ޚަބަރު

އެއްވެސް މީހަކީ ހަލާކު ކުރަނިވި މީހަކަށް ނުވުމަށް ހުކުރު ޚުތުބާގައި ގޮވާލައްވައިފި


ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމަގެ މަތިވެރި އިރްޝާދުގެ އަޑު އިވުމަށްފަހު އަހަރެމެންގެ ތެރެއިން އެވެސް މީހަކު ހަލާކު ކުރަނިވި މީހަކަށް ނުވުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައްވައިފިއެވެ.

މިއަދުގެ ހުކުރު ޚުތުބާގެ މަޢުޟޫއަކީ "ޚުތުބަޠުލް ވަދާޢުގެ ހިޔާވަހިކަމުގެ ދަށުގައި" މިމައުޟޫއެވެ.

މިއަދުގެ ހުކުރު ޚުތުބާގައި ވަނީ މާތް ނަބިއްޔާގެ އިރުޝާދުން ހޭލުންތެރިކަން ލިބިގަނެ އަމިއްލަ ނަފުސާއި އެހެން މީހުންގެ ނަފްސު ރައްކާތެރި ކުރުމަށް ތެދުވުމަށް ގޮވާލާފައެވެ. އަދި އަހަރެމެންގެ ފުށުން އެއްވެސް މީހަކަށް ގޯނާއެއް ގެއްލުމެއް ނުދީ މުޖްތަމައާއި ވަޠަނުގެ ހިމާޔަތުގައި އަތާއި އަތް ގުޅާލުމަށް ވެސް ޚުތުބާގައި ވަނީ ގޮވާލާފައެވެ.

ހައްދުތަކެއްކަން ކަނޑައަޅުއްވާފައިވާކަން ދެނެގަނެ އެ ހައްދުތަކަށް އަރައި ނުގަތުމަށާއި ފަރްޟު ކުރައްވާފައިވާ ކަންތައްތައް ފުރިހަމައަށް އަދާ ކުރުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ. އަދި މާތްﷲ މުންކަރާތްތަކެއް ނަހީ ކުރައްވާފައިވާ ކަން ދެނެގަނެ އެ މުންކަރާތްތަކާއި ކައިރިނުވުމަށް ވެސް ޚުތުބާގައި ގޮވާލެއްވިއެވެ.

" އަދި ، ޤަސްދުގައި މުއުމިނަކު މަރާ މީގާ (ދަންނާށެވެ!) ފަހެ، އެމީހާގެ ޖަޒާ އަކީ ނަރަކަޔެވެ. އެތާނގައި ދެމިހުންނަނިވި ގޮތުގައެވެ. އަދި ،ﷲ، އެމީހާގެ މައްޗަށް ކޯފާ ލައްވައި ލަޢުނަތްލެއްވިއެވެ. އަދި ބޮޑުވެގެންވާ ޢަޛާބު އެމީހާއަށް ތައްޔާރު ކުރެއްވިއެވެ"މާތް ﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

އިންސާނަކަށް ވީތީ ދޭން ޖެހޭ މަގާމާއި އިހްތިރާމް ދިނުމުގައި ތަފާތު ނުކުރުމަށްވެސް ޚުތުބާގައި ވަނީ ގޮވާލައްވާފައެވެ. މިގޮތުން އިންސާނުންނަކީ އިންސާނީ ވަންތަކަމުގައި އެއް މަގާމަކާއި އެއް ހައިސިއްޔަތެއް ލިބިގެންވާ އެއް ދަރަޖައެއްގެ ބައެއްކަން ފަހަގަކުރެއްވިއެވެ. އަދި އިންސާނާ އުފެދުމުގެ އަސްލާއި އިންސާނި ވަންތަކަމުގެ ސިފަތަކާއި، އިންސާނީ އިހްސާސްތަކަށް ބަލާއިރު އިންސާނިއްޔަތު ކަމުގެ ތިލަފަތަކީ ހަމަހަމަ ތިލަފަތެއް ކަމަށް ހުތުބާގައި ހަންދާންކޮށްދެއްވާފައި ވެއެވެ.

"އިންސާނަކަށް ވީތީ ދޭން ޖެހޭ މަގާމާއި، އިހްތިރާމާއި، ރަހްމާއި، ހަމްދުރުދީއާއި، އަޅައިލުމާއި، އެހީތެރިކަން ދިނުމުގައި ތަފާތުކުރުމެއް ނުވެއެވެ. ގައުމާއި، ނަސްލާއި، ގަބީލާއާއި، އާއިލާ އަކީ އިންސާނިއްޔަތުގެ ތިލަފަތުގެ ކުރިމަތީގައި އެއްވެއް އަގެއް ބުރަދަނެއް ހުރި އެއްޗެއް ނޫނެވެ. މީސްތަކުންގެ ކުލައާއި، ބުރުސޫރައާއި، ޖިންސާއި، އުމުރަކީ އެމީހުންގެ މެދުގައި ތަފާތު ކުރެވޭނެ އަސާސެއް ނޫނެވެ. އާރާއި ބާރާއި. މަގާމާއި ނުފޫޒާއި މާލާއި ޖާހަކީ އިންސާނީ ހަމަހަމަކަމާއި އިންސާފަށް ލޮޅުމެއް ގެނެވޭނެ ކަމެއް ނޫނެވެ." ހުތުބާގައި ވިދާޅުވިއެވެ.

އިންސާނާގެ އެންމެ މުހިންމު އަސާސީ ދެ ހައްޤު ކަމަށްވާ ކަމަށާއި އެއީ ދިރިހުރުމުގެ ހައްގާއި މިލްކުވެރިކަމުގެ ހައްގުކަން ފާހަގަކުރައްވައި ޚުތުބާގައި ވިދާޅުވީ އިންސާނީ ހައްގުތަކަށް އަޑު ނަގައި ގޮވަމުންދާ މީހުންގެ މާކުރިން މާތް ނަބިއްޔާ ވަނީ މުޅި ދުނިޔެއަށް މިކަން އިއުލާން ކުރައްވާފައި ކަމަށެވެ. އިސްލާމް ދީނުގެ މި ދެ ހައްގު ކަށަވަރު ކޮށްދީފައި މިވަނީ ހަމައެކަނި މުސްލިމުންނަކަށް ނޫން ކަމަށާއި ކޮންމެ އިންސާނަކަށް ވެސް މި ދެ ހައްގު ކަށަވަރުކޮށްދީފައި ވާ ކަމަށް ހުތުބާގައި ފާހަގަކުރައްވާފައިވެއެވެ.