ވިޔަފާރި

މިއަހަރުގެ ހޮޓެލް އޭޝިއާ ފެއަރ ނުބާއްވަން ނިންމައިފި

ރާއްޖޭގައި ބާއްވާ އެންމެ ދުވަސްވީ އެއް ފެއަރކަމުގައިވާ، ހޮޓެލް އޭޝިއާ މިއަހަރު ނުބާއްވަން ނިންމައިފިއެވެ.

ހޮޓެލް އޭޝިއާ އިންތިޒާމުކުރާ މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސާވިސަސް (މެކްސް) އިން ބުނި ގޮތުގައި މި އަހަރުގެ ފެއަރ ބޭއްވުމަށް ހަމަޖެހިފައި އޮތީ ސެޕްޓެމްބަރު މަހުގެ 20 އިން 23 އަށް ދަރުބާރުގޭގައެވެ. ނަމަވެސް ކޮވިޑް-19 ހަލުވިކަމާއެކު އަދިވެސް ފެތުރެމުންދާތީ އާއި ދުނިޔޭގެ ދަތުރު ފަތުރަށްވެސް އެޅިފައިވާ ހުރަހުގެ ސަބަބުން ފެއަރ މިއަހަރު ނުބާއްވަން ނިންމީ ކަމަށް މެކްސްއިން ބުނެއެވެ. އަދި މިހާރުގެ ހާލަތުން ގިނަ ވިޔަފާރިތައް ފެއާގައި ބައިވެރިވާން ދަތިވެފައިވާކަން އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.

ހޮޓެލް އޭޝިއާ ފެއަރ ބާއްވާތަ މިހާރު ވަނީ 15 އަހަރު ވެފައެވެ. ވިޔަފާރިތަކަށް އެއްތަނަކުން ބައްދަލުކޮށް ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް މަގުފަހިކޮށްދިނުމަށް ބާއްވާ މިފެއަރގެ ތެރެއިން ކޮންމެ އަހަރަކުވެސް ޕްރޮފެޝަނަލް ޝެފުންގެ ކަލިނަރީ އާޓްސްގެ ހުނަރުތައް ދައްކާލުމުގެ ފުރުސަތު ދިނުމަށް "ކަލިނަރީ ޗެލެންޖް" ސެގްމެންޓެއްވެސް ކުރިޔަށް ގެންދެއެވެ.

މިދިޔަ އަހަރުގެ ހޮޓެލް އޭޝިއާ ކަލިނަރީ ޗެލެންޖުގައި 400 އަށްވުރެ ގިނަ ޝެފުން ބައިވެރިވިއެވެ.

ކޯވިޑް-19ގެ ސަބަބުން ހޮޓެލް އޭޝިއާ ފެއަރގެ އިތުރުންވެސް ރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް މިއަހަރު ބޭއްވުމަށް ހަމަޖެހިފައި އޮތް ޤައުމީ، ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ހުރިހާ ފެއަރ، އެގްޒިބިޝަންތަކެއް ވަނީ ކެންސަލް ނުވަތަ ފަސްކޮށްފައެވެ.