ދުނިޔޭގެ ވިޔަފާރި

އެމެރިކާގެ އިޤްތިޞާދަށް ބޮޑު ހީނަރުކަމެއް


ދުނިޔޭގެ އެންމެ ބޮޑު އިޤްތިޞާދުކަމަށްވާ، އެމެރިކާގެ އިޤްތިޞާދީ ކުރިއެރުން 32.9 އިންސައްތަ ދަށަށް ހިނގައްޖެއެވެ.

މިދިޔަ ކުއާޓަރުގައި އެމެރިކާގެ އިޤްތިޞާދު 32.9 އިންސައްތަ އަޑިއަޅާލާފައިވާއިރު މިއީ އެޤައުމުގެ އިޤްތިޞާދު 1947 ވަނަ އަހަރުގެ ފަށުން މިހާ ބޮޑަށް އަޑިއަޅާލި ފުރަތަމަ ފަހަރެވެ. އެމެރިކާގައި ކޯވިޑް ފެތުރުން ކޮންޓްރޯލްވެފައި ނުވާއިރު، އެޤައުމުގެ އިޤްތިޞާދު ހަމައަކަށް އެޅެން ވަރަށް ދުވަސް ނަގާނެކަމަށް ތަޖުރިބާކާރުން ބުނެއެވެ.

އެމެރިކާގެ އިޤްތިޞާދު އަޑިއަޅާލާފައިވާއިރު މިދިޔަ ކުއާޓަރުގައި އެޤައުމުގެ އެކްސްޕޯޓާއި އިމްޕޯޓްވެސް ވަނީ 20 އިންސައްތަ ދަށަށް ގޮސްފައެވެ. އަދި އެޤައުމުގެ ކޮންޒިއުމަރ ސްޕެންޑިންވެސް ވަނީ 10.7 އިންސައްތަ ދަށަށް ގޮސްފައެވެ.

އިޤްތިޞާދަށް ކުރިމަތިވި ހީނަރުކަމާއެކު އެމެރިކާގައި ވަޒީފާ ނެތް މީހުންގެ އަދަދުވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން ފެބްރުއަރީމަހުން ފެށިގެން މިހާތަނަށް 15 މިލިއަން މީހުންގެ ވަޒީފާ ވަނީ ގެއްލިފައެވެ. ވަޒީފާ ގެއްލުނު މީހުންނާ އަޅާބަލާއިރު، ވަޒީފާއެއް އަލުން ލިބިފައިވަނީ ވަރަށް މަދު ބަޔަކަށެވެ.

އެމެރިކާގެ އިޤްތިޞާދު ހަމައަކަށް އެޅުވުމަށް އެޤައުމުގެ ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ވަޒީފާއަށް އަސަރުކުރި މީހުންނަށް އިނާޔާތްދިނުމަށް 600 މިލިއަން ޑޮލަރުގެ ޕެކޭޖެއް ތަޢާރަފްކޮށްފައިވާއިރު، އިތުރު ސްޓިމިއުލަސް ޕެކޭޖެއް ތަޢާރަފްކުރުމަށް ކޮންގްރެސްއިން ދަނީ މަސައްކަތްކުރަމުންނެވެ.