ކުޅިވަރު

ސީޒަން ސަލާމަތްކުރަން ތަށި މުހިންމު: އާޓެޓާ


އަންނަ ސީޒަނުގެ ޔޫރަޕުގެ ޖާގައެއް ހޯދުމަށް އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގެ ތަށި ހޯދުން ވަރަށް މުހިންމު ކަމަށް އާސެނަލްގެ ކޯޗު މައިކަލް އާޓެޓާ ބުނެފިއެވެ.

އޭނާ ބުނީ ޓީމުގެ މުހިންމު ބައެއް ކުޅުންތެރިންގެ އުއްމީދުތަކެއް އެބަހުރި ކަމަށާއި އެފަދަ ކަންކަން ފުރިހަމަ ކުރުމަށް ވެސް ތަށި ވަރަށް މުހިންމު ކަމަށެވެ.

އާޓެޓާބުނީ މިރޭގެ މެޗަކީ ކެޕްޓަނެއްގެ ހައިސިއްޔަތުން ޕެޓްރިކް އައުބަމަޔޯންއަށް ވަރަށް މުހިންމު މެޗެއް ކަމަށާއި، އޭނާއަކީ ތަށި ހޯދުމުގެ އުންމީދުގައި އަބަދުވެސް ހުންނަ ކުޅުންތެރިއެއް ކަމަށެވެ. އަދި އޭނާގެ އުންމީދުތަށް ހާސިލްކުރަން މިރޭގެ މެޗަކީ ރަނގަޅު ފުރުސަތެއް ކަމަށެވެ.

ފޯވަޑް އެލެގެޒެންޓާ ލަކަޒާޓޭ ވެސް ބުނީ އާސެނަލް ވަނީ ސީޒަނުގައި ވަރަށް ގިނަ ރަނގަޅު ކަންކަން ހާސިލްކޮށްފައި ކަމަށާއި ސީޒަނެއްގައި ހާސިލްކުރެވޭނެ އެންމެ މުހިންމު އެއް ކަމަކީ ޖެހިގެން އޮންނަ ސީޒަނުގެ ޔޫރަޕުގެ ޖާގަ ހޯދުންކަމަށެވެ. އެގޮތުން ބަލާއިރު މިއީ މުހިންމު ފައިނަލެއް ކަމަށެވެ.

އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ފަހު ތައްޓާއި އިނާމް ދިނުމުގެ ރަސްމިއްޔާތު ނޯންނާނެއެވެ. އެއީ ކޮވިޑް19ގެ ސަބަބުން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅެކެވެ.