ވިޔަފާރި

ދުނިޔޭގެ އެންމެ އަގު ބޮޑު ކޮފީތަކުގެ ތެރެއިން 10 ކޮފީ


ދިވެހިންގެ މެދުގައިވެސް އެންމެ މަޤްބޫލް އެއް ބުއިމަކީ ކޮފީއޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. ކޮފީގެ ބައެއް ބާވަތްތައް މިއީ ވަރަށް ޑިމާންޑު ބޮޑު، އަގުވެސް ބޮޑު ވައްތަރުތަކެކެވެ. ދުނިޔޭގެ މިގޮތުން ފާހަގަކޮށްލެވޭ 10 ވައްތަރެއްގެ ކޮފީގެ އަގުތަކާއި މިކޮފީތައް ލިބޭ ތަންތަނަށް މިއާޓިކަލްގައި ބަލާލާނަމެވެ.

10. ހަވާއިޔަން ކޮނާ ކޮފީ

ހަވާއީން ލިބޭ ހަވާއިޔަން ކޮނާ ކޮފީ ބީންސްއަކީ ވަރަށް މަދުން ލިބޭ ވައްތަރެއްގެ ވަރަށް ތަފާތު ރަހައެއް ހުންނަ ކޮފީއެކެވެ. މިކޮފީ ބީންސް ލިބޭލެއް މަދުކަމުން އާންމުކޮށް މިކޮފީ ވިއްކުމަށް ޕެކްކުރާނީ މިބީންސްގެ އެންމެ 10 އިންސައްތަ ހިމަނައިގެނެވެ. އަދި ބާކީ 90 އިންސައްތަ އަކީ އާދައިގެ ކޮފީ ބީންސްއެވެ. މިކޮފީގެ އަގަކީ 500 ގްރާމް 34 ޑޮލަރަށެވެ.

9. ލޮސް ޕްލޭންސް ކޮފީ

އަލް ސަލްވަޑޯގެ ދަނޑެއްގައި ހައްދާ މިކޮފީއަކީ ސާރޖިއޯ ޓިކާސް ޔެޔޭސް ކިޔާ މީހެއްގެ އާއިލައިން އުފައްދާ ކޮފީއެކެވެ. މިއީ ދުނިޔޭގެ އެންމެ މީރު ކޮފީ ހޮވާ ކަޕް އޮފް އެކްސަލަންސް ގައި 2006 ވަނަ އަހަރު ދެވަނަ އަދި 2011 ވަނަ އަހަރު 6 ވަނަ ހޯދާފައިވާ ކޮފީއެކެވެ. ކޮފީގެ މާހިރުން ބުނާގޮތުގައި ލޮސް ޕްލޭންސް ކޮފީއަކީ މަޑު ފޮނި ރަހަޔަކާއިއެކު، ޓެންޖަރިން އަދި ކެރަމަލް ރަހައެއް ހުންނަ ކޮފީއެކެވެ. މި ކޮފީގެ 500 ގްރާމް ލިވެނީ 40 ޑޮލަރަށެވެ.

8. ސްޓާބަކްސް ކޮޑްރިޖިނޮކްޓޫޕްލެ ފްރެޕެ

މިއީ ސްޓާބަކްސް އިން ވިއްކާ އެންމެ އަގުބޮޑު ކޮފީއެވެ. މިކޮފީ އަގުބޮޑު ވަނީ މިއީ ސްޓާބަކްސްއިން ވަރަށް މަދުން ނޫނީ ތައްޔާރުނުކުރާ ބުއިމަކަށްވާތީއެވެ. މިކޮފީ ތައްޔާރުކުރަނީ ވަރަށް ގިނަ ބާވަތުގެ ތަކެތި އަޅައިގެނެވެ. މިގޮތުން ވެނީލާ، ބަނާނާ، ސްޓްރޯބެރީގެ ރަހަތައް މިކޯފީ ބުއިމުގައި ހުރެއެވެ. ތަފާތު ރަހަތަކުން ފުރިގެންވާ މިބުންއިން ލިބޭނީ ތައްޓެއް 47.30 ޑޮލަރަށެވެ.

