީ ޚަބަރުތައް ބުނެއެވެ.
އެމެރިކާއާއި އެހެން ބައެއް ޤައުމުތަކުގެ ފިއްތުންތައް ކުރިމަތިވަމުންދާތީ، ޓިކްޓޮކްގެ މެޖޯރިޓީ ހިއްސާ އެހެން ކުންފުންޏަކަށް ވިއްކާލުމަށް ޓިކްޓޮކް އޮޕަރޭޓްކުރާ ޗައިނާގެ ބައިޓްޑާންސްއިން ކުންފުނިން ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން މަޝްހޫރު މައިކްރޯސޮފްޓުން ޓިކްޓޮކްގެ ހިއްސާ ގަތުމަށް މަސައްކަތްކުރަމުންދާކަމަށް ބައެއް ޚަބަރުތައް ބުނެއެވެ. ނަމަވެސް މައިކްރޯސޮފްޓުން މިކަމާ ގުޅޭގޮތުން ރަސްމީކޮށް ބަހެއް ބުނެފައެއް ނުވެއެވެ.
ޓިކްޓޮކްއަކީ ޤައުމީ ސަލާމަތަށްހުރި ނުރައްކަލެއް ކަމަށް އެމެރިކާގެ ބައެއް އޮފިޝަލުން ސިފަކުރިޔަސް، ސައިބަރ ސެކިއުރިޓީ ތަޖުރިބާކާރުން ބުނާގޮތުން ޓިކްޓޮކްގެ ސަބަބުން އެފަދަ ނުރައްކަލެއް އޮތްކަމުގެ ހެއްކެއް ފެންނާކަށް ނެތެވެ.
އެމެރިކާގައި ޓިކްޓޮކް މަނާކޮށްފައިވާއިރު، މިދިޔަ ޖޫންމަހު އިންޑިއާގައިވެސް ވަނީ ޓިކްޓޮކް މަނާކޮށްފައެވެ. އިންޑިއާ ސަރުކާރުން ޓިކްޓޮކް ބޭނުންކުރުން މަނާކޮށްފައި ވަނީ، ޗައިނާގެ އެޕްލިކޭޝަންތައް އެޤައުމުގައި ބޭނުންކުރުން މަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ. ޓިކްޓޮކްގެ އިތުރުން މަޝްހޫރު އެޕްލިކޭޝަނެއްކަމަށްވާ "ވީ-ޗެޓް" ބޭނުންކުރުންވެސް އިންޑިއާގައި ވަނީ މަނާކޮށްފައެވެ. ޓިކްޓޮކްއާއި ވީޗެޓްގެ އިތުރުންވެސް ޗައިނާގެ 50 އަށްވުރެ ގިނަ އެޕްލިކޭޝަން ބޭނުންކުރުން އިންޑިއާއިން ވަނީ މަނާކޮށްފައެވެ.
އިންޑިއާއިންވެސް ބުނަނީ ޓިކްޓޮކްގެ ސަބަބުން އެޤައުމުގެ ޤައުމީ ސަލާމަތަށް ނުރައްކާތަކެއް ކުރިމަތިވެދާނެކަމަށެވެ.