ވިޔަފާރި

ބޯޑަރު ހުޅުވާލިފަހުން 61 ރިސޯޓަކުން ދަނީ ޚިދުމަތްދެމުން

ބޯޑަރު ހުޅުވާލިފަހުން ޖުލައިމަހުގެ ނިޔަލަށް ރާއްޖޭގެ 61 ރިސޯޓެއް އަލުން ހުޅުވާ ޙިދުމަތް ދޭން ފަށާފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމާއެކު ރިސޯޓުތައްވެސް ވަނީ ބަންދުކޮށްފައެވެ. އެހެން ނަމަވެސް މިދިޔަމަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރުއަލުން ހުޅުވާފައިވާއިރު، ރިސޯޓްތައްވެސް ދަނީ ފަތުރުވެރިންނަށް ހުޅުވާލަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ރާއްޖޭގައި 166 ރިސޯޓެއް ހިންގާއިރު، ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލި ދުވަހުވެސް 32 ރިސޯޓެއް ވަނީ ހުޅުވާފައެެވެ.

ގެސްޓުހައުސްތަކާއި ހޮޓެލްތައް ހުޅުވުމަށް ހުއްދަ ދޭނެ ވަކި ތާރީޙެއް ސަރުކާރުން އަދި އިޢުލާންކޮށްފައެެއް ނުވެއެވެ. އެެހެންނަމަވެސް ޓްރާންސިޓް ހޮޓެލްގެ ގޮތުގައި ފަތުރުވެރިންނަށް ޙިދުމަތްދޭން 4 ތަނަކަށް ވަނީ ހުއްދަ ދީފައެެވެ. އެތަންތަނަކީ ބ. އަތޮޅު އަމިއްލަ ފުށި ރިސޯޓާއި، މާލެ އަތޮޅުން މާގިރި ހޮޓެލް އަދި ހުޅުލޭ އައިލެންޑު ހޮޓެލް އަދި ގއ. އަތޮޅުގައި ހިންގާ މަރކުއަރ މޯލްޑިވްސް ކޫޑޫ ރިސޯޓެވެ.

ފަތުރުވެރިންނަށް ޚިދުމަތް ދިނުމުގެ ފުރުޞަތު ސަފާރީތަކަށްވެސް ހުޅުވާލާފައިވާއިރު، ފަތުރުވެރިންނަށް ޙިދުމަތްދިނުމުގެ ހުއްދަ މިހާތަނަށް 22 ސަފާރީއަކަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ދީފައެެވެ.

ސަރުކާރުގެ އަމާޒަކީ އަހަރު ނިމުމުގެ ކުރިން 8 ލައްކަ 50 ހާސް ޓުއަރިސްޓުން ރާއްޖެ ގެނައުމެވެ. އަދި މިއާއެކު ރާއްޖެއަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. އެގޮތުން ވަކި ވަކި މާކެޓްތަކަށް އަމާޒުކޮށްގެންވެސް ޙާއްސަ ހަރަކާތްތައް ދަނީ ބާއްވަމުންނެވެ.

ކޯވިޑް-19އާއި ގުޅިގެން ރާއްޖޭގައި އިޢުލާންކޮށްފައިވާ އާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ފުރަބަންދުގެ ފިޔަވަޅުތަކާއެކު ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރުތައް ސަރުކާރުން ބަންދުކޮށްފައި ވަނީ މިދިޔަ މާޗުމަހުގެ 27 ވަނަ ދުވަހުއެވެ. އޭގެފަހުން ވީ.އައި.އޭއަށް އޮޕަރޭޓްކޮށްފައި ވަނީ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ މުދާ ހިފައިގެން އަންނަ ކާގޯ ފްލައިޓްތަކާއި، ރާއްޖޭން ބޭރުގައި ތިބި ދިވެހިން ގެނައުމަށާއި ރާއްޖޭގައި ތިބި ބިދޭސީން އެނބުރި ޤައުމަށް ދިއުމަށް އޮޕަރޭޓްކުރި ފްލައިޓްތަކެވެ.