7. ފެޒެންޑާ ސަންޓަރ އައިންސް

500 ގްރާމް 50 ޑޮލަރަށް ލިބޭ މި ކޮފީއަކީ މޭވާގެ ފޮނި ރަހަތަކެއް ހިމެނޭ މީރު ކޮފީއެއްކަމަށް މީގެ ރަހަބެލި ފަރާތްތަކުން ސިފަކުރެއެވެ. މިއީ ބްރެޒިލްގެ މެންތިކުއެރާ ފަރުބަދަ ކައިރީގައި މީގެ 100 އަހަރު ކުރިން އުފައްދަން ފެށި ކޮފީ ބީންސްއަކުން ތައްޔާރުކުރާ ކޮފީއެކެވެ. މިކޮފީ އކީ ގިނަ ބަޔަކަށް ކަމުދާ ކޮފީއަކަށް ވަނީ މީގައި ލާ ފޮނި މީރު ރަހައިގެ ސަބަބުންނެވެ.

6. ޖަމައިކަން ބްލޫ މައުންޓަން ކޮފީ

ޖަމައިކާގެ ބްލޫ މައުންޓަންގެ 5000 ފޫޓު މަތީގައި އުފައްދާ މިކޮފީ މިއީ ދުނިޔޭގައި ނަން މަޝްހޫރު ކޮފީއެކެވެ. މިކޮފީ ހައްދާ ސަރަހައްދަކީ ގިނައިން ވާރޭ ވެހޭ ތަނެކެވެ. އެހެންކަމުން މި ކޮފީ އުފައްދާ ބީންސްގައި ތަފާތު ގޮތްތަކެއް ހުންނަކަމަށް ވެއެވެ. އަދި އާންމު ކޮފީތަކާ ހިލާފަށް މީގައި ހިތި ރަހަ އެހާ ގަދައެއް ނޫނެވެ. މިކޮފީ މިއީ ޖާޕާނުގައި ވަރަށްވެސް މަޝްހޫރު ކޮފީއެވެ. މީގެ 500 ގްރާމް ލިބެނީ 50 ޑޮލަރަށެވެ.

5. ސެއިންޓް ހެލޭނާ ކޮފީ

ސެއިންޓް ހެލޭނާ ކޮފީ އަކީ 1800ގެ އަހަރުތަކުގައި އުޅުނު ފްރާންސްގެ ސްޓޭޓްމަން އަދި މިލިޓަރީ ލީޑަރު ނެޕޯލިއަން ބޮނަޕާޓޭއަށް ވަރަށް ކަމުގޮސްގެން އޭނާ ސެއިންޓް ހެލޭނާ ނަމަކަށް ކިޔާ ރަށެއްގައި އުފެއްދި ކޮފީއެކެވެ. މި ކޮފީ އަގުބޮޑުވާ ސަބަބަކީވެސް މި އުފައްދާ ރަށަކީ އެޓްލާންޓިކް އޯޝަންގެ މެދުގައި އެހެން ތަންތަނާއި ދުރުގައި އޮންނަ ރަށެއްކަމުން ކޮފީ ބީންސް އެހެން ތަންތަނަށް ގެންދިއުމަށް ހަރަދު ބޮޑުވުމުންނެވެ. ނަމަވެސް މިކޮފީ އަގުބޮޑުވާ ހަމައެކަނި ސަބަބަކީ މިއެއް ނޫނެވެ. މީގެ އަގުބޮޑުވަނީ ކޮފީގެ ރަހައަކީވެސް ތަފާތު ފޮނި އަދި ހުތް ރަހައެއް ހިމެނޭ ކޮފީއަކަށްވާތީއެވެ. މިކޮފީގެ 500 ގްރާމް ލިބެނީ 79 ޑޮލަރަށެވެ.

4. ކޮފީ ލުވަކް

މިއީ އާންމުކޮށްވެސް މީޑިއާގައާއި އެކި ގޮތް ގޮތުން ހަބަރުތަކުގައި މަޝްހޫރު ކޮފީއެކެވެ. މިކޮފީ އުފައްދަނީ ޖަނަވާރެއްކަމަށްވާ އޭޝިއަން ޕާމް ޝިވެޓްއަށް ކޮފީ ޗެރީޒް ކާންދީ، އޮއްތަށް އޭގެ ގޮހޮރުގައި ފާމެންޓްކޮށްގެނެވެ. އަދި ޝިވެޓްތައް ބޮޑުކަމުދާއިރު، ކޮފީ ބީންސްތައް ބޭރުވުމުން، ސާފުކޮށް މިކޮފީ އުފައްދައެވެ. މީގެ ކޮފީގެ ތަފާތު މީރު ރަހަ ނުކުންނަނީ މިޕްރޮސެސްގެ ސަބަބުން ކަމަށް ކޮފީ ތައްޔާރުކުރާ އެކްސްޕާޓުން ބުނެއެވެ. މިކޮފީގެ 500 ގްރާމް ލިބެނީ 160 ޑޮލަރަށެވެ.

