ޚަބަރު

ކޯވިޑް-19 : ޢީދު ދުވަހު ޕޮޒިޓިވްވީ 74 މީހުން


ރާއްޖެއިން އިތުރު 74 މީހުން މިއަދު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން ވިދާޅުވީ، ރޭގެ އިރުއޮއްސި 18:00އިން މިރޭ އިރުއޮއްސި 18:00 އާ ހަމައަށް ޕޮޒިޓިވްވި 74 މީހުންގެ ތެރެއިން 70 މީހުން ޕޮޒިޓިވް ވެފައިވަނީ ގްރޭޓަރ މަލޭ ސަރަހައްދުންކަމަށެވެ. އަދި ދެން ޕޮޒިޓިވްވި 4 މީހުންނަކީ އަތޮޅުތަކުން ޕޮޒިޓިވްވި މީހުންނެވެ.

މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދުވަނީ 3793 އަރާފައެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 44 ދިވެހިންނާއި، ބަންގްލަދޭޝްގެ 19 މީހަކާއި، އިންޑިއާގެ 8 މީހަކާއި، ސްރީލަންކާގެ މީހަކާއި، ނޭޕާލްގެ މީހެއްގެ އިތުރުން ފިލިފީންސް މީހެކެވެ.

މިއަދު ބަލިން ރަނގަޅުވެފައިވަނީ 39 މީހުންނެވެ. މިއާއެކު މިބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު މިހާރު މިވަނީ 2607އަށް އަރާފައެވެ. އަދި މިބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ ޢަދަދު މިހާރު މިވަނީ 1155އަށް އަރާފައެވެ. މީގެ ތެރެއިން ފަރުވާދެމުން އަންނަނީ 59 މީހަކަށެވެ.

މި ހަފްތާތެރޭގައި 500 މީހަކަށް ކޯވިޑް-19 ޖެހުނުއިރު އޭގެ ތެރޭގައި ގިނައީ އެއްވެސް ކްލަސްޓަރއަކާއި ގުޅުމެއްނެތް މީހުންކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.