ވިޔަފާރި

3 ވަނަ ކުއަޓަރުގައި ހޯލްސޭލް އަދި ރީޓެއިލް ސިނާއަތުގެ ވިޔަފާރިތައް ދަށްވާނެ


2020 ވަނަ އަހަރުގެ 3 ވަނަ ކުއަޓަރުގައި ހޯލްސޭލް އަދި ރީޓެއިލް ސިނާއަތުގެ ވިޔަފާރިތައް ދަށްވާނެކަމަށް އެމްއެމްއޭއިން ލަފާކޮށްފިއެވެ.

މަރުކަޒީ ބޭންކް އެމްއެމްއޭއިން ނެރެފައިވާ 2020 ވަނަ އަހަރުގެ ދެވަނަ ކުއަޓަރުގެ ރިޕޯޓުގައިވާ ގޮތުން ކޯވިޑް-19 ބަލިމަޑުކަމަށް އަންނާނެ ބަދަލުތައް އަންދާޒާކުރުމަކީ ވަރަށް ދަތިކަމެއްކަމުން އެކަމުގެ ސަބަބުން އިގްތިސާދަށް ކުރިމަތިވާނެ ނޭދެވޭ އަސަރުތައް އަންދާޒާ ކުރުމަކީވެސް ދަތި އުނދަގޫކަމެކެވެ. މި ސަބަބުތަކާއި ހެދި 2020 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ވިޔަފާރިތަކުގެ ކުރިމަގު ބަނަ ކަމުގައި ފާހަގަކުރެވެއެވެ. މިގޮތުން އަހަރުގެ ތިންވަނަ ކުއާޓަރުގައި ހޯލްސޭލް އަދި ރީޓެއިލް ސިނާއަތުގެ ވިޔަފާރިތައް ދަށްވެގެންދާނެކަމަށް އެމްއެމްއޭއިން ލަފާކޮށްފައިވެއެވެ.

މިރިޕޯޓުގައިވާ ގޮތުން ހޯލްސޭލް އަދި ރީޓެއިލް ސިނާއަތުގެ ވިޔަފާރިތަކުން ވިއްކާ ތަކެއްޗާއި ހިދުމަތުގެ އަގުތަކާއި އަދި ވިޔަފާރި ހިންގުމަށް ގަންނަ ތަކެތީގެ އަގުތައް ދަށްވެފައިވީ ނަމަވެސް، އިމާރާތްކުރުމުގެ ސިނާއަތުގެ ވިޔަފާރިތަކުގެ އަގުތައް ވަނީ އިތުރުވެފައެވެ. އަދި ކުރިމަގުގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިތަކުގެ އަގުތައް މަތިވެގެންދާނެކަމަށް ލަފާކުރެއެވެ.

2020 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ވިޔަފާރިތަކުގެ މަލީ ހާލަތު ވަނީ އިތުރަށް ހީނަރުވެފައިކަމަށް އެމްއެމްއޭގެ ރިޕޯޓުން ދައްކައެވެ. 2020 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ވިޔަފާރިތަކަށް ކްރެޑިޓްގެ ގޮތުގައި ފައިސާ ހޯދުމަށް ދަތިވެފައިވާކަން ސާވޭގައި ބައިވެރިވި ވިޔަފާރިތަކުން ފާހަގަކުރިކަމަށް އެމްއެމްއޭގެ ރިޕޯޓުގައިވެއެވެ. ވަކިން ޚާއްސަކޮށް ފަތުރުވެރިކަމުގެ ސިނާއަތާއި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިތަކުން، ކްރެޑިޓްގެ ގޮތުގައި ފައިސާ ހޯދުމަށް ދަތިވެފައިވާކަން ފާހަގަކޮށްފައިވެއެވެ.

އެމްއެމްއޭއިން ނެރެފައިވާ ދެވަނަ ކުއަޓަރުގެ ބިސްނަސް ރިޕޯޓުގައިވާގޮތުން ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިތަކުގެ ދެވަނަ ކުއަޓަރުގެ ވިޔަފާރި ވަނީ 78 ޕޮއިންޓް ދަށްވެފައެވެ. އަދި ސަޕްލަޔަރުންނަށް އޯޑަރު ލިބިފައިވާ މިންވަރުވެސް ވަނީ 81 އިންސައްތަ ދަށަށް ގޮސްފައެވެ.

މިއަހަރުގެ ފުރަތަމަ ކުއަޓަރުގައި ސަޕްލަޔަރުންނަށް -10 އިންސައްތަ އޯޑަރު ލިބިފައިވާއިރު، މިއަދަދު ދެވަނަ ކުއަޓަރުގައި ވަނީ -91 އިންސައްތަ ދަށަށްގޮސްފައެވެ. މިއީ ކޯވިޑް-19ގެ ސަބަބުން އެޅިގެންދިޔަ ފުރަބަންދުގެ ފިޔަވަޅުތަކުގެ ސަބަބުން އައި ބަދަލުތަކެކެވެ.