3. ހެސިއެންޑާ ލަ އެސްމެރަލްޑާ

ބައިނަލްއަޤްވާމީ ގޮތުން ކޮފީއާއި ގުޅުންހުރި އެކި އެވޯޑުތަކުގެ އެއްވަނަ ހާސިލްކޮށްފައިވާ ހެސިއެންޑާ ލަ އެސްމެރަލްޑާ އަކީ ޕެނާމާގެ މައުންޓް ބާރޫގައި އުފައްދާ ކޮފީއެކެވެ. މިއީ އެފަރުބަދައިގައި ހުންނަ ފޭރު ގަސްތަކުގެ ހިޔަލުގައި އުފައްދާ ކޮފީއެކެވެ. މިއީ ވަރަށްވެސް ތަފާތު ރަހައެއް ހުންނަ ކޮފީއެއްގެ ގޮތުގައި ކޮފީ އެކްސްޕާޓުން ސިފަކުރެއެވެ. 500 ގްރާމް 350 ޑޮލަރަށް ލިބޭ މިކޮފީގެ ބީންސް އުފެއްދޭ ވަރަށް މަދެވެ. މިކޮފީގެ އަގުބޮޑުވަނީވެސް އެ ސަބަބާހެދިކަމަށް ބެލެވެއެވެ.

2. ފިންކާ އެލް އިންޖެރްތޯ ކޮފީ

ގުއަޓަމާލާގެ ސަރަހައްދެއްގައި އުފައްދާ މިކޮފީ އާންމު ކޮފީ ބީންސްއަށް ވުރެ ކުދިކުދި ކޮށް ހުންނަ ބީންސްއަކުން އުފައްދާ ކޮފީއެކެވެ. މިކޮފީ މިހާ އަގުބޮޑުވަނީ ބީންސް ލިބޭލެއް މަދުވެފައި، ކޮފީގެ ރަހަތަފާތުވެފައި، ޑިމާންޑު މަތި ވުމުންނެވެ. އަދި މިއުފައްދާ ސަރަހައްދު ނޫން އެހެން ތަނެއްގައި މީގެ ކޮފީ ބީންސް ނުހެއްދޭތީއެވެ. ފިންކާ އެލް އިންޖެރްތޯ ކޮފީގެ އަގު އުޅެނީ 500 ގްރާމް 500 ޑޮލަރަށެވެ.

1. ބްލެކް އައިވަރީ ކޮފީ

ތައިލެންޑްގެ ބްލެކް އައިވަރީ ކޮފީ ކުންފުނިން އުފައްދާ މި ކޮފީއަކީވެސް ޖަނަވާރެއްގެ ގޮހޮރުގައި ބީންސް ފާމެންޓްކޮށްގެން އުފައްދާ ކޮފީއެކެވެ. މިގޮތުން މިކޮފީ އުފައްދަނީ ކޮފީ ޗެރީޒް އެތައް ކާންދީ، އޭގެ ގޮހޮރުގައި ބީންސް ފާމެންޓްވެ، ބޮޑުކަމުދިއުމުން އޭތި ނަގާ ސާފުކޮށްގެނެވެ. މިކޮފީ އަގުވޮޑުވަނީ މީގެ ބީންސްއަކީވެސް ވަރަށް މަދުން ލިބޭ އެއްޗަކަށްވާތީއެވެ. އަދި ފާމެންޓޭޝަން ޕްރޮސެސްގެ ސަބަބުން މީގެ ރަހަ ތަފާތުވުމުންނެވެ. ބްލެކް އައިވަރީ ކޮފީގެ ތަށްޓެއް 50 ޑޮލަރަށް ލިބޭއިރު، މީގެ 500 ގްރާމް ލިބޭނީ 500 ޑޮލަރަށެވެ.

ކޮންމެ އަކަސް މީގެން ކޮންމެ ވައްތަރެއްގެ ކޮފީގެ ރަހަވެސް ކޮފީ ބޯހިއްވާ މީހުން އަޖުމަ ބަލާލަން ބޭނުންވާނެކަން ޔަޤީނެވެ. މީގެ ބައެއް ވައްތަރުތައް ރާއްޖޭގައިވެސް ލިބެއެވެ. އަގު ބޮޑަސް ކޮންމެ ކޮފީ ބޯން ބޭނުންވާ ކޮންމެ މީހަކަށްވެސް މިވައްތަރުތަކުގެ ކޮފީ ބޯހިއްވާނެކަން ޔަޤީނެވެ.