ދުނިޔޭގެ ވިޔަފާރި

2 ވަނަ ކުއާޓަރު - ބޮޑެތި ޓެކް ކުންފުނިތަކަށް ފައިދާ


ކޯވިޑްއާ ގުޅިގެން ދުނިޔޭގެ އިޤްތިޞާދަށް ހީނަރުކަން ކުރިމަތިވެފައި ވީނަމަވެސް، ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކަށް މާބޮޑު އަސަރެއް ނުކުރާކަމަށް މާލީ ހިސާބުތަކުން ދައްކައިފިއެވެ.

ދެވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާގޮތުން ބޮޑެތި ޓެކް ކުންފުނިތައްކަމަށްވާ، އެމެޒޯން، ފޭސްބުކް އަދި އެޕަލްއަށް ލިބުނު އާމްދަނީ ވަނީ އިތުރުވެފައެވެ.

އެމެޒޯންގެ މާލީ ހިސާބުތައް ދައްކާގޮތުން އެކުންފުންޏަށް 88.9 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ 2 ވަނަ ކުއާޓަރާ އަޅާބަލާއިރު 40 އިންސައްތައިގެ އިތުރުވުމެކެވެ. އަދި އެކުންފުންޏަށް ލިބުނު ފައިދާ 5.2 ބިލިއަން ޑޮލަރުގައި އުޅޭއިރު މިއީ މިދިޔަ އަހަރުގެ 2 ވަނަ ކުއާޓަރުގައި އެކުންފުންޏަށް ލިބުނު 2.6 ބިލިއަން ޑޮލަރާ އަޅާ ބަލާއިރު އިތުރުވުމެކެވެ. އެމެޒޯންގެ ވިޔަފާރި ރަނގަޅުވެފައިވަނީ ކޯވިޑްއާ ގުޅިގެން އޮންލައިން ވިޔަފާރީގެ ޑިމާންޑް ބޮޑުވުމުންނެވެ. އަދި އެކުންފުނިން ވަނީ ވިޔަފާރި ފުޅާވުމުގެ ސަބަބުން މިދިޔަ ކުއާޓަރުގައި އެއް ލައްކަ ހަތްދިހަ ފަސް ހާހަށްވުރެ ގިނަ ވަޒީފާވެސް އުފައްދާފައެވެ.

މަޝްހޫރު އެޕަލް ކުންފުނީގެ މާލީ ހިސާބުތަކަށް ބަލާލާއިރު، އެކުންފުންޏަށް މިދިޔަ ކުއާޓަރުގައި 59.7 ބިލިއަން ޑޮލަރު ލިބިފައިވާއިރު މިއީ މިދިޔަ އަހަރުގެ އެމުއްދަތާ އަޅާބަލާއިރު 11 އިންސައްތައިގެ އިތުރުވުމެކެވެ. އަދި އެކުންފުންޏަށް ލިބުނު ފައިދާވަނީ 11.2 ބިލިއަން ޑޮލަރަށް އަރާފައެވެ. މިއީވެސް މިދިޔަ އަހަރުގެ އެމުއްދަތާ އަޅާބަލާއިރު އިތުރުވުމެކެވެ. އެޕަލްގެ އާމްދަނީއާއި ފައިދާ ބޮޑުވި މައިގަނޑު ސަބަބަކީ ގޭގައި މަސައްކަތްކުރާ މީހުން އިތުރުވެ، އެކުންފުނީގެ ބައެއް އުފެއްދުންތަކާއި ޚިދުމަތް ހޯދާ ފަރާތްތައް ވަރަށް ބޮޑަށް އިތުރުވުމެވެ.

ފޭސްބުކްގެ އާމްދަނީއަށް ބަލާލާއިރު، އެކުންފުނީގެ އާމްދަނީ އެހެން ކުއާޓަރުތަކާ އަޅާބަލާއިރު ދަށް ނަމަވެސް، ގެއްލުމެއް ކުރިމައްޗެއް ނުވެއެވެ. އަދި ކުންފުންޏަށް ލިބުނު ފައިދާ އުޅެނީ 5.2 ބިލިއަން ޑޮލަރުގައެވެ. ފޭސްބުކްއިން ބުނާގޮތުން އެކުންފުނީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުންކުރާ މީހުންގެ އަދަދުވެސް މިދިޔަ އަހަރާ އަޅާބަލާއިރު އިތުރުވެފައެވެ.

ބޮޑެތި ޓެކް ކުންފުނިތަކުގެ ތެރެއިން ވިޔަފާރި ކުޑަކޮށްވެސް ދަށްވީ، ގޫގުލްގެ ބެލެނިވެރި ކުންފުނި އެލްފަބެޓްގެއެވެ. އެކުންފުންޏަށް 38.3 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 2 އިންސައްތައިގެ ދަށްވުމެކެވެ. މިއީ 2004 ވަނަ އަހަރު ގޫގުލް ޕަބްލިކް ކުންފުންޏަކަށް ބަދަލުކުރި ފަހުން އާމްދަނީ ދަށްވި ފުރަތަމަ ފަހަރެވެ. އަދި އެކުންފުންޏަށް ފައިދާގެ ގޮތުގައި 7 ބިލިއަން ޑޮލަރު ލިބިފައިވާއިރު، މިއީ 30 އިންސައްތައިގެ ދަށްވުމެކެވެ.