ކުޅިވަރު

ޗެލްސީ އަށް ޕްރެޝަރު އެބައޮތް: ލަމްޕާޑު


އިނގިރޭސި އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި މިރޭ އާސެނަލްއާ ދެކޮޅަށް ކުޅޭއިރު ޗެލްސީއަށް ޕްރެޝަރު އެބައޮތް ކަމަށް ކޯޗު ފްރޭންކް ލަމްޕާޑު ބުނެފިއެވެ.

އޭނާ ބުނީ އިނގިރޭސި ލީގުގެ ހަތަރު ވަނަ މަގާމާއެކު އަންނަ ސީޒަނުގެ ޗެމްޕިއަންސްލީގުން ފުރުސަތު ލިބިފައިވީ ނަމަވެސް ފައިނަލެއްގައި ޗެލްސީއަށް ތަށި ހޯދައިދިނުމަކީ ކިހާ މުހިންމުކަމެއްކަން މިހާރުގެ ކުޅުންތެރިންނަށް ވިސްނެންޖެހޭ ކަމަށެވެ.

ހަތަރު ފަހަރެއްގެ މަތީން ޗެލްސީއަށް އެފްއޭކަޕް ކާމިޔާބުކޮށްދީފައިވާ ލަމްޕާޑު ބުނީ އޭނާގެ ޓީމަށް، މެޗަކީ ވަރަށް މުހިންމު މެޗެއް ކަމަށެވެ.
ލަމްޕާޑްބުނީ މިސީޒަނަކީ ޗެލްސީއަށް ކާމިޔާބު ސީޒަނެއް ކަމަށާއި، ނަމަވެސް އަދިވެސް ފުރިހަމަކުރެވިދާނެކަމަށެވެ. އެހެންކަމުން މެޗު ކާމިޔާބުކޮށް ތައްޓަކުން ނިންމާލުމަކީ ކިހާ މުހިންމުކަމެއްކަން ކުޅުންތެރިންނަށް ވިސްނެންޖެހޭކަމަށެވެ.

މިރޭގެ މެޗަކީ ކޯޗެއްގެ ގޮތުގައި ލަމްޕާޑް އާއި އާޓެޓާއަށްވެސް ޚާއްސަ މެޗެކެވެ. އެގޮތުން މި މެޗަކީ ކޯޗެއްގެ ގޮތުން ލަމްޕާޑު ޗެލްސީއާއެކު އެފްއޭކަޕް ފައިނަލަށް ނުކުންނަ ފުރަތަމަ މެޗެވެ. އަދި ކޯޗުކަމުގައި އާސެނަލްގެ ކޯޗު މައިކަލް އާޓެޓާގެ ވެސް ފުރަތަމަ ފައިނަލެވެ.